ދިވެހި ވިޔަފާރިތަކުން، ޗައިނާގައި ކުރާ ވިޔަފާރީގެ ފައިސާ ޑޮލަރުން ޖަމާވާ ކުރެވޭނެ އިންތިޒާމް އެމްއައިބީން ހަމަޖައްސައިފި

ދިވެހި ވިޔަފާރިތަކުން، ޗައިނާގައި ވިއްކާ މުދަލުގެ ފައިސާ ފަސޭހަކަމާއެކު އެމްއައިބީގެ އެކައުންޓަށް ޑޮލަރުން ޖަމާވާ ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
އަލީބާބާއާއި ގުޅިގެން ދިވެހި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބޭއްވި ވޯކްޝޮޕްގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޗީފް ރީޓެއިލް ބޭންކިން އޮފިސަރު ހުސައިން އާލިމް ޝަކޫރު ވަނީ ދިވެހި އުފެއްދުންތެރިންނަށް މިއަދު ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމާއި ގުޅޭ ގޮތުން ވަހަކަދައްކަވަފާއެވެ. އެގޮތުން ދިވެހިރާއްޖޭގައި އުފައްދާފައި ހުންނަ ތަކެތި ރާއްޖެއިން ބޭރުގެ ވިޔަފާރިތަކަށް ވިއްކުމަށްފަހު އެއިން ލިބޭ އާމްދަނީ އަނބުރާ އެތަކެތި އުފައްދާ ފަރާތްތަކަށް ލިބޭނެ މަގު ފަހިވެފައި ނެތްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ފައިސާ ގެނެވޭނެ މަގު އޮތްނަމަވެސް ފައިސާ ގެނައުމަށްޓަކައި ނަގާ ފީއާއި ޗާޖުތައް ބޮޑުވުމުގެ ސަބަބުން ލިބޭ އާމްދަނީ ދެކޮޅު ނުޖެހޭކަމަށް ހުސައިން އާލިމް ވިދާޅުވިއެވެ. ފީތަކާއި ނުލާ އެހެން ޗެނަލަކުން ވިޔަފާރިވެރިންނަށް ރާއްޖެއާއި ހިސާބަށް ފައިސާ ގެނެވޭނެ މަގުތަކެއް ހުޅުވައިދިނުމަށް އެމްއައިބީން މަސައްކަތްކުރަމުން އަންނަކަން ހާމަކޮށް ހުސައިން އާލިމް ވިދާޅުވީ އެ ބޭންކުން އެންމެ ބޮޑަށް ވިސްނީ އެންމެ ކުޑަ ފީއަކުން ވިޔަފާރިތަކަށް ފައިސާ ގެނެވޭނީ ކިހިނެތް ކޮންގޮތަކުންތޯ ދެނެގަތުންކަމަށެވެ. އެގޮތުން ދިވެހި ވިޔަފާރިތަކުން ޗައިނާގައި މިހާރު ކުރާ ވިޔަފާރިތަކުން، ޗައިނީސް ޔުއާންއިން އަދި އެމެރިކާ ޑޮލަރުންވެސް އެމްއައިބީގެ އެކައުންޓަށް ވަރަށް ކުޑަކުޑަ ޗާޖަކާއި އެކީގައި އެ ފައިސާ ގެނެވޭނެކަމަށެވެ.
އެމްއައިބީން ވަނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މި ހިދުމަތް ފެށުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ