އަލްމަރްޙޫމް މުޙައްމަދު ނަޢީމް ޙުސައިންގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެންވިދާޅުވީ ނައީމް އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް ވިދާޅުވީ، މީގެ ބައި ގަރުނަށްވުރެ ކުރީން، ފަތުރުވެރިކަމަށް ރާއްޖެ ހުޅުވައިލުމަށްފަހު، ބައިނަލްއަޤްވާމީ ދަތުރުތައް އިތުރުކުރުމަށްޓަކައި ޤައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ޚިދުމަތް ދޭން ފެށުން ގުޅިފައިވަނީ އެ ހަނދާންތަކާ ކަަމަށެވެ.
”ދިވެހީންގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް، އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވެރީންނަށާއި މުވަައްޒަފުންނަށް ތަޢުޒިޔާ ދަންނަވަން.“ ރައީސް ވިދާޅުވިއެވެ.
މިއާއެކު ރައީސްވަނީ ނަޢީމްއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރައްވާފައެވެ.
އުމުރުފުޅުން 74 އަހަރުގައި ނައީމު އަވަހާރަވީ, އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ. އޭނާ އަވަހާރަވީ މިދިޔަ އާދިއްތަ ދުވަހުއެވެ. ޖަނާޒާ އޮތީ އިއްޔެ ހުޅުމާލޭ ސަހަރާގައެވެ.
ނައީމް ހުޅުލޭ އެއާޕޯޓުގައި މަސައްކަތްކުރައްވަން ފެއްޓެވީ 1967 ގަ އެވެ.
ނައީމް ވަނީ ތައިލެންޑުގެ ސިވިލް އޭވިއޭޝަން ސެންޓަރުން ވެސް އޭޓީސީގެ ޓްރެއިނިން ހައްދަވައިފަ އެވެ. އަދި އޮސްޓްރޭލިއާގައި އެއިރޯނޯޓިކަލް ސާޗު އެންޑް ރެސްކިއު ޓްރެއިނިން ވެސް ހެއްދެވި އެވެ.
އޭނާއަކީ މީގެ 59 އަހަރު ކުރިން، ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި, ހުޅުލޭ އެއާޕޯޓް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީނު ކުރި، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ތެރެއިން ބޭފުޅެކެވެ. ސްރީ ލަންކާއިން އޭޓީސީގެ ޓްރެއިނިން ފުރިހަމަ ކުރެއްވުމަށް ފަހު ހުޅުލޭ އެއާޕޯޓުގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރުގެ ވަޒީފާއަށް ނައީމް ނުކުމެވަޑައިގަތީ 1972 ވަނަ އަހަރު އެވެ.
މީގެ ގިނަ އަހަރުތަކެއް ކުރިން މި ވަޒީފާއިން އޭނާ ރިޓަޔާ ކޮށްފައިވިނަމަވެސް، މި ވަޒީފާ އޭނާ އަދާކުރެއްވީ ޓަވަރެއް ވެސް, އަދި ޒަމާނީ މާ ބޮޑު ވަސީލަތްތަކެއް ވެސް ނެތި ކުޅަދާނަކަމާއިއެކުއެވެ.
މަރްޙޫމް ނަޢީމްގެ ޚިދުމަތުގެ ހަނދާންތައް ފަނޑުވުމެއްނެތި ދެމިހުންނާނެ: ރައީސް މުޢިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ