ސްޓެލްކޯގެ އެހީތެރިކަމާއެކު މައްސަލަ ހައްލުކޮށް ކުޅުދުއްފުއްޓަށް އަލުން ކަރަންޓު ދީފި

ހދ. ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލަ ހައްލުކޮށް, މުޅި ރަށަށް އަލުން ކަރަންޓުގެ ހިދުމަތް ދީފިއެވެ.
ކުޅުދުއްފުށިން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ޓްރާންސްފޯމަރަށް ދިމާވި މައްސަލައާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ މޮޑިއުލް އަނދައިގެންނެވެ.
ފެނަކައިން މިރޭ ބުނީ, ކުޅުދުއްފުށީގައި ހިންގަމުންއައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލްމޮޑިއުލް އަނދައި މުޅިރަށުން ކަރަންޓު ކެޑުނު މައްސަލަ ހައްލުކޮށް މިރޭ 08:10 ގައި ދާއިމީކޮށް ކަރަންޓު ދޫކުރެވިފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ މިއަދު ދިމާވި ކަންކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކުޅުދުއްފުށީ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށްފައިވަނީ ސްޓެލްކޯގެ އެހީތެރިކަމާއެކުގައެވެ. ސްޓެލްކޯގެ އެންމެ ތަޖުރިބާކާރު އިލެކްޓްރީޝަނުން ވަނީ މައްސަލަ ހައްލުކުރުމަށް އެ ރަށަށް ގޮސްފައެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ "އެކްސް"ގައި ވިދާޅުވީ އެ ރަށަށް ކަރަންޓު ދެވުނީ އެ ކުންފުނީގެ އިލްމީ، ޤާބިލް އަދި ތަޖުރިބާކާރު ޓީމާއި، ފެނަކައިގެ މުވައްޒަފުން ކުރި ކަސައްކަތުން ކަމަށެވެ.
"ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް ދެއްވަވަމުންގެންދަވާ ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވަން. މިފަދަ ކޮންމެ ދަނޑިވަޅެއްގައި ޤައުމީ ވާޖިބެއް ކަމުގައި ދެކި ތިޔަ މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ފަޙުރުވެރިކަމާއިއެކު، ސާބަހާއި ޝުކުރު ދަންނަވަން."ފަހުމީ ވިދާޅުވެފައިވެއެވެ.
ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހިދުމަތަށް ދިމާވި މައްސަލައާ ގުޅިގެން ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން މި ހިނގާ އޭޕްރިލް މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓެއް ދޭން ވެސް ފެނަކައިން އޮތީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ