ޓެރަރިޒަމަށް ފައިސާ ހޯދި ބަންގްލަދޭޝްގެ ހަތަރު މީހުން ޖަލަށްލާން ސިންގަޕޫރުން ހުކުމްކޮށްފި

ސިންގަޕޫރު (ޖުލައި 12) - ޓެރަރިޒަމަށް ފައިސާ އެއްކުރި ބަންގްލަދޭޝްގެ ހަތަރު މީހުން ޖަލަށްލުމަށް ސިންގަޕޫރުގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
އަމިއްލަ ގައުމުގައި ޓެރަރިސްޓް ހަމަލާ ދިނުމަށް ފައިސާ އެއްކުރި ހަތަރު މީހުންނަށް ވަނީ ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމްތައް އިއްވައިފަ އެވެ.
ބަންގްލަދޭޝްގައި ފަހަކަށް އައިސް ވަނީ ޓެރަރިސްޓް ހަމަލާތައް އިތުރުވާން ފަށައިފަ އެވެ. އެންމެ ފަހުން ދިން ހަމަލާގައި ވަނީ ކެފޭއެއްގެ ތެރޭގައި ބަޔަކު ރަހީނުކޮށް 20 މީހުން މަރާލައިފަ އެވެ. މި ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ.
ބަންގްލަދޭޝްގެ ހަތަރު މީހުން ފުލުހުންގެ ވެހިކަލެއްގައި ކޯޓަށް ގެންދަނީ. --ފޮޓޯ:އޭއެފްޕީ
ބަންގްލަދޭޝްގެ ހަތަރު މީހުންނަށް ހުކުމް އިއްވަމުން ޑިސްޓްރިކްޓް ފަނޑިޔާރު ކެސްލާ ސޯހް ވިދާޅުވީ އެ މީހުންނަކީ ސިންގަޕޫރަށް ހުރި ނުރައްކަލެއްގެ އިތުރުން ބައިނަލްއަގުވާމީ މުޖްތަމަ އަށް ވެސް ހުރި ނުރައްކަލެއް ކަމަށެވެ. މި ހަތަރު މީހުންނަށް ހުކުމް ކޮށްފައި ވަނީ އެންޓި- ޓެރާ ގާނޫނުގެ ދަށުންނެވެ.
ކޯޓުގައި ވާހަކަ ދައްކަމުން ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އެ ހަތަރު މީހުން ވަނީ އިސްލާމިކް ސްޓޭޓް އޮފް ބަންގްލަދޭޝް (އައިއެސްބީ) ކިޔާ ޖަމާއަތެއް އުފައްދާފައި ކަމަށާއި ބަންގްލަދޭޝްގެ ސަރުކާރު ވައްޓާލުމަކީ ވެސް އެ މީހުންގެ ބޭނުމެއް ކަމަށެވެ. އަދި އައިއެސްއާ ގުޅުމަށް އެ މީހުން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ކޯޓުގައި ބުނެފައިވެ އެވެ.
ސިންގަޕޫރުގެ ދާޚިލީ ވުޒާރާ އިން ބުނެފައި ވަނީ އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ އެ ހަތަރު މީހުންގެ އަތުން ބޮން ހަދަން ބޭނުންކުރާ ސާމާނު ވެސް ފެނިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ