ޑީއާރްޕީގެ ދަފުތަރުން އުމަރު ނަސީރުގެ ނަން އުނިކޮށްފި

ޑީއާރްޕީގެ ދަފުތަރުން އުމަރު ނަސީރު މިއަދު ވަކިކޮށްފި އެވެ.އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ އުމަރު ނަސީރު ޑީއާރްޕީގެ މެންބަރުންގެ ދަފުތަރުން ވަކިކޮށް ދިނުމަށް އެ ޕާޓީން މިދިއަ ބުދަ ދުވަހު އެދުނު އެދުމާ އެއްގޮތަށް ޕާޓީން ވަކިކޮށް ޕާޓީގެ ދަފުތަރުން މިއަދު އެ ނަން އުނިކޮށްފައިވާ ކަމަށެވެ.ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު ކަމުގެ މަގާމު ފުރުއްވަމުން ވަޑައިގެންނެވި އުމަރު ނަސީރު ވިދާޅުވީ އެ ވާހަކަ ދެކެވޭ ކަމަށާއި އެކަމާބެހޭ ތަފުސީލު މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.ނަމަވެސް އުމަރު ވިދާޅުވީ އޭނާގެ ނަން ޕާޓީގެ ދަފުތަރުން އުނިކޮށްލި މައްސަލައިގައި ކޯޓަށް ވަޑައިގަންނަވަން ތައްޔާރުވެވަޑައިގަންވާ ކަމަށާއި ގާނޫނީ ވަކީލުންގެ ޓީމާއެކު އެ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށެވެ."ދައުވާ ބައްޓަން ކުރުމުގެ މަސައްކަތް ދަނީ ހިނގަމުން. މި ދައުވާ ކޯޓަށް ވަންނާނީ މިއަދު ކަމެއް މާދަމާ ކަމެއް އަދި ނޭނގޭ،" އޭނާ ވިދާޅުވި އެވެ. "ދައުވާ ކުރާނީ ޕާޓީގެ މައްޗަށްތޯ ކޮމިޝަންގެ މައްޗަށްތޯ ވެސް ކަނޑަ އަޅާނީ ވަކީލުން،"އުމަރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އޭނާގެ ނަން ޑީއާރްޕީގެ ދަފުތަރުން އުނި ކުރި ކަމުގައި ވިޔަސް އެ ޕާޓީގެ ޑިޕިއުޓީ ލީޑަރުގެ ގޮތުގައި މިހާރު ވެސް ކުރައްވަމުން އަންނަ މަސައްކަތްތައް ހުއްޓާނުލައި ކުރިޔަށް ގެންދާނެ ކަމަށެވެ."ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުގެ ގޮތުގައި ޕާޓީގެ ލެޓަހެޑް ބޭނުން ކުރަމުން ގެންދާނަން. ސަބަބަކީ ޕާޓީގެ ޒައީމް ވަނީ އަޅުގަނޑަކީ ޕާޓީގެ ޑިޕިއުޓީ ލީޑަރު ކަމަށް އިއުލާން ކުރައްވާފައި،" އުމަރު ވިދާޅުވި އެވެ.އުމަރުގެ މައްސަލަ ޑީއާރްޕީގެ ޑިސިޕްލިނަރީ ކޮމެޓީއަށް ފޮނުވައި އެނާ ޕާޓީން ވަކި ކުރުމަށް ނިންމުމުން އެއީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ނިންމެވުމެއް ކަމަށް ޕާޓީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވިދާޅުފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ