މަސްތުވާތަކެތީގެ މައްސަލައިގައި ގިނަ ދައުވާތަކެއް އުފުލާފައިވާ، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) އާއި ދެކޮޅަށް ހުށަހެޅި އޭނާގެ ބޭންކް ސްޓޭޓްމަންޓު ފުލުހުން ހޯދީ ގާނޫނާއި ހިލާފަށްކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލު ކުރި މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޕެސްޓު ހައްޔަރުކޮށް އޭނާގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައިގައި ގިނަ ދައުވާތަކެއް ވަނީ އުފުުލާފަ އެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން މި މަހު ނިންމި ނިންމުމެއްގައި ވަނީ ޕެސްޓާއި އޭނާއާއި އެކު މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ބޭންކް ސްޓޭޓްމަންޓްތައް ދިނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާކަމަށާއި، އެއީ ގާނޫނާއި ހިލާފު އަމަލެއް ކަމަށެވެ. މި ސްޓޭޓުމަންޓުތައް ފުލުހުން ހޯދި ގޮތް އެނގެން ނެތްކަން ފާހަގަކޮށް، ކޯޓުގެ ނިންމުމުގައި ވަނީ ފުލުހުން ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓް ހޯދީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ސިޓީއަކުން އެދިގެން ކަމަށް ފުލުހުން ބުނި ނަމަވެސް، އާންމު ބޭންކް ސްޓޭޓްމަންޓްތައް ބޭންކްތަކުން ދޫކުރަނީ ބޭންކް ސިޓީއަކާ އެކު ކަމަށާއި އެކަމަކު އެ މައްސަލައިގައި އެފަދަ ސިޓީއެއް ވެސް އޮތްކަން އެނގެން ނެތް ކަމަށެވެ.
ބޭންކިން ގާާނޫނުގެ ދަށުން ބައެއް މައުލޫމާތުތައް ދޭން އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެން ވީނަމަވެސް، ބޭންކު ސްޓޭޓްމަންޓުތަކާއި އެ އެކައުންޓުތަކުގެ މުއާމަލާތްތަކުގެ ތަފްސީލެއް ނުހޯދޭނެ އެވެ. އެހެންވެ، ޕޭސްޓާއި ދެކޮޅަށް ހުށަހެޅި ބޭންކު ސްޓޭޓްމަންޓު ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމީ އެވެ. ކޯޓުގެ އެ ނިންމުން، ދައުލަތުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ދާދިފަހުން ނިންމާފައި ވަނީ ޕެސްޓުގެ ބޭންކް ސްޓޭޓްމަންޓުތައް ފުލުހުން ހޯދާފައި ވަނީ ރަނގަޅަށް ކަމަށާއި އަދި ކްރިމިނަލް ކޯޓުން އެ ހެކި ބަަލައިގަންނަން ޖެހޭނެ ކަމަށެވެ.
ހައިކޯޓުގެ ނިންމުން ޕެސްޓުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގަތުމާއި މެދު އަދި ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.
ބޭންކް ސްޓޭޓްމަންޓުތައް ހެކީގެ ގޮތުގައި ބަލައިގަތުމަށް ހައިކޯޓުން ނެރުނު އަމުރު ޕެސްޓުގެ ފަރާތުން ސުޕްރީމް ކޯޓަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ