އަސާސީ ގަވާއިދަށް ވުރެ މަތީގައި އެއްވެސް މެންބަރަކަށް ނުހުރެވޭނެ: މައުމޫން

ޕާޓީ އެއްބައިވަންތަ ކޮށް ވަރުގަދަ ކުރާއިރު އެންމެން ވެސް އަސާސީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތާން ޖެހޭނެ ކަމަށާއި، އަސާސީ ގަވާއިދަށް ވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިރޭ ކާނިވާ ސަރަހައްދުގެ ސްޓޭޖްގައި ބޭއްވި ޕީޕީއެމްގެ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އަސާސީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ މެންބަރެއްގެ މައްޗަށް ވެސް ލާޒިމް ކުރާ ކަމެއް ކަމަށާއި، އެނޫން ގޮތަކަށް ކަންތައްތައް ކުރާން ވެއްޖެ ނަމަ ކޮންމެ މީހަކު ވެސް އެމީހަކު ހިތު ހުރި ގޮތަކަށް ކަންކަން ކުރަމުން ހިނގައިދާނެ ކަމަށެވެ. އަދި އެ އިރުން ޕާޓީގެ އެއްވެސް އަމާޒެއް ނޯންނާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ޕާޓީގެ މެމްބަރުން އެންމެ ބޮޑަށް ހުރުމަތްތެރި ކޮށް ހިތާން ޖެހޭ، އަދި އެންމެ ބޮޑު ސަމާލު ކަމެއް ދޭންޖެހޭ އެއްޗަކީ ޕާޓީގެ އަސާސީ ގަވާއިދު. އެއީ ޕާޓީގެ ގާނޫނު އަސާސީ. މި ގާނޫނު އަސާސީގައި ނުވަތަ އަސާސީ ގަވައިދުގައި ބުނާ އެއްޗަކަށް ހުރިހާ މެމްބަރުންވެސް ކަމޭ ހިތާން ޖެހޭނެ. ޕާޓީ އެއްގައި އަސާސީ ގަވާއިދެއް ހެދިފައި އޮންނަނީ އެންމެންނަށް ހަމަހަމަ ފުރުސަތު ތަކެއް ލިބި ދިނުމަށްޓަކައި. އަސާސީ ގަވާއިދުގެ މަތީގައި އެއްވެސް މެންބަރަކަށް ނުހުރެވޭނެ. ހުރިހާ އެންމެން ވެސް ޖެހޭނެ އަސާސީ ގަވާއިދަށް ތަބާވާން. އެއީ އަޅުގަނޑުމެން އެންމެންގެ މައްޗަށް ލާޒިމް ކުރާ ކަމެއް،" މައުމޫން ވިދާޅުވި އެވެ.
އަސާސީ ގަވާއިދަށް ވުރެ މަތީގައި އެއްވެސް މެމްބަރަކަށް ނުހުރެވޭނެ ކަމަށާއި، އެންމެން ވެސް އެ ގަވާއިދަށް ތަބާވާން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އިރު ނިމިދިޔަ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި މައުމޫނުގެ ކޮއްކޯފުޅު ޢަބްދުﷲ ޔާމީނާ ވާދަ ކުރައްވައި، ބަލި ވެވަޑައިގަތް އުމަރު ނަސީރު އެ ޕާޓީގެ އަސާސީ ގަވައިދާ ޚިލާފު އެތައް ކަމެއް ކުރައްވައިފައި ވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.
މިރޭގެ ޖަލްސާގައި މައުމޫން ވަނީ އެމަނިކުފާނު ޑީއާރުޕީގައި ހުންނެވި އިރު ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމުގައި ކުރައްވާން ޖެހިވަޑައިގަތް ހިތި ތަޖްރިބާ މެމްބަރުންނާ ހިއްސާ ކުރައްވައިފަ އެވެ.
އެ ގޮތުން މައުމޫން ވިދާޅުވީ ޑީއާރުޕީގައި ކަންކަން ހިނަގަމުން ދިޔަ ގޮތުންނާއި، އަދި އެ ޕާޓީގެ އިސް ބޭފުޅަކާ ދޭތެރޭގައި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އަމަލު ކޮށް، އޭނާ ޕާޓީން ވަކި ކުރުމުން އެކަން ގަބޫލު ނުކުރެއްވިގެން އެ ވަކިކުރި މެމްބަރުގެ ދިފާއުގައި ތެދުވެ ވަޑައިގަތް ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެމަނިކުފާނާ، ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންކަން ކުރާން ފެށި ކަމަށެވެ.
"ގަވާއިދަށް ހުރުމަތް ތެރިކޮށް ހިތުމުގައި އަޅުގަނޑަށް ދިމާވި ތަޖްރިބާއެއްގެ ވާހަކަ ވެސް ދަންނަވާލާ ހިތްވޭ. އަޅުގަނޑު ކުރީން ހުރި ޕާޓީގައި ކަންތައްތައް ހިނގަމުންދިޔަ ގޮތުން އަދި އެންމެ ފަހުން އެ ޕާޓީގެ އިސް ބޭފުޅަކާ ދޭތެރޭގައި އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ޕާޓީން އަމަލު ކުރި. ގަވާއިދާ ޚިލާފަށް އެބޭފުޅަކު ޕާޓީން ވަކިކުރި. އޭރު އަޅުގަނޑު ހުރީ ޕާޓީގެ ޒައީމްގެ މަގާމުގައި. އަޅުގަނޑަކަށް އެކަމެއް ގަބޫލެއް ނުކުރެވުނު. އަޅުގަނޑު އެ ވަކި ކުރި މެމްބަރުގެ ދިފާއުގައި ތެދުވިން. ވަރަށް ގިނަ މަސައްކަތްތަކެއް ކުރިން. އެ މަސައްކަތްތަކުގެ އާޚިރު ނަތީޖާ އަކަށްވީ ޕާޓީގެ ލީޑަރޝިޕުން އަޅުގަނޑާ ދޭތެރޭގައި ވަރަށް އިހާނެތި ގޮތަކަށް ކަންތައްތައް ކުރެއްވުން. އަޅުގަނޑުގެ ލަފައެއް މަޝްވާރާއެއް ބޭނުން ނޫން ކަމަށް ޓީވީތަކުގައި ވިދާޅުވަމުން ގެންދެވުން. އެ ހިސާބުން އަޅުގަނޑަށް ޖެހުނީ އެ ޕާޓީ ދޫކޮށް ދާން،" މައުމޫން ވިދާޅުވި އެވެ.
ޕާޓީގެ ކޮންމެ މެންބަރަކު ވެސް ދެ މަސް ދުވަހުގެ ތެރޭގައި އިތުރު ދެ މެމްބަރުން ޕާޓީއަށް ހޯދައިދީ މިހާރު އެ ޕާޓީގައި ތިބި 31 ހާހަށް ވުރެ ގިނަ މެމްބަރުންގެ އަދަދު އަންނަ މޭ މަހުގެ ނިޔަލަށް 93 ހާސް މެމްބަރުންނަށް ހަދައި ދިނުމަށް ވެސް މެމްބަރުންނަށް މިރޭ މައުމޫން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ