އިންޑިއާއިން ޑޮމެސްޓިކް އެއާފެއާ ކެޕްސް އުވާލައިފި، ޓިކެޓްގެ އަގު އުފުލިދާނެ
އިންޑިއާގެ ޑޮމެސްޓިކް ފްލައިޓްތަކުގެ އަގަށް ސަރުކާރުން ވަގުތީ ގޮތުން ކަނޑައެޅި ކެޕް މިއަދުން ފެށިގެން އުވާލަން ނިންމައިފިއެވެ. އެ ނިންމުމުގެ ސަބަބުން އޮޕަރޭޓިން ހަރަދުތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައި އެއާލައިންތަކަށް މިނިވަންކަމާއެކު ދަތުރުފަތުރުގެ އަގު ކަނޑައެޅުމަށް ފަހިވާނެއެވެ. ކެޕް އުވާލަން ސަރުކާރުން ނިންމީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އޭވިއޭޝަން ޓާބައިން ފިއުލް (އޭޓީއެފް) ގެ އަގު އުފުލުމާއި އޮޕަރޭޝަންތަކަށް ބުރޫއަރައި އެއާލައިންތަކުގެ ޚަރަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީއެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހު އިންޑިއާގެ ޑޮމެސްޓިކް ފްލައިޓްތަކުގެ އޮޕަރޭޝަންއަށް ބުރޫއެރުމުގެ ސަބަބުން ޓިކެޓް އަގު އުފުުލުމާ ގުޅިގެން ކޮންޓްރޯލު ކުރުމަށް ސަރުކާރުން ވަނީ އަގު ކަނޑައަޅާފައެވެ. އޭރު އޮތީ އިކޮނޮމީ ކްލާސް އެއްކޮޅު ޓިކެޓް 18000 ރުޕީސްއަށްވުރެ މަތި ނުކުރޭ ގޮތަށެވެ. މިހާރު ކެޕް އުވާލުމާއެކު، އެއާލައިންތަކަށް ޑިމާންޑާ މާކެޓް ހާލަތަށް ބަލައި ޓިކެޓްގެ އަގު ކަނޑައެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ނިންމުމުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި އެއާލައިންތަކުން ޓިކެޓްގެ އަގު ބޮޑުކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. ނަމަވެސް އެކަން ގާތުން މޮނިޓާ ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ޓިކެޓްގެ އަގު އުުފުލެމުންދާނަމަ، އަލުން ކޮންޓްރޯލު ކުރާނެ ކަމަށް ވެސް ކަމާބެހޭ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ކެޕް އުވާލުމުން އޮފް ސީޒަންތަކުގައި ޓިކެޓުގެ އަގު ހެޔޮވެ، އެނޫން ސީޒަންތަކުގައި އަގު ބޮޑުވެދާނެއެވެ. އަދި ކެޕް އުވާލުމުން އަގު ކަނޑައެޅުމުގައި އެއާލައިންތަކުގެ މެދުގައި ވާދަވެރިކަން އުފެދުން ވެސް އެކަށީގެންވެއެވެ. އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ބާޒާރުގެ ފަސްބައިކުޅަ އެއްބައި ތެޔޮ އުފުލާ މުހިންމު ކަނޑުއޮޅީގެ ކޮންޓްރޯލު ނަގާފައެވެ. އޭގެއިތުރުން މެދުއިރުމަތީގައި ހުރި ތެލުގެ ވަސީލަތްތަކަށް ވެސް ހަމަލާ ދެމުންދާތީ، ތެލުގެ އަގު އަންނަނީ އިންތިހާއަށް އުފުލެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ