އެއްފަހަރު ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށްގެން ބޭނުންކުރުމަކީ ސިއްހަތަށް ގެއްލުންހުރި ކަމެއް ކަމަށާއި އެފަދަ ފުޅިތައް އެހެން ބޭނުންތަކަށް ބޭނުންކޮށް ވިޔަފާރީގެ ގޮތުގައި ވެސް ބޭނުންނުުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރަޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އޮތޯރަޓީން ބުނީ، ބޯފެނާއި ލުއިބުއިންތައް ހުސްކުރި ފުޅިތަކުގައި ހުންނަ ޕްލާސްޓިކުގެ އަސަރު ކާބޯތަކެއްޗަށް ކުރާނެ ކަމަށެވެ.
ބުނީ ކީކޭ؟ - އެމްއެފްޑީއޭން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ބޯފެނާއި ލުއިބުއިންތައް ހުސްކުރި ޕީއީޓީ ފުޅިތަކުގައި ހުންނަ ޕްލާސްޓިކުގެ އަސަރު ކާބޯތަކެއްޗަށް ކޮށް ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެގޮތުން ބުނީ:
މިފަދަ ފުޅިތަކަކީ އެއްފަހަރު ބޭނުންކޮށްފަ އުކާލާގޮތަށް ވަކިވައްތަރެއްގެ ޕްލާސްޓިކްގައި ތައްޔާރުކޮށްފައި ހުންނަ ފުޅިތަކެއް
މި ފުޅިތައް އުފައްދާފަ ހުންނަނީ ޕޮލިއެތިލީން ޓްރަތަޔަލޭޓް ނުވަތަ ޕީއީޓީ އިން؛ މިއީ ހަމައެކަނި ވަކި ކަހަލަ އުފެއްދުންތަކަކަށް ބޭނުންކުރެވޭ ޕްލާސްޓިކުގެ ބާވަތެއް
މީގެ ސަބަބުން ފުޅިން ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ކުރުވައި އޭގެ ޒަރިއްޔާއިން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮވޭ
އެފްޑީއޭން ބުނީ، ކާބޯތަކެތި ވިޔަފާރިކުރާ ފަރާތްތަކުން ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބާޒާރުގައި ތަފާތު އެކި ބާވަތްތަކުގެ ބުއިންތައް މި ފުޅީގައި ބަންދުކުރާކަން ވެސް ފާހަގަވެފައިވާ ކަމަށް ބުންޏެވެ.
"ވީމާ ބޯފެނާއި ލުއިބުއިންތައް ހުސްކުރި ޕީއީޓީ ފުޅިތައް ކާބޯތަކެތި ބަންދުކުރުމަށް ބޭނުން ނުކުރުމަށް އަންގަމެވެ،" އެފްޑީއޭގެ ބަޔާނުގައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ބޯފެނުގެ އިތުރުން ކޯކުފަދަ ލުއި ބުއިންތައް ބަންދުކޮށްފައި ހުންނަ ފުޅިތަކުގައި ޖޫސްފަދަ ތަކެތި ބަންދުކޮށް ވިއްކުމަކީ އާންމުކަމެކެވެ. އަދި ގޭގޭގައި ވެސް އެފަދަ ފުޅިތަކުގައި ޖޫސްފަދަ ތަކެތި ބަންދުކޮށް ތަކުރާރުކޮށް ބޯން ބޭނުންކުރެ އެވެ. ބާޒާރުމަތީގައި ކުރުބާ ފަނިފަދަ ތަކެތި ވިއްކަނީ ވެސް މިފަދަ ފުޅިތަކުގައި ބަންދުކޮށްގެންނެވެ.
ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުނުކުރަން އަންގައިފި؛ ސިއްހަތަށް ގެއްލުންހުރި ކަމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ