ވިލާ ގްރޫޕަށް ކުއްޔަށްދޫކޮށްފައިވާ ތަންތަނުން ދައުލަތައް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން އެނގެން އެބައޮތް ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށް އެ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގައި މިވަގުތު ހުންނެވި ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "އާޒިމާ ޝުކޫރު އެ ހައްދަވަނީ އެނގިހުރެ ކަނޑައެޅިގެން ބޮޑު ދޮގެއް" ކަމަށެވެ.
"އެބުނާ ފައިސާތަކާ ގުޅޭ ގިނަ މައްސަލަތައް ފެށީ އެ އާޒިމާ ވިލާގެ ލޯޔަރަކަށްހުރެ ދަށު ކޯޓުގައާއި ހައި ކޯޓުގައާއި ސުޕްރީމް ކޯޓުގައި ވެސް އެ ދައުވާތައް ކުރިޔަށް ގެންދެވި، އެއިން އެއް މައްސަލަ ސުޕްރީމް ކޯޓުން ވިލާއާ އެއްކޮޅަށް ނިންމެވިކަން ވެސް އެނގޭނެ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އާޒިމާ އެ ހުރިހާ ކަމެއް ކޮށްދެއްވުމުގައި ވިލާގެ ފަރާތުން އެކަމުގައި ހުރިހާ ކޯޓަކަށް ގޮސްފައި ކަމަށެވެ. އަދި އޭގެ ތެރެއިން އެއް މައްސަލަ ސުޕްރީމް ކޯޓުން ނިންމީ އެތައް މިލިއަން ޑޮލަރެއް ވިލާއަށް ސަރުކާރުން ދިނުމަށްކަން އެނގިހުރެ، އެ ވާހަކަތައް ތަކުރާރުކޮށް އާޒިމާ ދައްކަވާތީ ހިތާމަކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެ އެވެ.
ޓީވީއެމްގެ ޕްރޮގްރާމެއްގައި ދާދިފަހުން އާޒިމާ ވިދާޅުވެފައި ވަނީ ވިލާ ގްރޫޕަށް ކުއްޔަށްދޫކޮށްފައިވާ ތަންތަނުން ދައުލަތައް ދައްކަން ޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ފެންނަން އެބައޮތް ކަމަށެވެ. އަދި އެ ފައިސާއަކީ 2007 ވަނަ އަހަރު ފެށިގެން ދައުލަތުން ވިލާ ގްރޫޕްގެ ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްރަށާއި އެނޫންވެސް ތަންތަނުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ކަމަށް އާޒިމާ ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ވަކި މީހަކު ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތުމަކީ ދައުލަތުން އެކަމާމެދު ފިޔަވަޅު ނާޅައި އޮންނަންވީ ސަބަބެއް ނޫން ކަމަށެވެ. އަދި އެފަދަ މީހަކާމެދު ފިޔަވަޅު ނާޅައި އިތުރު ވާހަކައެއް ދައްކަން އޮންނާނެތޯ އާޒިމާ ސުވާލު ކުރައްވާފައިވެ އެވެ.
އާޒިމާ އެ ހައްދަވަނީ އެނގިހުރެ ކަނޑައެޅިގެން ބޮޑު ދޮގެއް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ