އައްޑޫގައި ތެޔޮ ވިއްކާ އަގު ހެޔޮކޮށްދޭން ކައުންސިލުން ސަރުކާރަށް ގޮވާލައިފި

އައްޑޫގައި އަމިއްލަ ފަރާތްތަކުން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ބޮޑުކަމުން އައްޑޫ ސިޓީ ކައުންސިލުން އަނެއްކާ ވެސް ކަންބޮޑުވުން ފާޅުކޮށް ގައުމީ ތެޔޮ ކުންފުނި ފިއުލް ސަޕްލައިސް (އެފްއެސްއެމް)އިން އައްޑޫގައި އެ ހިދުމަތް ފޯރުކޮށްދޭން ކައުންސިލުން ގޮވާލައިފި އެވެ. 
ވީ ކިހިނެއް؟ - ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލޭގައި އެފްއެމްގެ ޝެޑްތަކުން ޕެޓްރޯލް ލީޓަރެއް 18.56ރ. އަށް އަދި ޑީސަލް ލީޓަރެއް 18.68ރ. އަށް ވިއްކާއިރު:
އައްޑޫގައި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 24.22ރ. އަށް 
ޑީސަލް ލީޓަރެއް ވިއްކަނީ 31.34ރ. އަށް 
ތަފްސީލް - ތެލުގެ އަގު ބޮޑުވުމުގެ ސަބަބަކީ އައްޑުއަށް ތެޔޮ ގެންދިޔުމަށް ކުރަން ޖެހޭ ހަރަދު ބޮޑުވުން ކަމަށް ވިޔަފާރިވެރިން ބުނި ނަމަވެސް، ތެޔޮ ވިއްކާ އަގުގެ ފަރަގު މާލެއާ އަޅާބަލާއިރު މާ ބޮޑުކަމަށް ކައުންސިލުން ބުންޏެވެ. 
"އަމިއްލަ ކުންފުނިތަކުން ވެސް އެފްއެސްއެމްއިން ވިއްކާ އަގުގައި ތެޔޮ ވިއްކޭނޭ އިންތިޒާމު ހަމަޖެއްސުމަށް އެދިފައިވީ ނަމަވެސް، އެ އިންތިޒާމް ހަމަޖެހިފައި ނުވާކަމީ މި ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ،" ކައުންސިލްގެ ބަޔާނުގައިވެ އެވެ.
"މިއީ ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު އައްޑޫގެ ރައްޔިތުން އުފުލަން ޖެހޭ ވަރަށް ބޮޑު ތަކުލީފެކެވެ." 
މީގެ އިތުރުން ކައުންސިލުން ބުނީ އެފްއެސްއެމްއިން އަމިއްލަ ފަރާތްތަކަށް މީގެ ކުރިން ހެޔޮ އަގުގައި ތެޔޮ ވިއްކަމުން ދިޔަ ނަމަވެސް އެކަން މިހާރު ހުއްޓިފައިވާ ކަމަށެވެ. މީގެ އިތުރުން އެފްއެސްއެމްއިން ބުނީ:
އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގައި ތެޔޮ ވިއްކުމުގެ ހިދުމަތް ފޯރުކޮށް ދެމުން ނުދާ ކަމަށް 
ގަމުގައި ހުންނަ އެފްެއެސްއެމްގެ ތެޔޮ ޕަމްޕަކީ ދުވަސްވެ، ބާވެފައިވާ އެއްޗަކަށްވުމުން ތެޔޮ އެޅުން ލަސްވެ ކިޔު ދިގުވަމުންދާ ކަމަށް؛ އެއީ ވެސް ރައްޔިތުންގެ ތަކުލީފަށް އިތުރުވުމެއް ކަމަށް ވެސް ކައުންސިލުން ބުނި
"މިކަމަށް އަވަސް ހައްލެއް ހޯދައިދީ، މާލެ އާއި އައްޑޫ ސިޓީއާ ދެމެދު ތެލުގެ އަގުގައި ހުރި ފަރަގު ކުޑަކުރުމަށް ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކަށް މި ކައުންސިލުން ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
ފާހަގަކޮށްލެވޭ - ތެޔޮ އަގު ބޮޑުވުމާ ގުޅިގެން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ