ޖޭޕީ އޮތީ ސަރުކާރާ، ރައްޔިތުންނާ ވެސް އެއްކޮށް - ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތީ ސަރުކާރާ ވެސް އަދި ރައްރައްޔިތުންނާއި ވެސް އެއްކޮށް ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ އާމީން އަބްދުލް ގައްޔޫމްގެ ދެކަނބަލުން ހައްޖުގެ މަތިވެތި އަޅުކަން އަދާކުރެއްވުމަށްފަހު އެނބުރި މާލެވަޑައިގަތް ލޯންޗް ކޮޅުގައި ހިނގި ހާދިސާ އާއި ބެހޭގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ތިން ޕާޓީއެއްގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ "ގާނޫނީ ހުދޫދުގެ ތެރެއިން ކުރެވޭ ކޮންމެ ކަމަކާއި އެއްކޮށް ޖުމްހޫރީ ޕާޓީ އޮންނާނެ" ކަމަށެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެންބަރުންނާއި އެކު ރައީސް ޔާމިން ބޭއްވެވި ބައްދަލުވުމާއި ބެހޭގޮތުން ގާސިމް  ވިދާޅުވީ މި ބައްދަލުވުމުގައި ރައީސް ހިއްސާ ކުރެއްވީ ލޯންޗްކޮޅުގައި ހިނގައިދިޔަ ހާދިސާ އާއި ގުޅޭގޮތުން ރައީސަށް މިހާރު ދެއްވެން ހުރި މައުލޫމާތު ކަމަށެވެ.
އަދި ތަހުގީގީ މަރުޙަލާގައި އޮތް މައްސަލައަކަށް ވާތީ މިކަމާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ދަންނަވަން ބޭނުންފުޅު ނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"މިއީ އަދި ތަހްގީގީ މަރުޙަލާގައި އޮތް މައްސަލައަކަށް ވާތީ މިކަމާ ގުޅިގެން އެއްޗެއް ދަންނަވަން އަޅުގަނޑު ބޭނުމެއްނޫން. މިއީ މިވަގުތު ދެވެން ހުރި މައުލޫމާތު" ޤާސިމް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ނައިބް ރައީސް އާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދެކެވުނުތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ގާސިމް ވިދާޅުވީ ވަކި ބޭފުޅަކާއި ބެހޭގޮތުން މި ބައްދަލުވުމުގައި ވާހަކަ ނުދައްކަވާ ކަމަށާއި، އަދި މި މައްސަލަ އާއި ގުޅިގެން ވަކިފަރާތަކަށް އިނގިލި ދިއްކުރައްވަން ރައީސް މަސައްކަތް ނުކުރައްވާ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ލޯންޗްކޮޅުގައި ހިނގައިދިޔަ ހާދިސާއަކީ ގައުމުގެ ސަލާމަތާއި، ރައްޔިތުންގެ ރައްކާތެރި ކަމާއި ގުޅިފައިވާ ކަމެއްކަމުން، މި މައްސަލަ ވީހާވެސް އަވަހަކަށް ތަހްގީގު ކޮށް ނިންމުމަށް ރައީސް އަރިހު ހުރިހާ މެންބަރުންވެސް އެދިވަޑައިގެންނެވި ކަމަށެވެ.
ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހެނދުނު ހިނގި މި ހާދިސާ އާއި ގުޅިގެން ނެޝަނަލް އިންކުއަރީ ކޮމިޝަނުން ނެރުނު ބަޔާނެއްގައިވަނީ ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި ހިނގައިދިޔަ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުރިހަމަ އަދި މުސްތަގިއްލު ގޮތެއްގައި ތަހްގީގު ކުރުމަށާއި، މިފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދީ ކަންކަން ރޭވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރާނެ ކަމަށެވެ.
އަދި ރައްޔިތުންނާ ހިއްސާ ކުރެވެން ހުރި މައުލޫމާތުތައް ހިއްސާ ކުރަމުންދަނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި ރައީސް ޔާމީނަށް އެއްވެސް ގެއްލުމެއް ލިބިވަޑައިގެންފައިއެއް ނުވެއެވެ. ނަމަވެސް ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާއި ރައީސްގެ ސެކްރެޓަރީ އަކާއި ބޮޑީގާޑެއް ވަނީ ޒަހަމްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ