ރާއްޖޭގައި ލާދީނީ ފިކުރު ފެތުރުމަކީ ރާއްޖޭގެ މަސްރަހުގައި ފާޅުކަން ބޮޑު ގޮތެއްގައި މިއަދު ހިނގާ ކަމެއް ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ގާސިމް ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާވެ ވިދާޅުވެ މިއަދު ފޮނުއްވި މެސެޖްގައި ގާސިމް ވިދާޅުވީ އިސްލާމް ދީނުގެ ނޫރު ފަނޑުކޮށްލައި، ލާދީނީ ފިކުރުތަކަށް މުސްލިމުންގެ ހިތްތައް ލެންބުވުމުގެ މަކަރުވެރި ހަރަކާތަކީ ކީރިތި ރަސޫލާގެ ޒަމާނުއްސުރެ ހިނގަމުން އަންނަ ކަމެއް ކަމަށެވެ.
ރާއްޖޭގައި ލާދީނީ ފިކުރު ފެތުރުމާ، އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަ ހުޅުވޭތޯ ބެލުމާއި ދަރީންނަށް ދީނާ ހިލާފު ތަރުބިއްޔަތު ދޭން ބާރު އެޅުންފަދަ ކަންކަމަކީ، ރާއްޖޭގެ މަސްރަހުގައި ފާޅުކަން ބޮޑު ގޮތެއްގައި މިއަދު ހިނގާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ގުރުއާނާ ސުންނަތް ނޫން އެހެން ހައްލެއް ދިވެހީންނަށް ބޭނުންވާ ކަމަށް ވަކާލާތު ކުރުމާ، ބަނގުރާ ބުއިމާ މަސްތުވާތަކެތި ބޭނުން ކުރަން ހިތްވަރުދިނުމާ، ފާހިޝް އަމަލުތައް ރާއްޖޭގައި އާންމުކުރުމަށް ބާރު އެޅުމަކީ ދިވެހި އިސްލާމީ މުޖްތަމައު ހަލާކުކުރަން އުޅޭ ބަޔަކު މިހާރުވެސް ކުރަމުންގެންދާ ކަމެއް ކަމަށާއި އެއީ ދިވެހިން ފުންކޮށް ވިސްނާލަންޖެހޭ ސީރިއަސް މައްސަލައެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާ އެއްވެސް ބަޔަކު ދިވެހި މުޖްތަމައުގެ ތެރެއަށް ވިހަލާން ދޫކޮށް ނުލުމަށާއި އެންމެން އަތުގުޅާ، އާނބަސް ބުނެ، އިސްލާމްދީނާ ދިވެހިވަންތަކަމުގެ ހިމާޔަތުގައި ޢަމަލާއި ބަހުން މަސައްކަތް ފަށަން އިލްތިމާސް ކުރައްވާ ކަމަށެވެ.
ހިޖްރީ އާ އަހަރުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ގާސިމް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.
ލާދީނީ ފިކުރު ފެތުރުމަކީ ރާއްޖޭގެ މަސްރަހުގައި ފާޅުކަން ބޮޑު ގޮތެއްގައި ހިނގާ ކަމެއް - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ