މާލޭ ހުޅަނގު ފަރާތް މިފަހަރު ފެހިކޮށްލަނީ ދިވެހި ރުކުން

މާލޭގެ ހުޅަނގު ފަރާތުގައި ދިވެހި ރުއް އިންދައި ފެހިކޮށްލުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ފަހުން އައިސް މާލޭގައި މުޅިން ވެސް އިންދަނީ ކަދުރު ރުކެވެ. ސަރުކާރުން އެންމެ ފަހުން ކުރިއަށް ގެންދިޔަ 'އެއް ލައްކަ ގަސް' މަޝްރޫއުގެ ދަށުން ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ކަދުރު ރުއް އިންދި އެވެ.
ބުނީ ކީކޭ؟ - އެކަމަކު ސިޓީ ކައުންސިލް މޭޔަރު އާދަމް އާޒިމް މިއަދު ވަނީ، މާލޭގެ ހުޅަނގު ފަރާތުން ބޮޑުތަކުރުފާނު މަގުގައި ދިވެހި ރުއް އިންދަން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ބޭރު މަގުގައި ބައެއް ރުއްތައް މިހާރު އިންދާ ނިމިފައިވާއިރު، މޭޔަރު ވިދާޅުވި ގޮތުގައި އެކަން ކުރަނީ، މާލެ ފެހި ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުންނެވެ.
މި މަސައްކަތުގެ ދަށުން އިންދަނީ ކިތައް ރުއްކަމެއް ކަމެއް ސާފެއް ނުވެ އެވެ.
އެނގުން މުހިއްމު - މާލޭ ބޮޑުތަކުރުފާނު މަގުގެ ދެކުނުކޮޅުގައި ކަދުރު ރުއް އިންދާފައި ހުންނައިރު ގިނަ ޕާކުތަކުގައި ވެސް މިހާރު އިންދާފައި ހުންނަނީ ކަދުރު ރުކެވެ. އަދި އެންމެ ފަހުން ތަރައްގީކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި ވެސް ޖެހީ ކަދުރު ރުކެވެ. ދިވެހި ރުކުގެ ބަދަލުގައި، ރާއްޖެއަށް ބީރައްޓެހި ގަހަކުން ރަށް ފެހިކުރާތީ ބައެއް މީހުންގެ ފާޑުކިޔުން ވެސް އެކަމަށް އަމާޒުވެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ