ސުޕްރީމް ކޯޓުގެ ނިންމުމަކީ މެންބަރުން އިންތިހާބު ކުރުމަށް ލިބިގެންދާ އިތުބާރެއް - ޕީޕީއެމް

އެންޓި ޑިފެކްޝަން ގާނޫނާއި ގުޅޭ ގޮތުން ސްޕްރީމް ކޯޓުގެ ނިންމުމަކީ ރައްޔިތުންނަށް މަޖިލިސް މެންބަރުން އިންތިހާބު ކުރުމަށް ލިބިގެންދާ އިތުބާރެއް ކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ގެމަނަފުށީ ދާއީރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނާއި ގުޅޭ ގޮތުން ސްޕްރީމް ކޯޓުގެ ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ ކުރިމައްޗަށް އަރަނީ ވަކި ފިކުރެއްގެ މެނިފެސްޓޯ އެއް ތަންފީޒު ކުރުމަށްޓަކައި ކަމަށެވެ.
"ސްޕްރީމު ކޯޓުގެ ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ފައިސާއަށް ވިކޭ ބައެއް. އެހެންވީމަ މިއީ ރައްޔިތުން އެދޭނެ ގޮތެއް ނޫން. މި މައްސަލާގައި މަޖިލިސްގެ ބައެއް މެންބަރުގެ ކަންބޮޑުވުންތަށް ހުރެދާނެ. އެ މެންބަރުންނަކީ ރައްޔިތުންނަށް އިހުލާސްތެރި ބައެއް ނޫން " ޖަމީލް އުސްމާން ވިދާޅުއެވެ.
އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރީ ޤާނޫނު ބާތިލް ކުރުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހުއެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލުކުރަންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އަދި އެ ގާނޫނަކީ 43 މެމްބަރުން ތިބެގެން ފާސްކުރަންޖެހޭ ގާނޫނަކަށް ވިޔަސް ހާލަތަށް ބަލާއިރު 25 ޕަސެންޓް މެމްބަރުންނާއެކު އެ ގާނޫނު ފާސްކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވިދާޅުވެފައިވެއެވެ.
"ޑޮކްޓޮރިން އޮފް ނެސަސިޓީ އަށް ބަލާއިރު އެންޓި ޑިފެކްޝަން ގާނޫނު 25 ޕަސެންޓް މެމްބަރުން ތިބެގެން ފާސްކުރެވޭނެ" ހަމައެކަނި ހުކުމުގެ ސަބަބުތަށް ފާހަގަކުރަން އެއް ގަޑިއިރުވި ހުކުމުގައި ވިދާޅުވެފައިވެއެވެ.
"ގާނޫނު ނަމްބަރު 2/2018 އެންޓި ޑިފެކްޝަން ގާނޫނަކީ ޝަފައީ ގޮތުންނާއި މައުޟީ ގޮތުން ބަލާއިރު ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ހިލާފު ގާނޫނެއް ކަމަށް ނިންމާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ހުކުމް ކޮށްފިން" ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވިދާޅުވެފައިވެއެވެ.
ދިވެހި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމު ގާނޫނުތަކަކީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް 1/2 (43 މެމްބަރުން) ތިބެގެން ވޯޓަށް އަހަންޖެހޭ ގާނޫނުތަކަކަށް ވީ ނަމަވެސް ހާލަތު ޟޫރާގެ ދަށުން ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ 25 ޕަސެންޓް މެމްބަރުންގެ އަޣުލަބިއްޔަތުން އެ ގާނޫނު ފާސްކޮށްފައިވަނީ ރަނގަޅަށް ކަމަށް އެ ހުކުމުގައި ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ