ލިބޭ އެންމެ ބޮޑު ހިތްވަރަކީ މުވައްޒަފުންގެ ތެދުވެރިކަމާއި ސާބިތުކަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވަމުންދާ މިދަނޑިވަޅުގައި ލިބޭ އެންމެ ބޮޑު ހިތްވަރަކީ މުވައްޒަފުންގެ ތެދުވެރިކަމާ ސާބިތުކަން ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް އެހެން ވިދާޅުވެފައިވަނީ ވިލާގެ މުވައްޒަފުންނަށް ފޮނުއްވި ސިޓީއެއްގައެވެ. ގާސިމް ވަނީ އެ ސިޓީގައި މުވައްޒަފުން ދައްކަމުން ގެންދާ ހިތްވަރާ ސާބިތު ކަމަށް ތައުރީފު ކުރައްވާ ޝުކުރު އަދާ ކުރަްއްވާފައެވެ.
"މިދަނޑިވަޅުގައި ކެތްތެރިކަމާއި ސާބިތުކަމާއެކު މުވައްޒަފުން ދައްކަމުން ގެންދާ ހިތްވަރު އަޅުގަނޑު ޝުކުރުވެރިކަމާއެކު ބަލައިގަންނަމެވެ. މިވަގުތު އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީވެސް ތިޔަ ލޮބުވެތި މުވައްޒަފުންގެ ތެދުވެރިކަމާއި ސާބިތު ކަމެވެ. އަޅުގަނޑުމެންގެ ވިޔަފާރިތަކުގެ އިމަކީ އަބަދުވެސް ގާނޫނުގެ އިމެވެ. ހުރިހާ ކަމެއް ކޮށްފައިވާނީ އަދި ދެންވެސް ކުރަމުންދާނީ ގާނޫނުގެ އިމުގެ ތެރެއިން. އަޅުގަނޑުގެ ނަސޭހަތަކީ އިދި އިލްތިމާސަކީ ތިޔަ ލޮބުވެތި މުވައްޒަފުން ވެސް އަބަދުމެ މި އިމުގެ ތެރޭގައި ސާބިތުވެ ތިބުމެވެ،" ގާސިމް ވިދާޅުވެފައިވެއެވެ.
އެ ސިޓީގައި ގާސިމް ވަނީ ވިޔަފާރިތަކަށް މިވަގުތު ގޮންޖެހުންތަކެއް ކުރިމަތި ކުރުވަމުންދަނީ ވިލާއިން އެއްވެސް ގާނޫނަކާ ހިލާފު ވެގެން ނޫން ކަމަށް ވިދާޅުވެފައެވެ.
މުވައްޒަފުންގެ ކުރިއެރުމަށްޓަކައި އެވަގުތަކު ކޮށްދެވެން އޮތް އެންމެ ރަނގަޅަށް މުވައްޒަފުންނާއި އާއިލާތަކަށް ކަންތައްތައް ކޮށްދެވޭތޯ އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ އުސޫލުން އަމަލު ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ގާސިމް ވަނީ ވިލާގެ މުވައްޒަފުންނަށް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ