ކުޑަކުއްޖަކު ލައްވައި ޑުރަގު އުފުލިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ބަންދު އިތުރުކޮށްފި
ކުޑަކުއްޖަކު ލައްވައި ޑުރަގު އުފުލިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ބަންދު އަނެއްކާވެސް އިތުރުކޮށްފިއެވެ. ފުލުހުންނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކުޑަކުއްޖަކު ލައްވައި ޑުރަގު އުފުލުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކުރީ މިދިޔަ ފެބްރުވަރީ މަހުގެ އެއް ވަނަ ދުވަހެވެ. އެއީ މ. ނާޒްލީމަންޒިލް / މާލެ، ޙަސަން ނުޢާޒު (28އ) އާއި ވ. ސެޓެލައިޓް / މާލެ، އަޙްމަދު ނަޢީމް (39އ) އެވެ. އެ ދެ މީހުންނަށް ވަނީ ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، އެ ކުއްޖާ ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުކޮށްފައެވެ. https://sun.mv/217543 އެ މައްސަލާގައި އެކްސްޕްލޮއިޓް ކޮށްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ކުރިންވަނީ ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ދެ މީހުންގެ މެދުގައި ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފުސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރިއެވެ. އޭގެ ފަހުން 30 ދުވަހަށް ބަންދު ކުރުމަށް ފަހު، އަނެއްކާ މިއަދުވަނީ އެ ދެ މީހުންގެ ބަންދަށް 30 ދުވަސް ޖަހައިފައެވެ. ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ފުލުހުން ޚާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. https://sun.mv/217553 ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ވަރަށް ބޮޑު ކުށެކެވެ. މަސްތުވާތަކެއްޗާބެހޭ ފާނޫނުގެ 105 ވަނަ މާއްދާގައި ބަޔާންކުރަނީ މަސްތުވާތަކެތީގެ ކުށެއް ކުރުމުގައި ކުޑަކުއްޖަކު (18 އަހަރު ނުފުރޭ ކުއްޖަކު) ބޭނުންކުރުމަކީ ކުށެއް ކަމަށެވެ. މީގެ ތެރޭގައި މަސްތުވާތަކެތި އުފުލުން، ވިއްކުން، އެހެން ފަރާތަކާ ހަވާލުކުރުން ނުވަތަ އެނޫން ވެސް ވިޔަފާރީގެ މުޢާމަލާތެއްގައި ކުއްޖަކު ބައިވެރިކުރުން ހިމެނެއެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން، ކުއްޖަކު ބޭނުންކޮށްގެން މިފަދަ ކުށެއް ކުރުވައިފި ނަމަ، އެ ކުށަކަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު އެ މީހަކަށް ދެވޭނެއެވެ. މިސާލަކަށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި ކުއްޖަކު ބޭނުންކޮށްފި ނަމަ، އެ މީހަކަށް އަންނާނީ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މީގެ އިތުރުން، ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުދިން އެކި ބާވަތުގެ ނުރައްކާތަކުންނާއި، އެކްސްޕްލޮއިޓް ކުރުމުން ރައްކާތެރިކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމްކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ