އުއްތަމަ ފަނޑިޔާރަށް ސަލާމަތާ ރައްކާތެރިކަން ދިނުމުގައި ސިފައިން ވަނީ ފެއިލްވެފައި: ގާސިމް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ސަލާމަތާ ރައްކާތެރިކަން ދިނުމުގައި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ފެއިލް ވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ބޭސް ފަރުވާއަށް ޖަރުމަންވިލާތުގައި ހުންނެވި ގާސިމް އިބްރާހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ އެމްއެންޑީއެފްގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އުއްތަމަ ފަނޑިޔާރު ގާނޫނާ ހިލާފަށް ހައްޔަރުކޮށް ބަންދުކުރެވުނީ އެމްއެންޑީއެފް، އެ މުއައްސަސާގެ ރަސްމީ މަސްއޫލިއްޔަތު އަދާކުރުމުގައި ފެއިލްވުމުން ކަމަށެވެ.
އެހެންކަމުން ގާސިމް އިބްރާހީމް ވަނީ ގައުމަށް ލިބިގެން ދިޔަ ބޮޑު ގެއްލުމުގެ ޒިންމާ ނަންގަވާ ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައްވާފަ އެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް ކަމާއި، މަރުކަޒީ ބޭންކްގެ ގަވަރުނަރުކަމާއި، ފިނޭންސް މިނިސްޓަރުކަމާއި، ހޯމް މިނިސްޓަރު ކަންވެސް މީގެ ކުރިން ކުރައްވާފައިވާ ގާސިމް އިބްރާހީމް މިއަދު ވަނީ ރާއްޖޭގެ މުޅި ޑިމޮކްރެޓިކް ނިޒާމު އަސްކަރިއްޔާއިން ހިސޯރުކޮށްފައިވާތީ ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއާއި ގާނޫނު ހަދާ މަޖިލީހުގެ ބާރުތައް އަލުން އިޔާދަ ކުރުމަށް އދގެ އެހީ މިވަގުތު ކޮންމެހެން ބޭނުންވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
ރާއްޖޭގައި ހިނގަމުންދާ އިސްލާހީ ހަރަކާތުގެ އެއް ބާނީ ގާސިމް އިބްރާހީމް ގެންދަވަނީ ގައުމީ މަސްލަހަތަށް އިސްކަން ދެއްވުމަށާއި ގާނޫނީ އިމުގެ ތެރެއިން ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތް ކުރުމަށް އަބަދުވެސް ގޮވާލައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ