ނަޝީދާއެކު 7 ބޭފުޅަކު ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކަން ހަފުތާއެއްދީފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނޭ ގޮތަށް އެމަނިކުފާނުގެ ސަރުކާރުގައި ހިޔާނާތްވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުން ދައްކާފައިވާ ބައެއް ބޭފުޅުންގެ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް ފިނޭންސް މިނިސްޓްރީން މުއްދަތު ދީފި އެވެ.
އެ މުއްދަތުގައި ފައިސާތައް ނުދައްކައިފިނަމަ މައްސަަލަ ޝަރީއަތަށް ފޮނުވަން ކުރަންޖެހޭ ކަންކަން ކުރަން އޭޖީ އޮފީހަށް ފޮނުވަން ނިންމާފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފިނޭންސް މިނިސްޓްރީން މިހެން ބުނީ ބަޔާނެއް މެދުވެރިކޮށެވެ. އޭގައި ދައުލަތަށް ފައިސާ ދައްކަންޖެހޭ ހަތް ފަރާތެއް ނަން ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާއިރު ރައީސް ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި އަޙްމަދު ނަސީމް ވެސް ހިމެނެ އެވެ.
ދެން މި ލިސްޓްގައި ތިއްބެވީ، ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދާއި ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބާއި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޝައިހު ހުސެއިން ރަޝީދު އަހްމަދާއި އަދި ކުރީގެ ކަސްޓަމްސްގެ ކޮމިޝަނާޖެނެރަލް މުހައްމަދު އަސްވާނެވެ. މި ބޭފުޅުންގެ އިތުރުން ވެސް ދައުލަތަށް ހިޔާނާތްވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުން ސާފުވެފައިވާ އެހެން ބައެއް ބޭފުޅުން ދައްކަން ޖެހި ވަޑައިގަންނަވާ ފައިސާ ހޯއްދަވާނެ ކަމަށް ވެސް އެބަޔާނުގައި ވެ އެވެ.
މި ހަތް ބޭފުޅުން ދައްކަވަން ޖެހި ވަޑައިގަންނަވާ ފައިސާގެ ޖުމްލަ އަދަދު ބުނެފައެއް ނުވެއެވެ. އަދި ވަކިވަކި ބޭފުޅުންގެ ދެއްވަން ޖެހޭ ފައިސާގެ އަދަދުވެސް ބުނެފައެއް ނުވެއެވެ.
ފިނޭންސް މިނިސްޓްރީން އެ ފައިސާތައް ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ހިލާފަށް ދައުލަތުގެ ބައެއް އިދާރާތަކުން ބައެއް ފަރާތްތަކަށް ދައުލަތުގެ ފައިސާ ދީފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮޑިޓް ރިޕޯޓްތަކާއި އޭސީސީގެ ތަހުގީގު ރިޕޯޓްތަކުގައި ފާހަގަކުރައްވާ އެ ފައިސާ ހޯދުމަށް އެ ރިޕޯޓް ތަކުގައި ލަފާއަރުވާތީ އެވެ.
އެމްޑީޕީ ސަރުކާރުގައި ގާނޫނާ ހިލާފަށް ބައެއް ކަންކަން ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ ފައިސާތަކެއް ދައުލަތަށް ނުލިބިވާ ކަމަށް އޮޑިޓް ރިޕޯޓްތަކާއި އޭސީސީގެ ތަހުގީގީ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ