ސުވަރުގެއަށް ކިޔާ ބައެއް ނަންތައް (1)

ﷲގެ ކިޔަމަންތެރި އަޅުންނަށް ބޮޑުވެގެންވާ ހަދިޔާއެއްގެ ގޮތުގައި ސުވަރުގެ އުފެއްދެވި އިލާހަށް ޙަމްދުހުއްޓެވެ. އެއިލާހަކީ ސުވަރުގެއަށް ދާނެ މަގު ދެއްކެވުމަށް މުޙައްމަދު صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ނަމޫނާއެއް ކަމުގައި ފޮނުއްވައި އެކަލޭގެފާނަކީ ﷲގެ ޙަބީބުކަމުގައި ލެއްވި އިލާހެވެ. ސުވަރުގެއަކީ އަޅުކަމުގައި އިޚުލާޞްތެރިވި އަޅުންނަށް އޮތް ޚާއްޞަ ގޮވައްޗެވެ. އެބައި މީހުންނަކީ ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّمގެ އިރުޝާދާ އެއް ގޮތަށް ދުނިޔޭގެ ދިރިއުޅުން އުޅުނު މީހުންނެވެ. އެކަލޭގެފާނު އެންގެވި ގޮތަށް މެނުވީ އަޅުކަން ނުކުޅަ މީހުންނެވެ. އެ ބައިމީހުންނަށް ދެއްވަން ތައްޔާރު ކުރެއްވި ސުވަރުގޭގެ ޚަބަރު ކީރިތި ޤުރުއާނުގައި ދެއްވައިފައި ވަނީ އެކިއެކި ނަންނަމުން އެ ސުވަރުގެ ބަޔާންކޮށްދެއްވަމުންނެވެ. 1- އަލްޖަންނަތު ޖަންނަތަކީ ސުވަރުގެއަށް ކިޔާ އެންމެ ޢާއްމު ނަމެވެ. މީގެ މާނައަކީ ބަގީޗާއެވެ. އާދައިގެ ބަގީޗާއެއް ނޫނެވެ. ޖަންނަތު ކިޔަނީ، އެތަނުގެ ބިންގަނޑު ނުފެންނަވަރަށް ބޯކޮށް ގަސްހެދިފައި ހުންނަ ބަގީޗާއަށެވެ. ސުވަރުގޭގައި ބޯކޮށް ގަސްހެދިފައި ހުންނާނެއެވެ. އަދި އެތަން ދުނިޔެއަށް ނުފެންނަހެން ވަންހަނާވެފައި ހުންނަ ހުރުމަކީ އެ ތަނަށް ޖަންނަތޭ ކިޔޭ އެއް ސަބަބެވެ. ﷲ ވަޙީކުރެއްވިއެވެ. ‎﴿ادْخُلُوا الْجَنَّةَ أَنتُمْ وَأَزْوَاجُكُمْ تُحْبَرُونَ﴾ ‎(الزخرف: ٧٠)‏ މާނައީ: "އުފާވެރިކަމުން ފުރިގެންވާ ޙާލު، ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އަނބިން ސުވަރުގެ ވަންނާށެވެ!" 2- ޖަންނަތުލް ޚުލްދު ޚުލްދަކީ ތަނެއްގައި ތިބޭ ތިބުމަށް ކިޔާ ނަމެކެވެ. "ޚުލްދު" މި ލަފުޒު ޤުރުއާނުގައި ސުވަރުގެއާ ގުޅުވައިގެން ގެންނަވައިފައި ވެއެވެ. އަދި އެއީ ދާއިމަށް ދެމިތިބޭ ތަނެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ‎﴿قُلْ أَذَٰلِكَ خَيْرٌ أَمْ جَنَّةُ الْخُلْدِ الَّتِي وُعِدَ الْمُتَّقُونَ﴾ ‎(الفرقان: ١٥) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހެޔޮކަންބޮޑީ އެ ގޮތްހެއްޔެވެ؟ ނުވަތަ ތަޤުވާވެރިންނަށް ވަޢުދުކުރައްވައިފައި ވާ، ދެމިތިބުމުގެ ސުވަރުގެ ހެއްޔެވެ؟" 3- ޖަންނަތުލް މައުވާ ޖަންނަތުލް މައުވާއަކީ އީމާންވެ ޞާލިޙު ޢަމަލުކުޅަ މީހުންނަށް ދެއްވާ ހަދިޔާއެކެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿أَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ جَنَّاتُ الْمَأْوَىٰ نُزُلًا بِمَا كَانُوا يَعْمَلُونَ﴾‏ (السجدة: ١٩) މާނައީ: "އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަ މީހުން ދަންނާށެވެ! ފަހެ، އެއުރެން ކޮށްއުޅުނު ޢަމަލުތަކަށް ޓަކައި، ދެއްވާ ޝަރަފެއްގެ ގޮތުން، އެއުރެންނަށް ދެމިތިބޭނޭ ސުވަރުގެތައް ހުށްޓެވެ." ޖަންނަތުލް މައުވާ ހުންނާނީ ސިދުރަތުލް މުންތަހާގެ ކައިރީގައި ހުންނަ ގަހެއްގެ ކައިރީގައެވެ. ﴿عِندَ سِدْرَةِ الْمُنتَهَىٰ(‏١٤‎) عِندَهَا جَنَّةُ الْمَأْوَىٰ ‎(١٥)﴾‏ (النجم) ‏ މާނައީ: "ސިދްރަތުލް މުންތަހާގެ ކައިރިންނެވެ.(14) އެތާނގެ ކައިރީގައި ޖަންނަތުލް މައުވާ ވެއެވެ. (އެއީ މުއުމިނުތަކުންގެ ފުރާނަތަކުގެ މަރުކަޒެވެ.)(15)" 4- ޖަންނަތުލް ފިރްދައުސް ޖަންނަތުލް ފިރުދައުސަކީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައެވެ. ތިޔަބައިމީހުން ސުވަރުގެއަށް އެދި ދަންނަވަންޏާ ޖަންނަތުލް ފިރުދައުސަށް އެދި ދެންނެވުމަށް ރަސޫލާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ވަނީ ޙަދީޘްކުރައްވައިފައެވެ. ﴿أُولَٰئِكَ هُمُ الْوَارِثُونَ(١٠)‏ الَّذِينَ يَرِثُونَ الْفِرْدَوْسَ هُمْ فِيهَا خَالِدُونَ(١١)﴾ (المؤمنون)‏ މާނައީ: "(ހެޔޮކަން) ވާރުތަވާ މީހުންނީ، ހަމައެއުރެންނެވެ.(11) އެއުރެންނީ، ފިރުދައުސް އެވެ ކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ.(12)" 5- ޖަންނާތު ޢަދްން ޢަދުނޭ ކިޔުނު ސުވަރުގޭގެ ވާހަކަ ކީރިތި ޤުރުއާނުގައި ތަކުރާރުކޮށް ބަޔާންވެގެން އާދެއެވެ. އަދުނަކީ ރަސޫލުންނާއި ޝަހީދުންނާއި މުސްލިމުންގެ ޢަދުލުވެރި ވެރިން ތިއްބަވާނެ ތަން ކަމުގައި ތަބަރީގެ ތަފްސީރުގައި ވެއެވެ. ޢަދުނާ ބެހޭ ގޮތުން މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މުއުމިނުން ފިރިހެނުންނާއި، މުއުމިނު އަންހެނުންނަށް، ﷲ ވަޢުދުކުރައްވައިފައި ވަނީ އެތާނގެ ދަށުން ކޯރުތައް ހިނގައިހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި، އެއުރެން ދެމިތިބޭ ގޮތުގައެވެ. އަދި ޢަދުނެވެ ކިއުނު ސުވަރުގެތަކުގައި ތިބޭނޭ ރަނގަޅު ގޮވަތިގެދޮރު ވެސް މެއެވެ. އަދި ﷲގެ ޙަޟްރަތުން ލިބޭ ރުއްސެވުން މާބޮޑެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ހަމަ އެއީއެވެ." އަޅުގަނޑު ލިޔަން ގަޞްދުކުޅަ ސުވަރުގޭގެ ނަންތަކާ ބެހޭ ލިޔުމުގެ ފުރަތަމަބައި މި ހިސާބަށް ކުރުކޮށްލަމެވެ. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ މީގެ އެހެން ނަންތައް ލިޔެ ހުށައަޅާނަމެވެ. ސުވަރުގޭގެ ވާހަކަ ގިނައިން ދެއްކުމަކީ އެ ކަމަށް އަޅުގަނޑުމެންގެ ޝައުޤު އިތުރުވާނެ ކަމެކެވެ. އަދި އެ ތަނަށް ދިޔުމަށް މަސައްކަތް އިތުރަށް ކުރެވޭނެ ކަމެއް ވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ