ދަރިން ހައްޔަރުކޮށް ހުރިހާ މުދަލެއް ނެގިޔަސް މިކަމެއް ނުހުއްޓާނަން: ގާސިމް

ދަރިން ހައްޔަރުކޮށް ހުރިހާ މުދަލެއް ނެގިޔަސް އިސްލާހީ މަސައްކަތާއި ދުރަށް ވަޑައި ނުގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ އިސްލާމީ މަސައްކަތާއި ގާސިމް ދުރަށްވަޑައިގަންނަވައިފި ކަމަށާއި ގާސިމް އަމާން ދެއްވައިފިކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް މިއަދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވާ މިރޭ ވީޓީވީގައި ވާހަކަ ދައްކަވަމުންނެވެ.
މިއަދު ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެކަކު އަނެއްކަކަށް ހެވެއް ނޭދޭނެ ކަމުގައެވެ. އެގޮތުން އަބްދުއްރަހީމް އިޝާރާތް ކުރެއްވި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނު ދޫކޮށްލުމަށް ގޮވާލައި އިއްޔެ ރައީސް ނަޝީދުގެ މަންމާފުޅު ފޮޓޮއެއް ހިއްޕަވައިގެން މުޒާހަރާގައި ހުންނެވި ހުންނެވުމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ފާރިސް މިނިވަންވާން ރައީސް ނަޝީދުގެ މަންމާފުޅު ނޭދޭނެ ކަމަށާއި ފާރިސްގެ ފޮޓީ ހިއްޕަވައިގެން ހުންނެވީ މަލާމާތް ކުރުމަށް ކަމުގައެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ގާސިމްވެސް ހަލާކު ކުރަމުން ދާކަމަށާއި އެކަން ގާސިމަށް މިހާރު ވިސްނިވަޑައިގެން އިދިކޮޅު ހަރަކާތްތަކުން ވަކިވެ އަމާން ދެއްވައިފިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ގާސިމްގެ ވިޔަފާރި ބަނގުރޫޓްވަމުން ދާކަން ގާސިމް ގަބޫލުފުޅު ކުރައްވައިފި ކަމަށާއި ދަރިކަލުންވެސް ޖަލަށް ލެވި، ހައްޔަރުކޮށްފައިވަނީވެސް އިދިކޮޅު މަސައްކަތުގެ ސަބަބުންކަމަށް ގާސިމް ގަބޫލުފުޅު ކުރައްވައިފި ކަމުގައެވެ.
އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ހަރަކާތުން ގާސިމް ދުރައް ވަޑައިގެންނެވި އަނެއް ސަބަބަކީ މިހާރު މާހައުލު އޮތް ގޮތުން ޖުމްހޫރީ ޕާޓީއާއި ގާސިމަށް ރިޔާސީ ޓިކެޓްވެސް ނުލިބޭނެކަން އެނގިވަޑައިގެނެނެވުން ކަމުގައެވެ.
ގާސިމް މިރޭ ވިދާޅުވީ ދެންތިބި ދަރިން ހައްޔަރުކޮށް ހުރިހާ މުދަލެއް ނެގި ނަމަވެސް އިސްލާހީ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމުގައެވެ.
މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ކުރެވުނު މަސައްކަތަކީ ކުރެވުނު އެންމެ ނުބައި ކަންތައްކަމަށާއި އެކަމުގެ ސަބަބުން ކައްފާރާއެއްގެ ގޮތުން އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށްވެސް އެދިވަޑައިގެންނެވިކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ