ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މަގާމު ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ ރައީސް މަސީހާއި އަމީން އާންމު އަހްމަދު މުހައްމަދުގެ މަގާމު ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުންނެވެ.
ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް މިމައްސަލަ ހުށަހެޅީ އޭނާގެ މައްޗަށް ތުހުމަތުކުރާ ކުށެއްގައި ހުކުމެއް ނެތި ބަންދުކޮށްފައި ހުންނަވާއިރު މަޖިލީހުުގެ ޖަލްސާތަކާއި ކޮމިޓީތަކަށް ހާޒިރު ނުކުރާ މައްސަލާގަ އެވެ.
މަޖިލީހުގެ މަސައްކަތްތަކަށް ހާޒިރުވުމަކީ މެންބަރެއްގެ ހައިސިއްޔަތުން ފާރިސްގެ ހައްގެއް ކަމަށްވީ ނަމަވެސް މަޖިލީހުގެ އިދާރާއިން އެކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ނުދާ ކަމަށް ދައުވާގައިވެ އެވެ. އަދި ފާރިސްގެ މައްސަލާގައި މަޖިލީހުގެ ރައީސްއާއި އަމީން އާންމު އަމަލުކުރައްވަނީ ގާނޫނު އަސާސީއާ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށްވެސް ދައުވާގައިވެ އެވެ.
އެހެންކަމުން ދައުވާގައި އެދިފައިވަނީ މި ދެބޭފުޅުން ގާނޫނީ ޒިންމާ އަދާކުރައްވާފައި ނުވާ ކަމަށް ކަނޑައަޅައިދިނުމާއެކު މި ދެ ބޭފުޅުންގެ މަގާމު ހުސްވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މިދައުވާގައި ފާރިސް މަޖިލީހުގެ ޖަލްސާތަކަށާއި ކޮމިޓީތަކަށް ހާޒިރުނުކޮށް ކުރިއަށް ގެންދާ ޖަލްސާތަކާއި ކޮމިޓީތަކުގައި ނިންމާ ނިންމުންތަކަކީ ބާތިލް ނިންމުންތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވެ އެވެ.
މީގެއިތުރުން މަޖިލީހުގެ ޖަލްސާތަކަށް ފާރިސް މައުމޫން ހާޒިރުކޮށްދިނުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މައްޗަށް އަމުރުކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި އެދިފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު ފާރިސް ހައްޔަރުކުރި ފަހުން މިއަދާ ހަމައަށް ވެސް އޭނާ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށްދީފައެއް ނުވެ އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކުށެއްގެ ތުހުމަތުގައި ހުކުމެއް ނެތި ބަންދުކޮށްފައި ހުންނަވާ މެންބަރުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާން ބޭނުންވާ ނަމަ އެ މެންބަރަކު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކުރަންޖެހެ އެވެ. މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ފާރިސް ވަނީ ތަކުރާރުކޮށް މަޖިލީހުގެ ރައީސް އާއި އަމީން އާންމަށް ސިޓީ ފޮނުއްވާފަ އެވެ. ނަމަވެސް މިސިޓީތަކަށް މަޖިލީހުގެ އިދާރާއިން ޖަވާބު ނުދޭ ކަމަށް ފާރިސްގެ ގާނޫނީ ޓީމުން ގެންދަނީ ވިދާޅުވަމުންނެވެ.
މަސީހުގެ މަގާމު ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ