ސަރުކާރުން މުވައްޒަފުންނަށް ތަމްރީން ދީ، މުސާރަ އާއި އިނާޔަތް ބޮޑުކުރާނަން - ރައީސް

ސަރުކާރު މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދީ އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސްސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަމެއް ދެއްވާނެ ކަމަށެވެ. ގައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށެވެ. އަދި ޑޭކެއާ ސެންޓަރުތައް ފަދަ ޚިދުމަތްތައް ޤާއިމުކޮށް، ޢާއިލާތަކަށް ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށްދެއްވާނެ ކަމަށެވެ.
"ސަރުކާރުގެ އެކި ހިދުމަތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ އިނާޔަތްތައް އިތުރުކޮށްދޭން އަޅުގަނޑުމެން މިހާރު ވާނީ ފަށައިފައި. ގައުމުގެ އިގްތިސޯދުގައި ބުންވަރު ޖެހެމުން ދިޔަ މިންވަރަކުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ ހަމައެކަނި ހައްލެއް ނޫން. މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު އަބަދުމެ ދެމުން ގެންދާން ޖެހޭ." ރައީސް ވިދާޅުވިއެވެ.
ސަރުކާރު މުވައްޒަފުންގެ އިތުރުން، އަމިއްލަ އެކި ވަޒީފާތަކުގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ މަސައްކަތްތެރީންނަށް ވެސް ބޯހިޔާވަހިކަމުގެ ހާއްސަ ސްކީމްތައް ތައާރަފްކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސައްކަތުގެ މާހައުލުގެ ރައްކައުތެރިކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުން މުހިންމު ކަމަށެވެ. މަސައްކަތްތަކުގައި ކުރިއަށް ދިޔުމަށް ބޭނުންވާނެ ލުއި ލޯން ސްކީމްތަކާއި، އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުންވެސް މުހިންމު ކަމަށާއި އެ ކަންކަން ސަރުކާރުން ވަނީ ފަށާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތު، ދިވެހީންނަށް އިތުރަށް ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ވާނީ ކަނޑައަޅައިފައި ކަން ރައީސް ފާހަގަކުރެއްވެވިއެވެ. އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއްވެފައިވާ އެފަދަ ކަންކަން މުޅިން ހައްލުކުރެވޭނީ ގިނަދުވަހުން، ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު، ގާނޫނު ތަންފީޒުކުރުން ދަމަހައްޓައިގެން ކަމަށެވެ.
" ރާއްޖޭގައި ހިނގަމުންދާ އިގްތިސޯދީ މަސައްކަތްތައް ފުޅާކޮށް، އައު ބާވަތްބާވަތުގެ މަސައްކަތްތައް ފަށައި، އައު އިންވެސްޓްމަންޓްތައް ކުރުމަށް 5 އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދޭނަން. ޓޫރިޒަމް ފުޅާކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރުކޮށް، ޓްރާންޝިޕްމަންޓް ހިދުމަތް ފަދަ ކަންކަން ތައާރަފުކޮށް، ދަތުރުފަތުރުގެ ހިދުމަތް ހަރުދަނާކުރުން ފަދަ ކޮންމެ ކަމަކުން އިތުރު ވަޒީފާތައް އުފެދި، ލިބޭ އާމްދަނީ މަތިވަމުންދާނެ." ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ