އިނގިލީގެ ނިޝާނުގެ މައްސަލާގައި އަމަލު ކުރާނީ ކޯޓުން ނިންމާ ގޮތަކަށް: އީސީ
ޕާޓީތަކުގައި ރަޖިސްޓްރީ ވުމަށް ހުށަހަޅާ ފޯމުގައި އިނގިލީގެ ނިޝާން ނެތް މެމްބަރުން ސިޔާސީ ޕާޓީތަކުން ވަކި ކުރުމާ ގުޅޭ ގޮތުން އަމަލު ކުރާނީ ކޯޓުން ނިންމާ ގޮތަކަށް ކަމަށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ. ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށްވުމަށް އެދި ފޯމް ހުށަހަޅާއިރު، ފިންގާ ޕްރިންޓު ޖަހަން ނުޖެހޭ ގޮތަށް އޮތް ދުވަސްވަރު ހުށަހެޅި ފޯމުތަކުގައި ފިންގާ ޕްރިންޓު ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުމަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޑީއާރްޕީއާ އިދިކޮޅު އެމްޑީޕީން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. އިލެކްޝަންސް ކޮމިޝަނުގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވާއިރު ފިންގަ ޕްރިންޓު ޖަހަން ޖެހޭނެކަން މީގެކުރިން އިލެކްޝަނުން ޕާޓީތަކަށް އަންގާފައިވާނެ ކަމަށާއި އަދި އެކަމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށެވެ. "އެ މައްސަލަ މިހާރު ކޯޓުގައި ކުރިއަށްދާތީވެ، އަޅުގަނޑުމެން މިވަގުތު ތި ލަފައާ ބެހޭ ގޮތުން (އޭޖީގެ ލަފާ) ބެހޭ ގޮތުން ވެސް އަދި އެ މައްސަލައާ ބެހޭ ގޮތުން ވެސް އަޅުގަނޑުމެން (އިލެކްޝަންސް ކޮމިޝަން) އެއްވެސް އެއްޗެކޭ ބުނާކަށް ނެތީން،" އަކްރަމް ވިދާޅުވި އެވެ. އަކްރަމް ވިދާޅުވީ މެމްބަރުން ވަކި ނުކުރެވޭނެ ކަމަށް އޭޖީ ލަފާ ދެއްވީ ކޯޓަށް މައްސަަލަ ހުށަހެޅުމުގެ ކުރިން ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިންގަ ޕްރިންޓާއި ގުޅޭ ގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ވެސް ކޮމިޝަނުގެ މެމްބަރުން އެ ސުވާލުތަކަށް ޖަވާބެއް ނުދެއްވަ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިދިޔަ ޑިސެމްބަރު ބަހުގެ 31ގެ ނިޔަލަށް އެކޮމިޝަނަށް ލިބިފައިވާ ފޯނުތައް މިހާރު ޗެކު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ