ކުރީގެ ރައީސް މައުމޫން ފޭހި އިލޮށިގަނޑު، މައުމޫނުގެ ލޮލަށް

ދިގު ތިރީސް އަހަރުގެ ވެރިކަމުގައި ދިވެހި އެތަކެއް ރައްޔިތުންނަށް އަނިޔާވެރިކަން އިސްކުރެއްވި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން، އިންސާފެއް ނެތްކަމަށް ވިދާޅުވެ، އިހުސާސްތައް ބަނޑުން ޖަހާލި ނަމަވެސް އެކަމަށް ދިވެހި ރައްޔިތުން ދަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.ކޮރަޕްޝަންގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން ޖަލުގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، އަދި ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ފާރިސް ބަންދުގައި ހުންނަ މައްސަލަ ކުށްވެރިކުރައްވާ ރައީސް މައުމޫން ވަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނުގެ ޝުޢޫރު ފާޅުކުރައްވާފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ޖަލަށް ވަޑައިގެން، ދަރިކަލުން ފާރިސްއާ ބައްދަލު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ދަރިކަލުން ފާރިސް ހުންނެވީ ވަރަށް ސާބިތުކަމާއެކުގައި ކަމަށެވެ. ނަމަވެސް ހިތާމައަކީ އެއްވެސް ކުށަކާ ނުލާ ފާރިސް ބަންދުކުރައްވާފައި ހުންނަތާ މިދިޔަ ބުދަ ދުވަހާ ހަމަޔަށް 79 ދުވަސް ވެފައިވާތީ ކަމަށެވެ. އަދި ބަންދުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ އަޑުއެހުުން ނިމުނުތާ ވެސް 56 ދުވަސްވެފައިވާ ކަމަށާއި، ނަމަވެސް ދެން ކުއްލިއަކަށް ފެނުނީ ގަވައިދާ ހިލާފަށް ކޯޓުގެ ބެންޗު ބަދަލުކޮށް މައްސަލަ ބާތިލު ކުރެއްވިތަން ކަމަށް މައުމޫން ކުރެއްވި ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ. މައުމޫނުގެ ދަރިކަލުން ފާރިސް އަށް ދެމުން އަންނަނީ ކިހާބޮޑު އަނިޔާއެއްތޯ، ސުވާލު އުފައްދަވަމުން މައުމޫން ކުރެއްވި ޕޯސްޓްގައި ލިޔުއްވާފައި ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިތާ ދެމަހަށް ވުރެ ގިނަ ދުވަސް ވީއިރު، އެއްވެސް ޖަވާބެއް ނުދެއްވާ ކަމަށާއި އަނބިދަރިންނާ ދުރުގައި ފާރިސް ބަންދުގައި ހުންނެވި ނަމަވެސް އެކަމުގައި އެއްވެސް މުއައްސަސާއަކުން ޒިންމާ ނުނަންގަވާ ކަމަށެވެ. އެހެން ކަމުން އިންސާފަކީ ކޮބައިތޯ މައުމޫން ވަނީ ސުވާލު ކުރައްވާފައެވެ. ރައީސް މައުމޫންގެ ދަރިކަލަކު ޖަލު ބަންދެއްގައި ހުންނެވުމުން އިންސާފަކީ ކޮބައިތޯ އައްސަވާ ސުވާލު ކުރެއްވި އިރު، އެމަނިކުފާނުގެ ވެރިކަމުގައި އިންސާފު ނުލިބި ކިތައް ރައްޔިތުން ޖަލުގެ އަނިޔާތައް ތަހަންމަލުކުރިތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ. އަދި އެމަނިކުފާނުގެ ދަރިކަލުންނާ ބައްދަލުކުރެއްވުމަށް މަހަކު ދެފަހަރު ޖަލަށް ވަޑައިގަތުމުގެ ފުރުސަތު މިހާރު ހުޅުވާލާފަ ވީ ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ޖަލުގައި ތިބި މީހުންގެ އާއިލާތަކަށް ހަބަރު ދަބަރު ނޭނގި ކިތައް އަހަރު ފާއިތުވެ ދިޔަތޯ މިއީވެސް ރައްޔިތުން އުފައްދާ ސުވާލުތަކެކެވެ. މީގެއިތުރުން އެމަނިކުފާނުގެ ދަރިކަލުން ކޯޓު އަމުރެއްގެ ދަށުން ޖަލު ބަންދެއްގައި ހުންނެވުމުން، އެމަނިކުފާނުގެ ހިތް ފަޅައިގެން ދިޔައިރު، ރައީސް މައުމޫންގެ ވެރިކަމުގައި ތިންބާރު އެކުވެފައިވާ ނިޒާމުގެ ދަށުން މޭޒުމަތީ އޮންނަ ބަރާއި، މޭޒުތައްވެސް ހެކި ބަސްދޭ ކަމަށް ބުނެ، އެތައް ބަޔަކު ވާނުވާ ނޭނގޭ ހާލު ބަންދުގައި ބޭތިއްބުމަކީ އެފަދަ އަނިޔާތައް ތަހައްމަލް ކުރަން ޖެހުނު އެތަކެއް ރައްޔިތުންގެ އާއިލާތަކަށް ކިހާބޮޑު ހިތާމައެއް ކުރިމަތިވާނެ ކަމެއްކަން އޭރު މައުމޫނަށް އެނގިވަޑައި ނުގަންނަވަނީތޯއެވެ. މިއީވެސް އުފެދޭ ސުވާލެއް. އަދި ފާރިސް މައުމޫން އަނބިދަރިންނާ ދުރުގައި ޖަލުގައި ހުންނެވިކަން ފާހަގަ ކުރައްވާ ވާހަކަފުޅު ދެއްކެވި އިރު، މައުމޫންގެ ވެރިކަމުގައި ޖަލުގައި ބަންދު ކުރި ރައްޔިތުން ޖަލުގެ ތޭރިތަކުގެ ތެރޭގައި ހިތްދަތި ދުވަސްތައް ހޭދަކުރެއްވީ އަނބިދަރިންނާ އެކުގައިތޯ މިއީވެސް އުފެއްދިދާނެ ސުވާލުތަކެވެ. މިފަދަ އެތަކެއް ސުވާލުތަކަށް ޖަވާބުދާރީ ވުމަށް ނުކުޅެދިފައިވާ ބޭފުޅަކު މިއަދު އެފަދަ ވާހަކަފުޅު ދެއްކުމުން ރައްޔިތުން ދަނީ އެކަމަށް މަލާމާތް ކޮށް ހަޖޫ ޖަހަމުންނެވެ.އާރާއި ބާރާއި، އިއްޒަތާއި ޝަރަފާއެކު ރައީސް މައުމޫން ރައްޔިތުންގެ މާލިއްޔާއިން ހަރަދު ކުރައްވައިގެން ހުންނަވާ އެތައް ރައްޔިތުންނަށް އެވިދާޅުވާފަދަ ނުހައްގު އަނިޔާ ދެއްވިއިރު، އަނިޔާލިބުނު ރައްޔިތުންގެ އާއިލާތަކެއްވެސް ވާނެކަމާއި އެރައްޔިތުން ކުރާނެ ހިތާމަތަކެއް ވާނެ ކަމީވެސް ކަށަވަރުވެ ޔަގީންވާ ކަމެކެވެ. އެމީހަކު ފޭހި އިލޮށިގަނޑެއް އެމީހެއްގެ ލޮލަށް ހެރޭނެކަމަށް ބުނާ ބުނުމުގައި ހަގީގަތެއްވާކަން މިއަދު ރައީސް މައުމޫނަށް ވަރަށް ރަގަޅަށް ހާމަވާނެކަން ޔަގީނެވެ. ދަރިކަލުން ހާލު ބެއްލެވުމަށް، ރައީސް މައުމޫން މާފުށީ ޖަލަށް ވަޑައިގެން ހުންނަވާއިރު، އެމަނިކުފާނުގެ ހިތްޕުޅަށް ކުރާ އަސަރާއި، ހިތްދަތި އިހުސާސްތައް އެމަނިކުފާނުގެ ވެރިކަމުގައި އެތައް ރައްޔިތުންނެއް ވަނީ ތަހައްމަލުކޮށްފައެވެ.އެހެންކަމުން ދަރިއަކު ނުވަތަ އާއިލާގެ މެންބަރަކު ތިމާމެންގެ ލޯމަތިން އެންމެ ހިނދުކޮޅަކަށް ނަމަވެސް ގެއްލުމުން، އެހެންމީހުންގެ ހިތައްކުރި ހިތްދަތި އިހުސާސްތައް މިއަދު ރައީސް މައުމޫން ކުރައްވަން ޖެހި ވަޑައިގަތުމަކީ ކަށަވަރުވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ