ޔުނައިޓެޑަށް މޮޅުވުމުގެ ހެޓްރިކެއް، ޗެލްސީއާއި ލިވަޕޫލަށް ބައްޔެއް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ލީގުގައި މޮޅުވުމުގެ ހެޓްރިކެއް ހެދިއިރު، ލިވަޕޫލާއި ޗެލްސީ ކުޅުނު މެޗުތަކުން ބަލިވެ ހާސްކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ. ރޭ ޔުނައިޓެޑުން ބްރައިޓަން ބަލިކޮށްފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ. މިއީ އަމޮރިމްގެ ކޯޗުކަމުގެ ދަށުން މިހާތަނަށް ޔުނައިޓެޑުން ނެރެމުން އަންނަ އެންމެ ރަނގަޅު ނަތީޖާއެވެ. އަދި ފާޑުކިޔުންތަކަށް މަޑުޖެހުމެއް ލިބުނު ކަމަކަށެވެ. މި މޮޅާއެކު ޔުނައިޓެޑު ވަނީ ތާވަލުގެ ހަތަރުވަނަ މަގާމަށް ޖެހިލައިފައެވެ. އެއީ ކުޅުނު ނުވަ މެޗުން ލިބުނު 16 ޕޮއިންޓާއެކުގައެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ކަސެމީރޯ އާއި ކޫންޔާ ވަނީ ދެ ލަނޑު ޖަހައިދީފައެވެ. ދެވަނަ ހާފުގައި އެ ޓީމުގެ ތިންވަނަ ލަނޑު ބްރައިން އެމްބުއޭމޯ ކާމިޔާބުކުރި ނަމަވެސް ބްރައިޓަން އިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހާ ޔުނައިޓެޑު ހާސްކޮށްލާފައެވެ. ނަމަވެސް އެ ޓީމަށް ހަމަނޭވާ ލެވުނީ މެޗުގެ ފަހުކޮޅުޖެހި ލަނޑުތަކުންނެވެ. ޗެލްސީ ކުޅުނު މެޗުން ރޭ ބަލިވީ ސަންޑަލޭންޑާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ސަންޑަލޭންޑް ކާމިޔާބުކުރީ ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކުންނެވެ. ރޭގެ މެޗުން ބަލިވުމާއެކު ޗެލްސީ ވަނީ ލީގު ތާވަލުގެ އަށްވަނައަށް ވެއްޓިފައެވެ. އަދި އެޓީމަށް ނުވަ މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. ޗެލްސީއާ ސަންޑަލެންޑް ކުޅުނު މެޗުގެ ތެރެއިން-- ލިވަޕޫލުން ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށް ނުކުމެ އެ މެޗުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އެންމެފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން އެޓީމު ބަލިވެފައިވާއިރު، ލީގުގައި އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ