ވަލިއްޔުލްއަމުރަކީ މާބާރުގަދަ ފަރާތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދައްކާއިރު، އެއީ ދުނިޔޭގެ ގައުމުތަކުގައި ގާނޫނު އަސާސީއެއް ނެތް ޒަމާނުގައި އޮތް މަފްހޫމެއް ކަމަށާއި މިހާރު ވަލިއްޔުލްއަމުރެއް ނެތް ކަމަށާއި މިހާރު އޮތީ ގާނޫނު އަސާސީ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ޕާޓީތަކުން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ކުރީގެ ރައީސް މައުމޫން ވިދާޅުވީ "މިހާރު އަޅުގަނޑުމެންގެ ވަލިއްޔުލް އަމުރަކީ ގާނޫނު އަސާސީ" ކަމަށާއި އޭގައި ނެތް ގޮތަކަށް އަމަލެއް ނުކުރެއްވޭނެ ކަމަށެވެ.
ދުސްތޫރީ ނިޒާމުގައި ތަޅު އެޅުވިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާއިރު، އެކަމަށް އިޝާރަތް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ތަޅު އެޅުވިފައި އޮތީ ގާނޫނު އަސާސީގައި ނޫން ކަމަށާއި ގާނޫނު އަސާސީގައި ކަނޑައަޅަފައި އޮތީ ހުދޫދުތަކެއް ކަމަށެވެ.
ދައުލަތުގެ މަތީ ފެންވަރު ބޭފުޅުން މަގާމާ ހަވާލުވެވަޑައިގަންނަވާއިރު ހުވައެއް ކުރައްވަންޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވެ، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ހުވާ ވިދާޅުވި އެވެ. އެއީ ވަރަށް ބޮޑު ހުވައެއް ކަމަށާއި ގާނޫނު އަސާސީއާ އެއްގޮތަށް އަމަލުކުރުމުގެ އިތުރުން ގާނޫނު އަސާސީ ރައްކާތެރިކުރައްވަން ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ގާނޫނު އަސާސީގައި މިފަދައިން ބުނެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިން ކުރެއްވި ހުވައަކީ ކޮން ކަހަލަ ހުވައެއްތޯ ސުވާލު އުފެދޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ގާނޫނު އަސާސީއާ ހިލާފަށް ކަންކަން ކުރާތީ ވަރަށް ބޮޑަށް އިސްތަށިފުޅަށް އުނދަގޫވެވަޑައިގަންނަވާ ކަމަށާއި ރާއްޖޭގައި އިންސާފު އޮތީ ބޮޑު ކެކުރި ކުޑަކުރި އުސޫލުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ގުޅިފައިވާ ޕާޓީތަކުން ކުރާ ކަންކަމަކީ ގައުމު ހަލަބޮލިކޮށް ފަސާދަ ކުރަން ކުރާ ކަންކަމެއް ނޫން ކަމަށާއި ޕާޓީތަކުން ކުރާ މަސައްކަތަކީ ގާނޫނު އަސާސީ ނަގަހައްޓައި، އިންސާފު ގާއިމުކުރުމަށް ކުރާ މަސައްކަތް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. މިއީ ގައުމުގެ އަމާން ކަމަށައި ހަމަޖެހުން ގެނައުމަށް ކުރާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
މިހާރު ވަލިއްޔުލްއަމުރެއް ނެތް، އޮތީ ގާނޫނު އަސާސީ:ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ