ދިއްގަރުގައި 75 ހައުސިން ޔުނިޓު އަޅަން ޙަވާލުކޮށްފި

މ. ދިއްގަރުގައި 75 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓަރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ޙަވާލުކުރައްވައިފިއެވެ.
އެކަމަށްޓަކާ އެ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމަސައްކަތުގެ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
މި އެއްބަސްވުމުގައި ދަށުން ދިއްގަރުގައި އިމާރާތް ކުރަން ހަމަޖެހިފައިވަނީ 1،000 އަކަފޫޓުގެ ހައުސިން ޔުނިޓުތަކެކެވެ. އެ ހައުސިން ޔުނިޓްތަކުގައި ހިމެނެނީ 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހިމެނޭ ގޮތަށް 1000 އަކަފޫޓު ބޮޑުމިނުގެ 75 ހައުސިންގ ޔުނިޓެވެ.
އެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 420 ދުވަހުގެ މުއްދަތުގެތރޭގައި ނިންމުމަށެވެ.
މިދިޔަ މަހު ދިއްގަރަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މި އަހަރުގެ ތެރޭގައި އެރަށުގައި 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި އަންނަ އަހަރުގެ ތެރޭގައިވެސް އިތުރު ހައުސިން މަޝްރޫއުތައް ދިއްގަރުގައި ހިންގަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ