ކެމްބޯޑިއާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ނެޝަނަލް ރެސްކިއު ޕާޓީ (ސީއެންއާރްޕީ) އުވާލައިފި އެވެ.
ސީއެންއާރްޕީ މިއަދު އުވާލުމުގެ އިތުރުން އެޕާޓީއަށް ނިސްބަތްވާ 118 ބޭފުޅަކަށް ކުރިއަށް އޮތް ފަސް އަހަރު ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވެ އެވެ.
މި ހުކުމާ އެކު ކެމްބޯޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 123 މެންބަރުންގެ ތެރެއިން ސީއެންއާރްޕީއަށް ނިސްބަތްވާ 51 މެންބަރެއްގެ ގޮނޑި ގެއްލިގެންދާނެ ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ހުކުމާއެކު ސީއެންއާރްޕީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން އެގައުމު ދޫކުރައްވާ ވަޑައިގެންފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ސީއެންއާރްޕީ އުވާލުމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ ބޭރުގެ ބަޔަކާ ގުޅިގެން ކެމްބޯޑިއާގެ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް ސަރުކާރުން ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެވެ. ސީއެންއާރްޕީ އުވާލުމަށް ހުކުމް ކުރީ ސުޕްރީމް ކޯޓުން ކަމަށްވާތީ މިމައްސަލަ އިސްތިއުނާފް ކުރުމުގެ ދޮރުވެސް ވަނީ ބަންދުވެފަ އެވެ.
ސީއެންއާރްޕީ ވަނީ 2013 ވަނަ އަހަރު ކެމްބޯޑިއާގައި ބޭއްވި އާންމު އިންތިހާބުގައި ވާދަކޮށް ބޮޑު ކާމިޔާބެއް ހޯދާފައި ކަމަށްވާތީ އަންނަ އަހަރު ބާއްވާ އިންތިހާބުގައި ކެމްބޯޑިއާގެ ވެރިކަން ކުރާ ޕީޕަލްސް ޕާޓީގެ މައްޗަށް ސީއެންއާރްޕީން ކުރި ހޯދުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މުރާސިލުން ދެކެ އެވެ.
ސީއެންއާރްޕީ އުވާލާ، އެޕާޓީއަށް ނިސްބަތްވާ އިސް ބޭފުޅުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދަނީ ކެމްބޯޑިއާގައި ބޮޑުވަޒީރު ކަން ކުރައްވަމުން ގެންދަވާތާ 32 އަހަރު ވެފައިވާ ހުން ސެން އަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރުއޮތުމުން ކަމަށްވެސް މުރާސިލުން ދެކެ އެވެ. އުމުރުފުޅުން 65 އަހަރުގެ ހުން ސެން ވަނީ ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް އެގައުމުގެ އެތައް ނޫސް މަޖައްލާއެއް ނެރުން ހުއްޓުވުމާއެކު ބައެއް ރޭޑިއޯ ސްޓޭޝަންތައް ހިންގުން ވެސް ހުއްޓުވާފަ އެވެ.
އެމެރިކާއާ ގުޅިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށް ސީއެންއާރްޕީގެ ލީޑަރު އުމުރުން 64 އަހަރުގެ ކެމް ސޮޚާގެ މައްޗަށް ވެސް ވަނީ ގައުމަށް ޣައްދާރުވުމުގެ ދައުވާ އުފުލާފަ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 30 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.
ކެމްބޯޑިއާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ސީއެންއާރްޕީ އުވާލުމަށް ހުކުމްކުރުމާއެކު ބައިނަލްއަގްވާމީ ޖަމާއަތްތަކުން އެ ގެންދަނީ އެ ހުކުމަށް ވަރަށް ބޮޑަށް ފާޑު ކިޔުމާއެކު ކެމްބޯޑިއާ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. ހިއުމަން ރައިޓްސް ވޮޗުން ބުނީ ކެމްބޯޑިއާގެ ސުޕްރީމް ކޯޓުގެ މިހުކުމަކީ "ޑިމޮކްރަސީ މަރާލުން" ކަމަށެވެ.
ކެމްބޯޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އުވާލުމަށް އެގައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ