އުރީދޫ ހޮޅުއަށިން މިހާރު މުނިފޫހިފިލުވުމާއި ތައުލީމާ ގުޅުންހުރި އިތުރު ޚިދުމަތްތައް ލިބޭނެ
އުރީދޫ ސުޕަ އެޕްގައި ހިމެނޭ ޑިޖިޓަލް ކޮންޓެންޓް މާކެޓްޕްލޭސްއެއް ކަމަށްވާ އުރީދޫ ހޮޅުއަށިން، މުނިފޫހިފިލުވުމާއި ތައުލީމާ ގުޅުންހުރި އިތުރު ޚިދުމަތްތައް ލިބޭނެ ގޮތް ފަހިކޮށްދީފިއެވެ. އުރީދޫ ހޮޅުއަށްޓަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކި ބާވަތުގެ ޑިޖިޓަލް އުފެއްދުންތައް ބަލައި، ގަތުމަށް ފަރުމާކޮށްފައިވާ އެއް މަންޒިލެވެ. ފަސޭހަ އިންޓަފޭސްއަކާއެކު ފަރުމާކޮށްފައިވާ އެ ޕްލެޓްފޯމުން ކޮންމެ ތަނެއްގައި ހުރެގެން ވެސް މުނިފޫހިފިލުވުމާއި ތައުލީމާ ގުޅުންހުރި ޚިދުމަތްތައް ހޯދޭނެ ކަމަށް އުރީދޫން ބުންޏެވެ. އެ ކުންފުނިން ބުނީ ތަފާތު ޝައުގުތައް ހުރި ކަސްޓަމަރުންނަށް އަމާޒުކޮށް، ހޮޅުއަށިން އޯޑިއޯ ބުކްސް، ގޭމްތައް އަދި ކުޑަކުދިންނަށް ޚާއްސަ ކޮންޓެންޓް ބެލޭނެ ކަމަށެވެ. އަދި ހެލްތު އެންޑް ފިޓްނަސްއާއި އެންޓަޓެއިންމަންޓް ފަދަ ގިނަ ކޮންޓެންޓްތަކެއް ލިބެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ. ކަސްޓަމަރުންގެ ޑިޖިޓަލް ބޭނުންތަކާ އެއްގޮތަށް، އެ ޕްލެޓްފޯމަށް އާ ކޮންޓެންޓްތައް އަބަދުވެސް އިތުރުކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. އުރީދޫ މޯލްޑިވްސްއިން މިހާރު ވަނީ މީޑިއާނެޓް ސީޒަން ޕާސް ހޮޅުއަށި މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ. މި ބަދަލާއެކު، ލައިވް ޓީވީ އާއި އޮން-ޑިމާންޑް ކޮންޓެންޓް އަދި ސްޕޯޓްސް ކަވަރޭޖް ފަދަ ޕްރީމިއަމް އެންޓަޓެއިންމަންޓް ޚިދުމަތްތައް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އުރީދޫން ބުނީ ކަސްޓަމަރުންނަށް އުރީދޫ ސުޕަ އެޕް މެދުވެރިކޮށް ހޮޅުއަށްޓަށް ވަދެ، މޮބައިލް ބެލެންސް ބޭނުންކޮށްގެން ފަސޭހަކަމާއެކު ވިޔަފާރި ކުރެވޭނެ ކަމަށެވެ. އެގޮތުން، ޕްރީޕެއިޑް ކަސްޓަމަރުންނަށް ވިޔަފާރިކުރާ ވަގުތު އެ އަދަދު ބެލެންސްއިން ކެނޑޭނެ ކަމަށާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަހު ފީއާއެކު ޚަރަދުތައް ދެއްކުމުގެ ފުރުސަތު ލިބޭނެކަން އެ ކުންފުނިން ފާހަގަކުރިއެވެ. އުރީދޫން ބުނީ ހޮޅުއައްޓަށް ގެންނަ އެފަދަ ކުރިއެރުންތަކާއެކު، ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކޮށް، ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ