ފެންނަމުން މިދަނީ ފެއިލް ވެފައިވާ ދައުލަތެއްގެ އަލާމާތްތައް: މައުމޫން

ސަރުކާރާއި ދައުލަތުގެ އެކި މުއައްސަސާތައް ހިމެނޭ ގޮތަށް މިހާރު ފެންނަނީ ފެއިލް ވެފައިވާ ދައުލަތެއްގެ އަލާމާތްތަކެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ސިޔާސީ ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ވާއިރު، ގާނޫނާ އެއްގޮތަށް ސަރުކާރުންނާއި ދައުލަތުގެ މުއައްސަސާތަކުން ވެސް އަމަލު ނުކުރާ ކަމަށެވެ.
ދައުލަތް ފެއިލްވެފައިވާ މައިގަނޑު ސަބަބެއް ކަމަށް މައުމޫން ފާހަގަ ކުރެއްވީ ބިރުން ކަންކަން ކުރަން ނުކެރިފައި ތިބުމެވެ.
މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މީހުންގެ ހިތްތަކުގައި އުފެދިފައިވާ ބިރު ކަމަށާއި އެއީ އެކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށެވެ.
"ބިރުގަންނަން ޖެހޭ ފަރާތަކީ، ބިރުގަންނަން ޖެހޭ ފަރާތަކީ ހަމައެކަނި ﷲ ސުބުހާނަހޫ ވަތައާލާ. ކޮންމެ ކޯޓެއްގައި ތިޔަބައި މީހުން ބިރު ނުގަންނާށޭ ތިމަން ﷲ އަށް ބިރުވެތިވާށޭ، އެހެން ލިޔެފަ ބަހައްޓަންވީ ހުރިހާ މުއައްސަސާތަކެއްގައި. މި ދެންނެވީ އިލެކްޝަން ކޮމިޝަންގައި. ހިއުމަން ރައިޓްސް ކޮމިޝަންގައި. އެންޓި ކޮރަޕްޝަން ކޮމިޝަންގައި، އެންމެންނަށް ފެންނަ ގޮތަށް. އެ އާއި އޭގެ މާނަ،" މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މާފުށީ ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅޭތާ 50 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މައުމޫން ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާ ސިޓީތަކަށް ޖަވާބު ވެސް ނުދޭ ކަމަށެވެ. އެގޮތުން މުއައްސަސާތަކަށް ފޮނުވާ ސިޓީ އަށް ތިން ދުވަސް ތެރޭގައި ޖަވާބު ދޭން ޖެހޭ ގޮތަށް ކަނޑައަޅާފައި އޮތް ނަމަވެސް ފާރިސްގެ ވަކީލުން ދައުލަތުގެ އެކި އިދާރާތަކަށް 45 ސިޓީއަށް ވުރެ ގިނަ ސިޓީ ހުށައެޅިއިރު، އެއިން އެންމެ ސިޓީ އަކަށް ވެސް ޖަވާބެއް ނުލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިނގަނީ 'ޕޮލިޓިކަލް ކޮމެޑީ' އެކެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ދަންވަރު ހުކުމް ކުރުމާއި ރިޝްވަތު ދިން ކަމަށް ބުނެ ފާރިސްއާ ގުޅޭ ގޮތުން ފުލުހުން ތަހުގީގުކޮށް، އެކަމަކު ރިޝްވަތު ހިފިކަމުގެ ދައުވާ ޕްރޮސެކިއުޓަ ޖެނެރަލްގެ ފަރާތުން ފާރިސްގެ މައްޗަށް އުފުލުން ހިމެނޭ ކަމަށް ވިދާޅުވި އެވެ. އަދި ފާރިސްގެ މައްޗަށް ކުރި އެ ދައުވާގައި ކޯޓުގެ ހުކުމުގައި އޮންނާނީ "ރިޝްވަތު ގިރާލައިގެން ބުއިކަމުގެ" މައްސަލާގައި ކަމަށް ވެދާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ގާތް ބޭފުޅުން އެހެން ގައުމުތަކުގެ އިސް މަގާމުތަކުގައި ވެސް އެބަތިއްބެވި ކަމަށެވެ. އަދި އެބޭފުޅުންގެ އެހީތެރިކަމާއެކު ނަތީޖާ ނެރެވޭނެ ކަމަށް ވިދާޅުވެ މައުމޫން ވަނީ ސަރުކާރަށް އިންޒާރު ވެސް ދީފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ބައިނަލް އަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ލިބިވަޑައިގަންނަވާ ކަމަށާއި އެކަމަކު ނަތީޖާ އެހާ އަވަހަށް ނުފެނިދާނެ ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި އެއީ ބައިނަލްއަގްވާމީ އުސޫލުގެ ތެރެއިން އެކަން ކުރެވޭނެ ގޮތެވެ. ނަމަވެސް އެކަމަށް ކެއްތެރިވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ރާއްޖެ އިން ބޭރުގައި ތިއްބަވާނެ މިހާރު ވެސް އެބަތިއްބެވި އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިން. އެކި ގައުމުތަކުގެ މަތީ މަގާމުތަކުގައި. އެކިއެކި ބައިނަލް އަގުވާމީ ޖަމިއްޔާތަކުގެ މަގާމުތަކުގައި. ތިރީސް އަހަރު މި ގައުމުގެ ވެރިކަން ކުރީމަ ހުންނާނީ ގުޅުންތަކެއް ބަދަހިކުރެވިފައި. އެބޭފުޅުން ތިއްބެވީ ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ތާއީދު ކުރައްވާ ގޮތަށް. އެ މަސައްކަތް އަޅުގަނޑު އެބަ ކުރަން،" މައުމޫން ވިދާޅުވިއެވެ.
އެކަމަކު މައުމޫން ވިދާޅުވީ އެ ކަންކަމުގެ ތަފުސީލު ހާމަކުރެއްވެން ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ