މެމްބަރު ޝާހިދު، ރިޔާޟް އަދި ލަޠީފް ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޟް އާއި ދިއްދޫ ލަޠީފް ހައްޔަރުކޮށް ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށްފިއެވެ. 
3 މެންބަރުންވެސް ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު ރައްޔިތުންގެ ގިނަ ބައަކު ނުކުމެ މަޖީދީމަގުގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިންނެވެ. ނަމަވެސް މި ތިން މެންބަރުން ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރުގެދަށުންކަމެއް އެނގިފައެއް ނުވެއެވެ. 
އިދިކޮޅު މަޖިލީހުގެ އިދިކޮޅު 3 މެމްބަރުން ހައްޔަރު ކުރި އިރު އިތުރު 7 މީހުން މިއަދު ހަވީރު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ނައީމައްތަ އަދި އެމްޑީޕީ ޔޫތު ވިންގ ގެ ރައީސް މީކާއިލްވެސް ހިމެނެއެވެ.
ފުލުހުން މިއަދު ޕެޕަރސްޕްރޭ ޖެހުމުގައި ބަންދުގައި ތިއްބެވި ސީޔާސީ އިސްބޭފުޅުންގެ އަނބިއަނބި ކަނބަލުންގެ ގައިކޮޅަށް އާދައާ ޚިލާފަށް ގިނައިން ޕެޕަރސްޕްރޭ ޖެހިކަން މުޒާހަރާގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ. 
އެގޮތުން ޝައިހް އިމްރާނުގެ އަނބިކަނބަލުންގެ މޫނަށް ގިނައަދަދަކަށް ޕެޕާ ސްޕްރޭ ޖަހާފައިވެއެވެ. އަދި ރައީސް ނަޝީދު މަންމާފުޅު އާބިދާ އަހުމަދަށް ވެސް ފުލުހުން މިއަދު ހަމަލާދިން ކަމަށް މީސް މީޑިއާގައި ދަނީ ފެތުރިފައެވެ.
އިރު އޮއްސުނުއިރުވެސް ގިނަ އަދަދެއްގެ ރައްޔިތުން ދިއައީ އެކި ސަރަހައްދުތަކުގައި ތިބެ ސްޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރު ތަންފިޒުކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އެމީހުން ބުނަމުން ގެންދަނީ އެކަންކުރަން ސަރުކާރަށް ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ