ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން ގާސިމް އެ ގައުމަށް ވަޑައިގެންފި
ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ގައުމަށް ވަޑައިގެންފިއެވެ. ގާސިމްގެ ވަކީލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެމަނިކުފާނު ޖަރުމަނަށް ވަޑައިގަތީ ބޭސްފަރުވާ ކުރުމަށް އިންސާނިއްޔަތަށްޓަކައި ޖަރުމަނު ސަރުކާރުން ދިން ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް ދިވެހި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ޒަމާނުއްސުރެ ގާސިމްގެ ބޭސްފަރުވާގެ ކަންތައް ކުރިއަށްގެންދަނީ ޖަރުމަނުން ކަމަށެވެ. ސިންގަޕޫރުގައި އެމަނިކުފާނަށް ފާރުވާ ދެއްވި ޑޮކްޓަރުންނާއި ޖަރުމަނުގައި ހުންނަވާ އެމަނިކުފާނުގެ ޑޮކްޓަރުގެ ލަފާގެ މަތިން މިހާރު ފަރުވާ ހޯއްދަވަނީ ޖަރުމަނުގައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. ގާސިމްގެ ބޭސްފަރުވާގެ ކަންތައް ކުރިއަށްގެންދިޔުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފައިވާ ވަގުތީ ޓްރެވެލް ޑޮކިއުމެންޓް އާ ކޮށްދީފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ބަޔާނުގައިވެއެވެ. ވަގުތީ ޓްރެވެލް ޑޮކިއުމެންޓްގެ މުއްދަތު ހަމަވުމުން ސިންގަޕޫރުގައި ހުންނެވީ އެ ގައުމުގެ ސަރުކާރުން ދިން ޚާއްސަ ވިސާއެއްގެ ދަށުން ނުހަނު ދަތި އުނދަގުލުގައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ އޮގަސްޓް 25 ވަނަ ދުވަހުގެ ރޭ ދަންވަރު އެމަނިކުފާނު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮންނަވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ