ދިވެހި ބަހަށް ވަރަށް ކުޅަދާނަ އޭއައި ޕްލެޓްފޯމެއް, ގިނަ ޚިދުމަތްތަކެއް ލިބޭ

ގިނަ ޚިދުމަތްތަކެއް ލިބޭ، ދިވެހި ބަހަށް ވަރަށް ކުޅަދާނަ އޭއައި ޕްލެޓުފޯމެއް ނެރެފިއެވެ. "ޔައުމިއްޔާ އޭއައި" ގެ ނަމުގައި ނެރުނު އެ ޕްލެޓްފޯމަކީ ދިވެހި ބަހުން އިންޓަނެޓުގައި ސާޗްކޮށް، މަސްދަރުތަކާ އެއްކޮށް ސާފު ޖަވާބުތައް ދޭ ގޮތަށް ފަރުމާ ކޮށްފައިވާ ޕްލެޓުފޯމެކެވެ. ޔައުމިއްޔާ އޭއައި ނެރުނީ ދިވެހި ސްޓާޓްއަޕް ޗެފްވިޝަން އޭއައިއިންނެވެ. މި ކުންފުންޏަށް އެއްބާރުލުން ދީފައިވަނީ ބައިނަލްއަގުވާމީ ވެންޗާ ކެޕިޓަލް ކުންފުނި އެންޓްލާއިންނެވެ. އެއީ، ދުނިޔޭގެ 30 ސިޓީއެއްގައި މަސައްކަތްކުރާ، 1،500 އަށްވުރެ ގިނަ ސްޓާޓްއަޕްތަކަށް އެއްބާރުލުންދީފައިވާ ކުންފުންޏެކެވެ. ޗެފްވިޝަން އޭއައިގެ ފައުންޑާ އަދި ސީއީއޯ އިސްމާޢީލް ޝުޢާއު ވިދާޅުވީ، އެ ޕްލެޓްފޯމުގެ މަގުސަދަކީ ހުރިހާ ދިވެހިންނަށް އޭއައި ފަސޭހަކޮށް، ދިވެހި ބަހުން ބޭނުންކުރެވޭ ގޮތް ހެދުން ކަމަށެވެ. ޔައުމިއްޔާ އޭއައިގައި ތިން ބާވަތުގެ ސާޗް މޯޑްތައް ހިމެނެއެވެ. އޭގެތެރޭގައި، އަވަސް ޖަވާބުތަކަށް ޚާއްސަ, ސްޓޭންޑަޑް ސާޗް މޯޑަކާއި ވަރަށް ތަފްސީލުކޮށް ދިރާސާ ކޮށްދޭ, ޑީޕް ރިސާޗް މޯޑެއްގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ހޯދުމަށް ޚާއްސަކޮށްފައިވާ ލީގަލް ސާޗް މޯޑެއް ހިމެނެއެވެ. މި ޕްލެޓްފޯމުގެ ތަފާތަކީ, ގޫގުލް އަދި ޗެޓްޖީޕީޓީ ފަދަ ޕްލެޓްފޯމްތަކާ ޚިލާފަށް، ދިވެހިން މައުލޫމާތު ހޯދަން ފަސޭހަ ވުން ކަމަށް ޝުޢާއު ވިދާޅުވިއެވެ. އެ ޕްލެޓުފޯމުގެ ހުރިހާ ޚިދުމަތެއް އިނގިރޭސިއާއި ދިވެހި ބަހުން ބޭނުންކުރެވޭނެއެވެ. ލިޔުންތެރިންނަށް ޚާއްސަ އެހީތެރިކަމެއް ޔައުމިއްޔާ އޭއައިގައި ހިމެނޭ އާޓިކަލް ޑްރާފްޓިން ޓޫލަކީ ލިޔުންތެރިންނާއި ނޫސްވެރިންނަށް ޚާއްސަ ޚިދުމަތެކެވެ. އެ ޓޫލުން ޚިޔާލުތައް އުފައްދައި، ލިޔުން ފެށުމަށް ޑްރާފްޓެއް ލިބެއެވެ. އަދި ވަކި ގޮތަކަށް ލިޔުން ތައްޔާރު ކުރަން އެދުމުން ވެސް އަމިއްލައަށް ދިރާސާކޮށް ލިޔުން ތައްޔާރު ކޮށްދެއެވެ. އޭގެ ތެރޭގައި ޚަބަރާއި ސިޓީ އާއި އެހެނިހެން ލިޔުންތައް ހިމެނެއެވެ. ފުޅާ ދާއިރާއެއްގައި އެތައް ޚިދުމަތެއް ޔައުމިއްޔާ އޭއައި އިން ލިބޭ އިތުރު ޚިދުމަތްތަކުގެ ތެރޭގައި، ދިވެހި އޯޑިއޯ ލިޔުމަށް ބަދަލުކުރުން ހިމެނެއެވެ. މި ޚިދުމަތުގައި ވާހަކަދައްކާ މީހުން ވަކި ވަކިން ވެސް އެނގޭނެއެވެ. އަދި ޔައުމިއްޔާ އޭއައިއިން އިނގިރޭސި ބަހުން ހުންނަ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާ ކޮށްދެއެވެ. މީގެ އިތުރުން ދިވެހި ބަހުން ލިޔެފައި ހުންނަ ލިޔުންތަކުގެ ކުށް ފާހަގަކޮށްދީ, އޭއައިއިން އެ ކުށްތައް އިސްލާހު ކޮށްދިނުމުގެ ޚިދުމަތް ވެސް މި ޕްލެޓްފޯމުން ލިބެއެވެ. ޝުޢާއު ވިދާޅުވިގޮތުގައި އެ ޕްލެޓުފޯމު ހިންގަނީ، އެންޓަޕްރައިޒް ގްރޭޑް ކްލައުޑް އިންފްރާސްޓްރަކްޗާގައެވެ. އެ ޕްލެޓުފޯމުގައި އެންމެމަތީ ފެންވަރުގެ ރައްކާތެރިކަމުގެ އިންތިޒާމްތައް ހިމެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކުންފުނިން ބުނި ގޮތުގައި، އެ ޕްލެޓުފޯމުން، ލިޔުންތެރިންނާއި ނޫސްވެރިންނާއި ވަޒީފާ އަދާކުރާ މީހުންނާއި ދަރިވަރުންނާއި އާންމު ރައްޔިތުންނަށް އެހީވެދޭނެ ޚިދުމަތްތަކެއް ލިބޭނެއެވެ. މިއީ ސަބްސްކްރައިބް ކޮށްގެން ބޭނުން ކުރެވޭ ޚިދުމަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ