ފާރިޝް މައުމޫނާއި ސަލާމްކުރައްވަން ގާސިމް ދެކޮޅު ހެއްދެވި ވީޑިއޯއެއް އާންމުވެއްޖެ

ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫނާއި ސަލާމް ކުރައްވަން ދެކޮޅު ހެއްދެވި ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު އާންމުވެއްޖެ އެވެ.
މި ވީޑިއޯއަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުލުން ބޭއްވުމަށް މިއަދު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ގާސިމް ވަޑައިގެންނެވިއިރު ނަގާފައިވާ ވީޑިއޯއެކެވެ.
ވީޑިއޯއިން ފެންނަ ގޮތުން ގާސިމް ކާރުން ފައިބައިވަޑައިގެންނެވިއިރު އިލެކްޝަންސް ކޮމިޝަން ކުރިމަތީގައި ހުންނެވި ފާރިޝް މައުމޫން ގާސިމް ކައިރިއަށް ވަޑައިގެން ސަލާމްކުރައްވަން އަތްޕުޅު ނަންގަވަ އެވެ. ނަމަވެސް ގާސިމް ސަލާމް ކުރުމުގެ ބަދަލުގައި އަތް ކުޑަކޮށް މައްޗަށް ނަންގަވާފައިވާ އިލެކްޝަންސް ކޮމިޝަން ތެރެއަށް ވަދެވަޑައިގަންނަވަ އެވެ.
ފާރިޝް މައުމޫނާއި ގާސިމް ސަލާމް ނުކުރެއްވި ނަމަވެސް އިލެކްޝަންސް ކޮމިޝަން ތެރެއަށް ވަޑައިގެންނެވުމުގެ ކުރިން ދޮރު ކައިރީގައި ހުރި މީހަކާއި ގާސިމް ސަލާމް ކުރައްވާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
މި ބައްދަލުވުމަށް ގާސިމާއިއެކު ގާސިމްގެ ތަރުޖަމާން އިބްރާހިމް ހަލީލް ވެސް ވަޑައިގަންނަވާތަން ވީޑިއޯއިން ފެނެ އެވެ.
ފާރިޝް މައުމޫނާއި ސަލާމްކުރައްވަން ގާސިމް ދެކޮޅު ހެއްދެވީ ކީއްވެގެން ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ