އިއްޒުއްދީން ސްކޫލުގެ ބެލެނެވެރިންނާއި ދައިރިވަރުންގެ ނުރުހުމާއެކުވެސް އެ ސްކޫލު ހުސްކުރުމަށް މުއިއްޒު ނިންމަވައިފިއެވެ. އިއްޔެ އިއްޒުއްދީން ސްކޫލުގެ ބެލެނެވެރިންނާއި އެސްކޫލުގެ ޕްރިންސިޕަލް ބައްދަލުކުރުމަށްފަހު ވަނީ ސަރުކާރުން އެސްކޫލް ބަންދުކުރުމަށް ނިންމާފައިވާކަން އަންގާފައެވެ.
އެގޮތުން, ސަރުކާރުން މިހާރު އެ ސްކޫލު ބަންދު ކުރުމަށް ނިންމާފައިވާކަން އެންގުމަށް އިއްޒުއްދީން ސްކޫލުގެ ބެލެނެވެރިންނާއި އިއްޔެ ހަވީރު ބައްދަލު ކޮށްފައިވަނީ އެ ސްކޫލުގެ ޕްރިންސިޕަލްއެވެ. އަދި މި ސަރުކާރުގެ ސިޔާސީ އެއްވެސް ބޭފުޅަކު ބެލެނެވެރިންނާއި ބައްދަލު ކުރުވުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.
ސްކޫލުގެ ޕްރިންސިޕަލް ބެލެނެވެރިންނާއި ބައްދަލުކޮށް އިއްޔެ ވިދާޅުވީ ސްކޫލުގެ ބެލެނެވެރިންނަށް އޮތް ހަމައެކަނި ގޮތަކީ އިއްޒުއްދީންގައި ކިޔަވަމުންދާ 600 ދަރިވަރުން މާލޭގެ އެކި ސްކޫލުތަކަށް ބަހާލުން ކަމުގައެވެ.
އެހެންނަމަވެސް ބެލެނެވެރިން އެދުނީ އިއްޔެގެ ބައްދަލުވުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރަކާއެކީ ބޭއްވުމަށެވެ. އެހެންނަމަވެސް އިއްޔެގެ ބައްދަލުވުމުގައި އިސްފަރާތެއްގެ ގޮތުން ބައިވެރިވި އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ, ބެލެނެވެރިން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އިއްޔެއަކީ އޭނާއަށް އެ ސްކޫލުގެ ޕްރިމްސިޕަލްގެ މަގާމުގައި ހުރެވޭނެ އެންމެ ފަހު ދުވަސް ކަމުގައެވެ.
އަދި ސްޓޭޓް މިނިސްޓަރަކާއެކީ ބައްދަލުވުން ބޭއްވުމަށް ބެލެނެވެރިން އެދިފައިވި ނަމަވެސް, ޕްރިންސިޕަން ވިދާޅުވެފައިވަނީ އެއީ އޭނާއަށް ކުރެއްވޭނެ ކަމެއް ނޫންކަމުގައެވެ. އެހެންނަމަވެސް ބެލެނެވެރިން ބޭނުންވާ އެހެން ކޮންމެ ސްކޫލަކުންވެސް ޖާގަ ލިބޭނެކަމުގައިވެސް ޕްރިންސިލް އެ ސްކޫލުގެ ބެލެނެވެރިންނާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.
ހީލަތްތެރި ރޭވުމެއްގެ ދަށުން, ރައީސް މުއިއްޒުއާއި ޑީލް ހައްދަވާ, އިއްޒުއްދީން ސްކޫލުގައި ތައުލީމު ހާސިލް ކުރަމުންދާ 600 ދަރިވަރުންގެ މުސްތަގުބަލް އެއްވެސް ރަހުމެއް ހަމްދަރުދީއެއްނެތި ”ފުނޑާލުމަށްފަހު“ މަހުޖަނު ގާސިމް އަދިވެސް ހުންނެވީ ހަނުއެވެ. އޭނާ ހަނު ހުންނަވައިގެން, އިއްޒުއްދީން ސްކޫލުގެ 600 ދަރިވަރުން އެ އިމާރާތުން ނެރުމަށްފަހު, އެ ސްކޫލުގެ ބިން ފޭރިގަންނަމުންދަނީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތި, އަނިޔާވެރި ޔަހޫދީން ފަލަސްތީނުގެ ބިންތައް ފޭރިގަންނަމުންދާ މޭރުމުންނެވެ.
ރައީސް މުއިއްޒު ގާސިމް އިބުރާހިމްޢާއެކު ހެއްދެވި ޑީލެއްގެ ދަށުން, މި ސަރުކާރުން ވަނީ އިއްޒުއްދީން ސްކޫލް ބަންދު ކުރަން ނިންމާ, އަދި ނިންމާފައިވަނީ އެ ސްކޫލުގައި ކިޔަވަމުންދާ އެތައްސަތޭކަ ދަރިވަރުން ސަރުކާރުގެ އެހެން ސްކޫލުތަކަށް ބަހާލުމަށެވެ.
”ދިޔަވަރު އޮންލައިން“އާއި ވާހަކަ ދެއްކި އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, ޢިއްޒުއްދީން ސްކޫލް ހިންގި އިމާރާތް, މަހުޖަނު ގާސިމް އިބުރާހިމްއަށް ދިނުމަށް މުއިއްޒު ވައުދުވީ ފާއިތުވި މަޖިލިސް އިންތިޚާބަށް ގާސިމް އިބުރާހިމް ޚަރަދު ކޮށްދިނުމަށް ވީ އެއްބަސް ވުމާއެއްގޮތަށް ކަމުގައެވެ.
ގާސިމް އިބުރާހިމް ވަނީ ފާއިތުވި މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް 50 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. އޭގެ ބަދަލެއްގެ ގޮތުން, ގާސިމް އިބުރާހިމްގެ ވިލާ ކޮލެޖްއާއި އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތް ހުރި ބިން އެއްކޮށްލުމަށް ބޭނުންވެ ގާސިމް އެދުނު އެދުމާއި އެއްގޮތަށް އިއްޒުއްދީން ސްކޫލު ހުރި އިމާރާތް ވިލާ ކޮލެޖަށް ދިނުމަށް މުއިއްޒު އެއްބަސްވެފައިވާކަމަށް ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި މިނިސްޓްރީގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް މިކަން ރަސްމީކޮށް މިސަރުކާރަށް އިއުލާން ނުކުރެވިގެން އުޅެނީ އެ ސްކޫލުގެ ބެލެނެވެރިން ޕްރެޝަރާހެދިއެވެ. ސްކޫލުގެ ބެލެނެވެރިން ބުނަމުންދަނީ, އެހެން ސްކޫލެއް ތޮށްޖައްސާން, އިއްޒުއްދީން ސްކޫލުގެ ދަރުވަރުން އެހެން ސްކޫލަކަށް ބަދަލުކުރުމަށް އެއްބަސް ނުވާނެކަމުގައެވެ. އޭގެ ސަބަބަކީ މިހާރުވެސް މާލޭގެ ސްކޫލުތައް ފުރިބާރުވެފައިވާއިރު, އިއްޒުއްދީން ސްކޫލުގެ 600 މާލޭގެ އެހެން ސޫލުތަކަށް ބަލާހައިފިނަމަ ސްކޫލުތައް އިތުރަށް ތޮށްޖެހި, ކުރިންގެ ކިޔެވުން ބަރުބާދު ވެގެން ދާނެކަމުގައެވެ.
މަކަރުވެރި ހީލަތްތެރި ރޭވުމެއްގެ ދަށުން އިއްޒުއްދީން ސްކޫލު ބަންދު ކުރުމަށް ނިންމުނާއި ގުޅިގެން އެ ސްކޫލުގެ 600 ދަރިވަރުންގެ ބެލެނެވެރިން އެތައް ޝަކުވާއެއްކޮށް, ނުރުހުން ފާޅުކުރަމުންދާއިރުވެސް, މަހުޖަނު ގާސިމް އިބުރާހިމް އަދިވެސް ހުންނެވީ ހަނުއެވެ. އަދި ހުންނެވީ ނުދަންނަ މީހާކަމަށް ހެދިގެންނެވެ.
”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, އިއްޒުއްދީން ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރުން ބަހާލަނީ މާލޭގެ އެކި ސްކޫލްތަކަށެވެ. މިނިންމުން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ބެލެވެރިންގެ ނުރުހުމުގައެވެ.
ރައީސް މުއިއްޒު ގެންދަވަނީ މަޖިލިސް އިންތިޚާބު ނިމުމާއެކު ރައްޔިތުންގެ އިހުސާސްތަކާއި ވިންދަށް ބެލުމެއްނެތި ސިޔާސީ މަންފާއަށް, ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމަވަމުންނެވެ.
އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތަކީ ކުރީގެ އެމްއީއެސް ހިންގަން މީގެ ތިރީހަކަށް އަހަރު ކުރިން ސަރުކާރުން ހަދައި ދިން ތަނެކެވެ. ފާރުތަކުގައި ރެނދުލާފައި ވާތީ އިމާރާތުގައި ރެނދުލުމުގެ ސަބަބުން އިއްޒުއްދީން ސްކޫލްގެ ލައިބްރަރީ ވެސް ބަންދު ކޮށްފައި ހުންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް ވެއެވެ.
އެހެންނަމަވެސް އެސްކޫލުގެ ލައިބްރަރީއާވީ ފަޅިގައި އެޅު ރެނދެއް އުޒުރަކަށް ދައްކައިގެން މުޅި ސްކޫލު ބަންދުކޮށްލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމިއިރު އިއްޒުއްދީން ސްކޫލުގެ ލައިބްރަރީއާވީ ފަޅިއަކީ ކިޔަވަން އެއްގޮތަކަށްވެސް ބޭނުންކުރާ ފަޅިއެއް ނޫނެނެވެ. އަދި އެގޮތަށް ލާ ރެނދުތަކަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވަރަށް ފަސޭހައިން މަރާމާތު ކޮށްލެވޭ ކަމަކަށްވިނަމަވެސް, އެޑިއުލޭޝަން މިނިސްޓްރީން އެ ސްކޫލު ބަންދުކޮށް ލުމަށް ދައްކާ ހަމައެކަނި އުޒުރަކީ އެ ރެނދެވެ.
އެހެންނަމަވެސް ފާހަގަވާން އޮތް ކަމަކީ, އެމްއީއެސް ހިންގުމަށް ރައީސް މައުމޫންގެ ވެރިކަމުގައި އިމާރާތްކުރި އެ ބިލްޑިންއަކީ, މިހާރު ބިލަބޮން ހިންގާ, ކުރީގެ އީޕީއެސްގެ އިމާރާތާ އެއް އުމުރެއްގެ ބިލްޑިންއެއްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ބިލަބޮން އިމާރާތް ހުރިގޮތަށް ހުރެފައި, ލީ ރެނދެއް އުޒުރަކަށް ހަދާ އެމްއީއެސް ހިންގި އިމާރާތް އެކީ ބަންދުކޮށްލުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދަނީ ހީލްތްތެރިކަމާއެކުކަން މިއީ މިއަދު ސާފުކޮށް އެނގެން އޮތް ހަގީގަތެކެވެ.
އިއްޒުއްދީން ސްކޫލުގެ ބިން މަހުޖަނު ގާސިމް އަތުލައިގަންނަނީ ޔަހޫދީން ފަލަސްތީނުގެ ބިންތައް ފޭރިގަންނަ މޭރުމުން! މުއިއްޒުއާއި ގާސިމް ޑީލް ހައްދަވައިގެން, 600 ދަރިވަރުން ލަފުގަ ހިފާ މަގުމަތި ކޮށްލުން މިއީ ދޭ ލާއިންސާނީ ބޮޑު އަނިޔާއެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ