އިލެކްޝަންސް ކޮމިޝަން (އީސީ)ން މީގެ ކުރިން ހާމަކޮށްފައިވާ ގޮތާ ހިލާފަށް ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓު ކަރުދާސް އެއް ކުލައަކުން އޮތުމުން ކަންބޮޑުވުން ފާޅުކޮށް، އެހެން އެކަންވީ ސަބަބު ސާފުކޮށްދިނުމަށް އެ ކޮމިޝަނުގައި އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު، ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާމެދު ދެކޭގޮތް ބަލަން ނަގާ ހިޔާލު ހޯދުމުގެ ވޯޓެއް ވެސް އޮންނާނެ އެވެ.
އީސީން މިރޭ އާންމުކޮށްފައިވާ ވޯޓު ކަރުދާސްތަކުގެ ނަމޫނާގައި ވާގޮތުން، އެ ތިން ވޯޓުގެ ވެސް، ވޯޓު ކަރުދާސް އޮންނާނީ ދާދި އެއްގޮތަކަށް ހުދު ކުލާގަ އެވެ. ތިން ކަރުދާހުގައި ވެސް ލިޔުންގަނޑުތައް އޮންނަނީ ކަޅުކުލައިންނެވެ.
ތަފްސީލް - މިކަމާ ކަންބޮޑުވުން ފާޅުކޮށް، ވޯޓު ކަރުދާސްތައް އެގޮތަށް އޮތް ސަބަބު ސާފުކޮށްދިނުމަށް އެދި އީސީގައި އެދިފައިވަނީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް އެވެ.
އީސީގެ ރައީސް މުހައްމަދު ޒާހިދަށް ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވަނީ، އީސީން އާންމުކޮށްފައިވާ 'ވޯޓުލުމަށް މަގެއް'ގެ އަތްމަތީ ފޮތުގައި ތިން ފޮއްޓަށް ލާންޖެހޭ ތިން ވޯޓު ކަރުދާސްކޮޅު ހުންނާނެ ކުލަ ކަމަށް ދައްކާފައިވަނީ ތަފާތު ތިން ކުލައެއް ކަމަށެވެ. އަދި، ޓްެރޭނިން ޕްރޮގްރާމުތަކުގައި ވެސް ވޯޓުކަރުދާހުގެ ކުލަ ކަމަށް ކިޔާދީފައިވަނީ ތަފާތު ތިން ކުލައެއްގެ ގޮތުގައި ކަމަށް އެ ސިޓީގައިވެ އެވެ.
އެޔަށްފަހު، މިފަހަރުގެ އިންތިހާބުގައި ބޭނުންކުރާ ތިން ވޯޓު ކަރުދާސްވެސް ހުދުކުލައިގައި ހުރީ ކީއްވެތޯ އެ ސިޓީގައި ސުވާލުކޮށްފައިވެ އެވެ.
މީގެއިތުރުން ދެން ސާފުކޮށްދޭން އެދިފައިވާ ކަންކަމަކީ:
އިންތިހާބީ އޮފިޝަލުން ތަމްރީނުކުރިއިރު ތިން އިންތިހާބުގެ ވޯޓު ކަރުދާސް ހުންނާނީ ތަފާތު ކުލަތަކެއްގައި ކަމަށް ބަލައިގެން ތަމްރީންދީފައިވާއިރު މި ބަދަލުގެ ސަބަބުން ދިމާވެދާނެ ދަތިތަކަކީ ކޮބައިތޯ؟
ވޯޓު ކަރުދާހުގައި ހުރި ކުޑަ ތަފާތެއްގެ ސަބަބުން، ވޯޓުލާ މީހާ ކަރުދާސް ފަތްޖަހާ ގޮތަކުން ވޯޓުގެ ސިއްރުކަން ގެއްލިދާނެ ކަމުގެ ބިރު އޮތްއިރު މިކަމާމެދު ހެދިފައި އޮތީ ކޮން އުސޫލެއްތޯ؟
ވޯޓު ކަރުދާސް ތައްޔާރުކުރުމާއި ޗާޕުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ އެކަމުގެ ހަގީގަތަކީ ކޮބައިތޯ؟
"އިންތިހާބުތަކުގައި ލާ ވޯޓުގެ ސިއްރުކަމާއި ސައްހަކަން ކަށަވަރުކުރުމަކީ އީސީގެ ޒިންމާއަކަށްވީ ހިދު، މިކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ދެންނެވީމެވެ" ސިޓީގައިވެ އެވެ.
އިންތިޚާބުގެ ސިއްރުކަން ގެއްލޭގޮތަށް އީސީން އަމަލު ކުރަމުންދާކަމަށް ތުހުމަތުތަކާ ގުޅިގެން އީސީން މިރޭ ބުނީ، އެއީ އެއްވެސް އަސާސެއްނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ވޯޓުލުމުގެ އެންމެހައި މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށާއި މަޖެހިފައިވާގޮތަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސް އެމީހަކު ބޭނުންވާގޮތަކަށް ވޯޓުލުމަށް ދޫކުރާނެ ކަމަށް ބުންޏެވެ.
ކައުންސިލާއި ހިޔާލު ހޯދުމުގެ ވޯޓު ކަރުދާސް އެއް ކުލައެއްގައި އޮތުމުން ސުވާލު އުފައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ