މުސަޅާއި ކަންޒުކަހަނބުގެ ވާހަކަ އަހަރެމެންނަށް ވެސް އެނގޭނެ އެވެ. ރާއްޖޭގެ ޓޫރިޒަމް މިހާރު މި އޮތީ އެ މިސާލުން މިސާލު ދެއްކޭ ފަދަ ހާލަތެއްގައިކަން، ދާއިރާގެ ބައެއް ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ. ކުރިން ނަމަ ރާއްޖެއަކީ ޓޫރިޒަމްގައި އަތުނުވެ ކުރިއަރަމުން އައި މަންޒިލެކެވެ. ރާއްޖެ ފަދަ އެހެން މަންޒިލްތަކަށް ވުރެ އަބަދުވެސް ކުރީގަ އެވެ. ދުނިޔެމަތީގެ ސުވަރުގޭގެ ދަރަޖަ، ޓޫރިސްޓުންގެ ހިތްތަކުގައި އޮތީ ބިންވަޅު ނެގިފަ އެވެ.
ނަމަވެސް މިއަދު މުޅިން ތަފާތެވެ. ދާދި ފަހުން އުފެއްދި ޑެސްޓިނޭޝަން ފިއުޗާގެ ވައިސް ޗެއާމަން އަދި ޓޫރިޒަމްގެ މާކެޓިންގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަމްޖަދު ތައުފީގު ދެއްކެވި އެއް މިސާލަކީ މި އެވެ:
މިހާރުގެ "ވީޑިއޯއެއް ދިވެހިންނަށް ދައްކާފައި މިއީ ރާއްޖެތޯ އަހާލީމާ 99 ޕަސެންޓް މީހުން ޔެސް، ތިއީ ރާއްޖެއޭ ކިޔާފައި ބުނެލާ. އެކަމަކު ރަނގަޅަށް ބަލާއިރު [އެއީ] ރާއްޖެއެއް ނޫން. އެހާވެސް [ރާއްޖެއާ އެއްގޮތް] ބައިވަރު ތަންތަން އެބަ ހުއްޓޭ."
އަމްޖަދަކީ މާލެ އަތޮޅުގައި އޮތް މަތީ ފެންވަރުގެ ރީތި ރިސޯޓެއް ކަމަށްވާ ކުޑަ ވިލިނގިލި ރިސޯޓް މޯލްޑިވްސްގެ ކޮމާޝަލް ޑައިރެކްޓަރެވެ. ރަސްމީ އެ ބޮޑު ޒިންމާގެ އިތުރުން އޭނާ ގެންދަވަނީ ރާއްޖޭގެ ޓޫރިޒަމްގެ ކުރިމަގަށް ހުރި ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އުފެއްދުމުގެ މަގުސަދުގައި އުފެއްދި ޑެސްޓިނޭޝަން ފިއުޗާގައި އިސް ދައުރެއް ވެސް އަދާކުރައްވަމުންނެވެ. އެ ޖަމިއްޔާގެ ދެވަނަ ސަމިޓް، މިދިއަ މަހު 25ގައި، ގާތްގަނޑަކަށް 150 ބައިވެރިންނާ އެކު، ބޭއްވި އެވެ.
ޖަޒީރާ ގައުމުތަކުގެ ޓޫރިޒަމްގައި ރާއްޖެ ވަނީ އެހެން ބަޔަކަށް އަތުނުވާނެ 'މުސަޅެއް'ގެ ބާރުމިނުގައި ކުރިއަރައިފަ އެވެ. އެ ކުރިއެރުމުގެ ފަހު ދުވަސްވަރު އަމްޖަދު ހުންނެވީ ބައެއް ބޮޑެތި ރިސޯޓްތަކުގެ މާކެޓިންގެ ޒިންމާގަ އެވެ. އޭނާގެ ތަޖުރިބާއިން ދެއްކެވި ވާހަކަތަކުގެ ކުރު ހުލާސާއަކަށް ޖެހިލާނަމެވެ.
ރާއްޖޭގެ ޓޫރިޒަމަކީ 2014އާ ހަމައަށް ވަރަށް ރަނގަޅު (ފައިދާ ބޮޑު) ވިޔަފާރިއެއް
2008 އިން ފެށިގެން ދެން އައި ކާމިޔާބު އަހަރުތަކުގައި އަހަރުގެ އެވްރެޖް އޮކިއުޕެންސީ ގާތްގަނޑަކަށް %80ގައި ހިފެހެއްޓި
ޗައިނާގެ ޓޫރިސްޓުން ރާއްޖޭގެ މާކެޓްގެ އެއްވަނައަށް އެރި 2014 ހިސާބުގައި އޮކިއުޕެންސީ %82 އަށް ވެސް އެރި
ދެން ދަށްވަމުން ގޮސް ކޮވިޑް-19ގެ ބަލިމަޑުކަމާ ޖެހުނު އިރު %70 އަށް އޮކިއުޕެންސީ ވެއްޓުނު
މިހާރު ރާއްޖޭގެ ޓޫރިޒަމްގެ އަހަރު ދުވަހުގެ އެވްރެޖް އޮކިއުޕެންސީއަކީ ގާތްގަނޑަކަށް %59
މިހާ ހިސާބަށް ޓޫރިޒަމްގެ އެވްރެޖް އޮކިއުޕެންސީ ވެއްޓުމުގެ ނަތީޖާއަކީ، އަމްޖަދުގެ ބަހުން ނަމަ، ގިނަ ތަންތަނަށް ހަރަދު ވެސް ނުލިބުމެވެ.
އެހެންވީމާ އުފެދޭ ސުވާލަކީ ރާއްޖޭގެ ޓޫރިޒަމް މި ދަނީ "ރަނގަޅު މިސްރާބަކަށްހޭ. ނޫނީ ގޯސް މިސްރާބަކަށްހޭ މިދެވެނީ،" އޭނާ ވިދާޅުވި އެވެ.
އެކި މީހުންގެ ހިޔާލު ތަފާތުވެދާނެ އެވެ. ނަމަވެސް އިގުތިސާދީ ވިސްނުމަކުން ވިސްނާ ނަމަ އަމްޖަދުގެ ވާހަކާގައި ޕޮއިންޓެއް އެބަ އޮތެެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ކުއްލިއަކަށް އެނދުތައް ގިނަކޮށްލުން ކަމަށެވެ. މިކަން ފެށެނީ ޑިމޮކްރަސީއަށް ރާއްޖެ ހުޅުވުނު ދުވަސްވަރު ދައުލަތުގެ ބަޖެޓް ބޮޑުކޮށް، ފައިސާ ހޯދުމަށާއި ޓޫރިޒަމްގެ ކޮންޓްރޯލް އޮންނަނީ ވަކި ބައެއްގެ އަތުގައި ކަމަށް އާންމުކޮށް ގަބޫލުކުރާކުރުމަށް ހައްލެއް ހޯދަން، ގިނަ ރަށްތަކެއް ދޫކުރުމާ އެވެ.
އޭގެ ފަހުން ދެން އައީ ގެސްޓްހައުސްތަކެވެ. މިދިއަ 15 އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިސްޓް އެނދުތައް ތިން ގުނަ ވެއްޖެ އެވެ. މިސާލަކަށް 2009ގައި ރާއްޖޭގެ ރިސޯޓްތަކުގައި ހުރި އެނދުތަކާ ދާދި އެއްވަރަށް ހަމައެކަނި ގެސްޓްހައުސްތަކުން ވެސް ބާޒާރަށް އެނދު ނެރެފި އެވެ. ކުޑަކުޑަ ތަފާސްހިސާބަކަށް ނަޒަރު ހިންގާލަމާ ހިނގާށެވެ.
2009ގައި ޓޫރިސްޓް އެނދު
20،460
2024ގައި ޓޫރިސްޓް އެނދު
63،274
42،547 (ރިސޯޓް)
15،621 (ގެސްޓްހައުސް)
5،100 (ހޮޓެލް އާއި ސަފާރީތައް އެއްކޮށްލައިގެން)
މިއީ އެއް ނަޒަރަކުން ބަލާ ނަމަ، ޓޫރިޒަމްގެ ފައިދާ ބެހިގެންދާ ނިސްބަތް، 2010ގެ ކުރިން އޮތް ގޮތަށް ވުރެ، މާ ފުޅާވުމެވެ. އެކަމަކު 2000ގެ އަހަރުތަކުގެ މެދުތެރެއިން ފެށިގެން 'ވަކި ގޮތެއް ނުބަލާ' ރަށްތައް ދޫކުރުމާއި ވަކި ހައްދެއް ނެތި ގެސްޓްހައުސްތައް ވެސް އަޅަން ފެށުމުން ޓޫރިޒަމްގައި ކުރިން ރާއްޖެއަށް އޮތް އަގު ކަނޑައެޅުމުގެ ބާރު އެކުގައި ނެތިދިޔައީ އެވެ.
އަމްޖަދުގެ މިސާލަކަށް ދަމާ ހެއްޔެވެ.
ކުރިން "ރިސޯޓްތަކަށް ހަ މަސް ނޫނީ އެއް އަހަރު ކުރިން އެނގޭނެ މިވެނި ވަރަކަށް އޮކިއުޕެންސީ ހުންނާނެކަން. އޭގެ ސަބަބުން 2،000 ޑޮލަރަށް ވިއްކާ [އެނދު] އަޅުގަނޑުމެންނަށް ހެވޭ ހަ މަސް ކުރިއަށް އޭތި ގަންނާނެ މީހަކު ނުވިޔަސް، 2000 ޑޮލަރަށް ގަންނާނެކަން،" އޭނާ ވިދާޅުވި އެވެ.
"އެކަމަކު މިއަދު އަޅުގަނޑުމެންނަކަށް ނޭނގޭ މާދަމާއަށް ވެސް ވާނެ ގޮތެއް. ހަމަ ފީސަބީލިއްލާހިއަށް ތިބެން ޖެހެނީ މާދަމާ އަންނާނީ ކިިތައް ބިޒްނަސްތޯ. އަޅުގަނޑުމެންނަށް 12 މަސް ދުވަހު ފޯކާސްޓްކުރެވުނު އެއްޗެހި ކުރުވަމުން ކުރުވަމުން ގޮސް މިހާރު ހަފުތާއަކަށް ވެސް ނުލިބޭ."
ރިސޯޓްތަކުން ބޭނުންވާ އަގަށް އެނދުތައް ނުވެސް ވިކެނީ އެވެ. ކުރިން 2000 ޑޮލަރަށް ވިއްކި އެނދު ނުވިއްކިގެން 1،000 ޑޮލަރުން ދަށަށް ވެސް ދަނީ އެވެ. އެ އަގަށް ވިއްކުން ނޫން ގޮތެއް ވެސް ނޯވެ އެވެ. އެހެން ނޫނީ އެނދުތައް ހުންނާނީ ހުހަށެވެ.
އެ ބުނާ އަގަކަށް "އޭތި [ނުދީފިއްޔާ] ދެން ހުރި މީހާ [ހަމަ އެ އަގުގައި] ނުގަންނާނެކަން ޔަގީނެއް ނޫން. އެހެންވީމާ އަޅުގަނޑުމެންނަށް އެބަ މަޖުބޫރުވޭ އޭތި ނަގަން. ސުވާލަކީ އެއީތޯއޭ ރާއްޖެއަކީ؟" އަމްޖަދު ވިދާޅުވި އެވެ.
އެއީ ކުރީގެ ރާއްޖެއެއް ނޫނެވެ. އެކަމަކު ދުނިޔޭގެ ޓޫރިޒަމް ވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. މިހާރު ވަކި ޓްރެވަލް އެޖެންސީއަކަށް ގޮސް ޗުއްޓީ ޕެކޭޖެއް ނެގުމުގެ ބަދަލުގައި ވަގުތުން ވަގުތަށް ވެސް ޗުއްޓީއެއް ރާވާލެވި، ބޭނުން އިހުތިޔާރެއް ލިބެން އެބަ ހުއްޓެވެ. އެހެންކަމުން ކުރީގެ އުސޫލުތަކުގައި ހިފަހައްޓައިގެން ވެސް ނުތިބެވޭނެ އެވެ.
ނަމަވެސް އަމްޖަދު ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ މާކެޓް ފުޅާނުވާ ނިސްބަތަކަށް ރާއްޖޭގައި އެނދު ހުރުމަކީ މުޅި ވިޔަފާރިއަށް އޭގެ ނުބައި އަސަރުކުރާ ކަމެކެވެ.
"އަޅުގަނޑުމެން ބޮޑަށް ފޯކަސްކުރެވެންވީ ހައި ޕެއިން ލޯ އިމްޕެކްޓް. އޭގެ މާނައަކީ 100 ގެސްޓުން 100 ޑޮލަރު ޕޭކޮށްގެން އައުމުގެ ބަދަލުގައި 50 ގެސްޓުން ކޮންމެ މީހަކު 1،000 ޑޮލަރު ޕޭކޮށްގެން އައިސްފިކަމުގައި ވާ ނަމަ މުޅި ރާއްޖެއަށް އޭގެ ފައިދާ މާ ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.
އަމްޖަދު އެ ވިދާޅުވާ ގޮތަށް މިހާރު ކަންކަން އެނބުރުން ވަރަށް ދުރެވެ. ނުވަތަ އެއީ ދެން ނުވާނެ ކަމެކެވެ. މިހާރު ވެސް ސަރުކާރުން އެ ގެންދަނީ ވަރަށް ކުޑަ އަގެއްގައި ރަށްތައް ދޫކޮށް ރިސޯޓްތައް ހަދަން ހުޅުވާލަމުންނެވެ. ކުރިން ދޫކުރި އެތައް ރަށެއް އޮތީ ނުހެދި އެވެ. ބައެއް ރަށްރަށް ވަކި ހިސާބަކަށް މަސައްކަތް ގެންގޮސްފައި ހުއްޓިފަ އެވެ. ކިރިޔަކިރިޔާ ނުނިމި ހުރި ރަށްތައް ވެސް އެބަ ހުއްޓެވެ.
ޓޫރިޒަމަށް ދޫކުރާ ރަށްރަށުގެ އަގު ވެއްޓިފައި އޮތް ނިސްބަތަކީ ވެސް، އަމްޖަދަށް ވަރަށް ބޮޑު މައްސަލައެކެވެ. މި ފަހުން ސަރުކާރުން ބިޑަށް ލީ ރަށްރަށުން ދައްކަން ޖެހޭ ފީން %30-70 ޑިސްކައުންޓެއް ލިބޭނެ އެވެ.
އަމްޖަދު ވިދާޅުވި ގޮތުގައި ގެސްޓްހައުސްތައް ގިނަ އދ. ދިގުރަށުން 2،000 އަކަފޫޓުގެ ބިމެއް ގާތްގަނޑަކަށް 7 މިލިއަން ރުފިޔާއަށް ވިއްކާލަން ޖަހާފައި އޮތް އިސްތިހާރެއް މި ފަހުން އޭނާއަށް ފޭސްބުކުން ފެނިވަޑައިގަތެވެ. މިއީ ރިސޯޓް ހަދަން ދޫކުރާ ރަށްރަށަށް މިހާރު ލިބޭ އަގަށް ވުރެ އެތައް ގުނައެއް ބޮޑު އަގެކެވެ.
"އަޅުގަނޑު ހައިރާނެއް ނުވޭ [ކުރިމަގުގައި] ތިޔަ ރަށް ހިލޭ ނަގާށޭ، އަޅުގަނޑުމެން [ސަރުކާރުން] ދޭނަމޭ ލާރި ވެސް ރިސޯޓް ހަދައިގެން ކުރިއަށް ގެންދަން، އެހެން ބުންޏަސް،" އަމްޖަދު ވިދާޅުވި އެވެ.
"އެ ލެވެލްއަށް ރާއްޖޭގެ ކަންތައް އޮތީ. މި ބައި ފުރަތަމަ ހަމަޔަކަށް އަޅުވައިގެން ނޫން ގޮތަކަށް މި ގައުމު އަސްލު ކުރިއަކަށް ނުދާނެ. ސުވާލަކީ އެކަން [އާ ރަށްތައް ދޫކުރުން މަޑުޖައްސާލުން] ކުރާނެހޭ. ނުކުރާނެ."
ޑެސްޓިނޭޝަން ފިއުޗާއިން ބޭއްވި ސަމިޓްގައި އިވުނު އެއް ސުވާލަކީ ރާއްޖޭގެ ޓޫރިޒަމްގެ އޮކިއުޕެންސީ ރޭޓް ދަށްވުމުގެ މައިގަނޑު ސަބަބަކީ އެނދު ގިނަވުންތޯ ނޫނީ އެކަށީގެންވާ ވަރަށް މާކެޓް ނުކުރެވުންތޯ އެވެ. މިއީ ވެސް ޓޫރިޒަމް ދާއިރާގެ ބޮޑު ބަހުސެކެވެ. މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކޮށް، މާކެޓްކުރުމުގެ ޒިންމާ އުފުލަނީ އެމްއެމްޕީއާރުސީންނެވެ. އަހަރަކު އެތައް މިލިއަން ޑޮލަރެއް ހޭދަކުރެ އެވެ.
އަމްޖަދުގެ އޮތީ ސުވާލެކެވެ. ފައިދާ އޮތީ ބޮޑު ހޭދައެއް ކޮށްގެންތޯ ނޫނީ އެކަށީގެންވާ ނަތީޖާއެއް ނުކުންނަ ގޮތަށް ހޭދަކޮށްގެންތޯ އެވެ.
މި ފަހުން އިނގިރޭސި ވިލާތުގެ ބޮޑު ފުޓްބޯޅަ ކްލަބް ލިވަޕޫލްއާ އެކު ރާއްޖެ އިސްތިހާރުކުރަން އެމްއެމްޕީއާރުސީން ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ އަގަކީ ގާތްގަނޑަކަށް 10 މިލިއަން ޑޮލަރެވެ.
އަމްޖަދުގެ ސުވާލަކީ އެހާ ބޮޑު ފީއެއް ލިވަޕޫލަށް ދީގެން ރާއްޖޭގެ ޓޫރިޒަމަށް ލިބޭނީ ކޮން ފައިދާއެއްތޯ އެވެ؟ އެމްއެމްޕީއާރުސީގެ އަމާޒަކީ އެ އެއްބަސްވުމާ އެކު، މިސާލަކަށް 100،000 ޓުރިސްޓުން އިތުރުކުރުން ނަމަ، އެ ހޭދަނުކޮށް މިހާރު ވެސް އަހަރަކު ގާތްގަނޑކަަށް 100،000 ޓޫރިސްޓުންގެ އިތުރުވުމެއް އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
މައްސަލައަކީ އެމްއެމްޕީއާރުސީ ފަދަ ޓޫރިޒަމްގެ މައި އިދާރާއެއް ހިންގަން ސިޔާސީ ގޮތުން މީހުން ލުމެވެ. ދާއިރާގެ ފަންނީ އަދި ތަޖުރިބާ ހުރި މީހުންގެ ވިސްނުން ބޭނުންކުރަން އަބަދުވެސް ސިޔާސީ މީހުން ދެކޮޅުވުމެވެ.
އަމްޖަދު ވިދާޅުވި ގޮތުގައި މިހާރުގެ އެމްއެމްޕީއާރުސީން ކުރާ މަސައްކަތް މިދިއަ 15 އަހަރާ ނުބައްދަލެވެ. އެކަމަކު ބުރަކޮށް މަސައްކަތްކުރުމާއި އެ މަސައްކަތުން ނަތީޖާއެއް ނުކުތުމާ މިއީ އަދި ތަފާތު ދެ ކަމެކެވެ.
"އަޅުގަނޑު ގަބޫލުުކުރާ ހިތްވަނީ އިންސާނަކު ވަރަށް ބުރަކޮށް މަސައްކަތްކޮށްފާނެ، އެކަމަކު ސުމާޓްކަމެއް އަންނަން އެބަ ޖެހޭ. އޭތި އަންނާނީ ކޮންމެވެސް ވަރަކަށް އެކަމުގެ ތަޖުރިބާ ހުރެ، އެކަމުގެ ތައުލީމު އެއްޗެހި ލިބިގެން،" އަމްޖަދު ވިދާޅުވި އެވެ.
މިސާލަކަށް "20، 30، 40، 50 މިލިއަންގެ ބަޖެޓަށް ދިނަސް އޭތި ރަނގަޅަށް އިންވެސްޓްކުރަން ނޭނގެންޏާ [ކިހިނެއް ހަދާނީ؟]. މީގައި އޮންނާނީ ދެ ބަހެއް، ސްޕެންޑް އޯ އިންވެސްޓް. ހަރަދުކުރެވިދާނެ ކޮންެ މީހަކަށް ވެސް. އެކަމަކު އިންވެސްޓަކީ އެއީ އޭގެ ކޮންމެ ޑޮލަރެއް، ކޮން ދިމާލަކަށް ކީއްވެގެންތޯ އެ ހަރަދުކުރީ. އެ ލެވެލްގައި ކަންތައް ނެތިއްޖެއްޔާ ނުވާނެ."
އަމްޖަދު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީއަކީ ހަމައެކަނި ސިޔާސީ ގޮތުން މީހުން އައްޔަންކުރާ ތަނަކަށް ވެފައި އޮތުމަކީ ވެސް މައްސަލައެކެވެ. އެކަން މައްސަލައަކަށް ވަނީ ސިޔާސީ ގޮތުން އަންނަ މީހުންނާއި އިންޑަސްޓްރީއާ ގުޅުން ކުޑަވުމެވެ. ހިޔާލާއި މަޝްވަރާ އާއި ލަފާ ނުހޯދުމެވެ.
ސިޔާސީ ގޮތުން އައްޔަންކުރުމުން އެ މީހުންނަށް ގަބޫލުުކުރެވެނީ ތިމަންނަމެންނަކީ 'އަތްނުލެވޭ' ބައެއް ކަމަށެވެ.
"އޭގެ ބަދަލުގައި ހިނގާބަލާށޭ އިންޑަސްޓްރީގެ ތަޖުރިބާކާރު މީހުން ލައިގެން [ކުރިއަށް ގެންދަން]. އަޅުގަނޑު މި ބުނާ ވާހަކައަކީ ގާތްގަނޑަކަށް 10 ވަރަކަށް ތަޖުރިބާކާރު ކުދިން ގެނެސްފިއްޔާ ވަރަށް މޮޅެތި އައިޑިއާސްތައް ނުކުންނާނޭ. އަޅުގަނޑު ބުނާ އެއްޗެއް ނަފީކޮށްލަފާނެ ދެން ހުންނަ މީހާ. އެ ބޭފުޅާ އަޅުގަނޑު ނުދަންނަ އެއްޗެއް ވެސް ބުނެދީފާނެ."
ލިވަޕޫލްގެ އެއްބަސްވުމާ އޭނާ ދެކޮޅީކީ ނޫނެވެ. ނަމަވެސް އެހާ ބޮޑު ހޭދައެއްކުރާ އިރު އެވަރުގެ ނަތީޖާއެއް ނުކުމެދާނެތޯ އޮތް ސުވާލު ބޮޑީ އެވެ.
"ލިވަޕޫލަކީ ބޮޑު ސިންގާ ފުޓްބޯޅަ ޓީމެއް. [އަހަރަކަށް] އެ ތިން މިލިއަން ލިވަޕޫލަށް އަޅާފައި އެއިން ލިބޭ ރިޓާންތޯ ރަނގަޅީ ނުވަތަ އެ ތިން މިލިއަން އެެހެން ގޮތްގޮތަށް ހަރަދުކޮށްގެން އެއަށް ވުރެ ބޮޑު އެއްޗެއް ނެރެެވިދާނެތޯ. އެ އެއްޗެހި އެނގޭނީ އޭގެ ތަޖުރިބާކާރު، ދަންނަ މީހުންނަށް،" އަމްޖަދު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް މިހާރު މި އޮތީ، އާންމުންނަށް ނޭނގުނަސް، ވަރަށް ބޮޑު ގޮންޖެހުންތަކެއްގެ ތެރޭގަ އެވެ. ރާއްޖެއާ ވާދަވެރި އެތައް ބައެކެވެ. ރާއްޖެ ކަހަލަ އެތައް ތަނެކެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ ރަން 50 އަހަރަށް ފަހު ދެން އޮތް ވަރުގަދަ އިމްތިހާނެވެ. މި އިމްތިހާނަށް ސަރުކާރުން ވެސް ނުކުންނަން ޖެހޭނީ އޭގެ ވާނުވާ ރަނގަޅަށް އެނގި ތިބެ އެވެ. ކޮންމެ މަހެއް ނިމޭއިރު ތަފާސްހިސާބުތަކެއް ނެރެ، މިވެނި ވަރެއްގެ ކުރިއެރުމެއް ހޯދިއްޖެ ކަމަށް ބުނުމަކީ، މުޅި ވާހަކައިގެ އެއް ބަ އެވެ.
"އެ ބޭފުޅުން [ސަރުކާރުގެ ވެރިން] އެ ދައްކަނީ މުޅި މަންޒަރުގެ ވަރަށް ކުޑަކުޑަ ވާހަކައެކޭ. ރިއަލް މަންޒަރު، އަޅުގަނޑުމެން މި އަޅާ ވޭން އެ ބޭފުޅުންނަށް އެއްވެސް ވަރަކަށް ނޭނގޭ. ސަރުކާރަށް ވެސް އަދި އާންމު ރައްޔިތުންނަށް ވެސް."
ރާއްޖޭގެ ރިސޯޓެކެވެ. މިދިއަ މަހު ލަފާކުރީ އޮކިއުޕެންސީ %30ގައި ދެމެހެއްޓޭނެ ކަމަށެވެ. އެކަމަކު %20 ވެސް ހަމަނުވި އެވެ. ރިސޯޓް ހިންގުމުގެ ހަރަދަށް މަހަކު ގާތްގަނޑަކަށް 800،000 ޑޮލަރު (12.3 މިލިއަން ރުފިޔާ) ހޭދަވެ އެވެ. މިދިއަ މަހު ލިބޭވަރުވީ ގާތްގަނޑަކަށް 500،000 ޑޮލަރު (7.7 މިލިއަން ރުފިޔާ) އެވެ. އަނެއް 300،000 ޑޮލަރު (4.6 މިލިއަން ރުފިޔާ) ލާން ޖެހުނީ ރިސޯޓްގެ ވެރިންގެ ޖީބުންނެވެ.
ކަންޒުކަހަނބާއި މުސަޅު ރޭހުގައި މުސަޅު ދުއްވައިގަތީ މާ ބާރަށެވެ. ފަހަތުން ކަންޒުކަހަނބު އެ އަންނަނީ ފިރުކެމުންނެވެ. މުސަޅު ވަރުބަލި ފިލުވާން ޖައްސާލީ އެވެ. ނިދުނީ އެވެ. ކަންޒުކަހަނބު ބޮޑާނުވެ، އޭގެ ހިތްވަރުގައި ފަހަރަކު ފިޔަވަޅެއް އެޅީ އެވެ.
ރޭސް ކާމިޔާބުކުރީ އެވެ.
ޓޫރިޒަމްގެ ކަންޒުކަހަނބުތައް ފަހަތުން އައިސް ރާއްޖެއާ ހަމަކޮށްފި އެވެ. ނުވަތަ ހަމަކުރަނީ އެވެ. ގައުމުގެ ވެރިންނަށް ފިލާވަޅެކެވެ. އަޅުގަނޑުމެން އާންމުންނަށް ވެސް ފިލާވަޅެކެވެ.
ޓޫރިޒަމްގައި ރާއްޖެ މިހާރު މި އޮތީ ކަންޒުކަހަނބާއި މުސަޅު ރޭހުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ