އަދާލަތު އިންތިހާބު: ވަގު ހަދަން އުޅޭކަމަށް ތުހުމަތުކޮށް އޮންލައިން ވޯޓިން ކެންސަލްކުރަން އެދިއްޖެ

އަދާލަތު ޕާޓީގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގައި ވަގު ހަދައިގެން ނަތީޖާ ބަދަލުކުރަން މަސައްކަތް ކޮށްފާނެ ކަމުގެ ތުހުމަތާއެކު އޮންލައިން ވޯޓިން ކުރިއަށް ނުގެންދަން ރައީސް ކަމަށް ކުރިމަތިލާފައިވާ އިކްރާމް އަބްދުއްސައްތާރު އެދިއްޖެ އެވެ.
އެކަމަށް އެދި އޭނާ ވަނީ އަދާލަތު ޕާޓީގެ އިންތިހާބީ ކަންތައްތަކާއި ބެހޭ ކޮމެޓީގެ މުގައްރިރަށާއި އިލެކްޝަންސް ކޮމިޝަނަށް ވެސް ސިޓީ ފޮނުވާފަ އެވެ.
މި އިންތިހާބުގައި އިކްރާމްއާ ވާދަކުރަނީ މިހާރު ވެސް އަދާލަތުގެ ނާއިބު ރައީސެއްގެ ގޮތުގައި ހުންނެވި ޝައިހް މުޙައްމަދު ޝިފާން އެެވެ. އޭނާގެ ރަނިންމޭޓަކީ ޝައިހް އަބްދުالله ރަޝީދު އެވެ. 
އިކްރާމްގެ ސިޓީގައި ބުނެފައިވަނީ ހުޅުވިފައިވާ އިންތިހާބަކަށް ހުރަސްއެޅޭ ގޮތަށް އޮންލައިންކޮށް އިންތިހާބު ބޭއްވުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އަދާލަތު ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުالله އެންމެ ފަހުން އިންތިހާބުކުރުމަށް ބޭއްވި އިންތިހާބުވެސް އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވާތީ އިންތިހާބުގެ ސައްހަ ކަމާމެދު އެތައް މެންބަރަކު ސުވާލު އުފެއްދި ކަމަށެވެ.
މީގެ އިތުރުން އޮންލައިންކޮށް ވޯޓްލުމުގެ ކަންކަން ކުރިއަށް ގެންދާނަމަ ޕާޓީގެ އޮފީހުގައި ތިބެ ވޯޓިން ސިސްޓަމާއި ކުޅެ ވޯޓްގެ މުޅި ނިޒާމުގެ ތެރެއަށް ވާދަވެރި ކެންޑިޑޭޓާއި އޭނާގެ ނާއިބު އަތްބާނާ ވޯޓް ގަޑުބަޑު ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"އެހެނީ އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓާއި އޭނާގެ ރަނިންމޭޓަކީ މިހާރުގެ ރައީސް އައްޝައިހް އިމްރާން އަބްދުاللهގެ ދެ ނާއިބުންނެވެ. މިހާރުވެސް ޕާޓީ ހިންގުމުގައި އަމަލީ ގޮތުން މަސައްކަތް ކުރައްވާ ދެ ބޭފުޅުން ކަމުން ޕާޓީއިން އޮންލައިންކޮށް ވޯޓްލާނަމަ އެކަންކަން ކުރިއަށް ގެންދާން ޖެހޭނީ އެ ބޭފުޅުންގެ ބައިވެރިވުމާއި އެހީތެރިކަމާއި އެކުގަ އެވެ,"
މިގޮތަށް މިކަންކަން ހުރުމުން ވޯޓްގެ ކަންކަމުގެ ތެރެއަށް އެ ބޭފުޅުން އަތްބާނާ ވޯޓް އޮޅުވާލާ އިންތިހާބުގެ ނަތީޖާ ބަދަލުކުރުމާމެދު އެއްވެސް ބޭފުޅަކު ޝައްކުނުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އިކްރާމްގެ ސިޓީގައި ވަނީ އޮންލައިން ވޯޓިންގެ ބަދަލުގައި ހުޅުވިފައިވާ އިންތިހާބަކަށް ފުރުސަތު ފަހިކުރުމަށް އަދާލަތުގައި އެދެން އިލެކްޝަންސް ކޮމިޝަންގައި އެދިފަ އެވެ. އަދި އަދާލަތު ޕާޓީގެ އިންތިހާބީ ކަންތައްތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު ކިބައިން އެދިފައިވަނީ އޮންލައިން ވޯޓް ކެންސަލްކޮށް ހުޅުވިފައިވާ އިންތިހާބެއް ބާއްވައިދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ