ރަށްގިރުން ހައްލުކުރަން ބޮޑުހިލަޖެހުން ނޫންގޮތެއް ހޯދަނީ

ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް މިހާރު ބޭނުންކުރާ ބޮޑުހިލަ ޖެހުންނޫން، ތިމާވެއްޓާއި ރަށްޓެހި އެހެންގޮތެއް ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަމެންޓް އެން އެނާޖީ އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، ރަށްގިރުމުގެ މައްސަލަ ހައްލުކުރަން ޒަމާނުންސުރެ ކުރަމުން އަންނަކަމަކީ ބޮޑު ހިލަ ޖެހުންކަަމަށެވެ. ބޮޑު ހިލަ ޖެހުމަކީ އޭގެ ޒާތުގައި ވަރަށް ޚަރަދު ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މީގެ 7 ވަރަކަށް އަހަރުކުރިން ބެލިބެލުމުގައި ޕްރޮޖެކްޓްގެ މޮބިލައިޒޭޝަންގެ ކޯސްޓާއެކު ގާތްގަނޑަކަށް ބޮޑު ހިލައިގެ ލީނިއަރ މީޓަރެއް އިންސްޓޯލް ކުރެވެނީ 6000 ނުވަތަ 7000 ޑޮލަރަށްކަމަށެވެ. އެހެންކަމުން ބޮޑު ހިލައިގެ ބަދަލުގައި ތިމާވެއްޓާ ރަށްޓެހި ގޮތަކަށް އެކަން ކުރެވޭނެ ގޮތްތަކެއް ހޯދަމުންދާކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބަލަން އެބަ، ނޭޗަރ ބޭސް ސޮލިއުޝަންގެ އިތުރުން ކޮންސްޓްރަކްޝަން ވޭސްޓުވެސް ބޭނުންކޮށްގެން ކޯސްޓަލް ޕްރޮޓެކްޝަނަށް ސޮލިއުޝަނެއް ހޯދޭތޯ. ނޭޗަރ ބޭސް ސޮލިއުޝަނަށް އަމާޒުކޮށްގެން އަޅުގަނޑަށް ހީވަނީ މިހާރުވެސް ބައެއް މަޝްރޫޢުތައް ހިނގާހެން. ބައެއް ޑިޒައިންތަކުގައި ނޭޗަރ ބޭސް ސޮލިއުޝަން އެޔަށް ލައިގެން" މިނިސްޓަރު ޢަލީ ޝަރީފް ވިދާޅުވިއެވެ.
ބޮޑުހިލައިގެ ބަދަލުގައި، ކޮންސްޓްރަކްޝަން ޑެމޯލިޝަން ވޭސްޓް ނުވަތަ އެހެންވެސް މެޓީރިއަލެއް ބޭނުންކޮށްގެން އީޖާދީ އެހެން ޙައްލެއް (ޚަރަދު ކުޑަ، ރެސިލިއެންޓް، ރާއްޖޭގެ ތިމާވެށްޓާ ގުޅޭ) ހޯދުމާއި ގުޅޭ ރިސަރޗް ގްރާންޓެއް ފަދަ ފައިސާގެ އެހީތެރިކަމެއް ހަމަޖައްސަވާ ދެއްވުމަށް، ކެބިނެޓްގެ މަޝްވަރާއާއެކު، ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ