ގައުމުގެ މާލީ ހާލަތު ރަނގަޅުކުރަން މެންބަރުން ކޮންމެ 'ހިތި ބޭހެއް' ބޯން ތައްޔާރު: ގާސިމް

ގައުމުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮންމެ 'ހިތި ބޭހެއް' ބޯން ވެސް ތައްޔާރުކަމަށް، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ދަރަންޏާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ގާސިމް ވިދާޅުވީ، ދައުލަތުގެ މުދަލާއި މިލްކިއްޔާތު 'އެކި ސިފަސިފައިގައި ގޮސް ވަރަށް ނިކަމެތި ހާލަތެއްގަ ކަސްތޮޅު އެޅިގެންދާ ހިސާބަށް' ކަންކަން ދިއުމަށް ފުރުސަތު ދެވިގެން ދިއުމަކީ މަޖިލީހުން ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ތެރޭ ދައުލަތުން ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ލޯނުގެ ވާހަކަ ނުދައްކައި މެންބަރުން ނުތިއްބަވާނެ ކަމަށާއި، މަޖިލީހުން ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްގެ ޕްރޮގްރާމް ބަޖެޓިން އަށް ނުގޮސް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅައި، މާލީ ހާލަތު ރަނގަޅުކުރުމަށް މެންބަރުން ތައްޔާރަށް ތިބި ކަމަށް ވިދާޅުވިއެވެ.
މިއަދު ވެސް ގާސިމް ވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގެއްލުންވާ ކުންފުނިތައް އުވާލައި، އެއްވެސް ޒިންމާއެއް ނެތް ގޮތަށް ދީފައިހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ނޫން ނަމަ ރާއްޖެ އައިއެމްއެފްގެ ޕްރޮގްރާމް ބަޖެޓިން އަށް ދާން ޖެހޭނެ ކަމަށާއި، އޭރުން ސަބްސިޑީތައް ކަނޑާލަން ޖެހޭނެ ކަމަށް، ގާސިމް ވިދާޅުވިއެވެ. އޭރުން ރާއްޖެ އަށް އާމްދަނީ އާއި އަސާސީ ހައްގުތައް ލިބުމުގައި ދަތިވާނެ ކަމަށް ވިދާޅުވެ، ގާސިމް ގޮވާލެއްވީ ލަސްނުކޮށް ފިޔަވަޅު އެޅުމަށެވެ.
ގާސިމްގެ ވާހަކައިގައި، ވޭތުވެދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރުން 200 މިލިއަން ޑޮލަރު ނެގި ކަމަށާއި، އެ ވާހަކަ ދައްކަން ފެށުމުން 'މަތިޖަހަން' އުޅުނަސް ކަމަކުނުދާނެ ކަމަށް ވިދާޅުވެ، ވަނީ އެމްޑީޕީ އަށް ފާޑުވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ