ތުހުމަތުވާ ދެ ފުލުހުން ވަކިކޮށްފައި ވަނިކޮށް ވަޒީފާ ދިނީ މި ސަރުކާރުން: އުމަރު

ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަން މަސައްކަތް ކުރި ދެ ފުލުހުން ކުރީގެ ސަރުކާރުގައި ވަޒީފާއިން ވަކޮށްފައި ވަނިކޮށް، އެ މީހުންނަށް އަލުން ވަޒީފާ ދިނީ މި ސަރުކާރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް އޭނާގެ ޕާސްޕޯޓު ހޯދުމަށް އޭރުގެ އިމިގްރޭޝަންގެ ވެރިޔާ، ހަސަން އަލީއާ ބައްދަލުކުރީ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. އެމީހުން ހައްޔަރު ކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ރޭ ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ. އުމަރު މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދެ ފުލުހުންނަކީ ކުރީ ސަރުކާރުން މައްސަލަ ބެލުމަށްފަހު ވަޒީފާއިން ވަކިކުރި ދެ ފުލުހުން ކަމަށެވެ. "ނަމަވެސް އަޅުގަނޑުމެންގެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ބަލައި، މި ދެ ފުލުހުން އަލުން ވަޒީފާއަށް ނެރެފައި ވަނީ މި ސަރުކާރުން،" އުމަރު ވިދާޅުވި އެވެ. ރިލްވާނު ރަހީނުކޮށް މަރާލި މައްސަލާގައި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓާ ގުޅިގެން ފުލުހުންގެ އިސްވެރިން ރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ބައްދަލުކޮށްފަ އެވެ. ދޮޅު ގަޑިއެއްހާއިރަށް ދެމިގެން ދިޔަ އެ ބައްދަލުވުން ވަނީ ސިއްރު ކޮށްފަ އެވެ. އުމަރު ވިދާޅުވީ އެ ބައްދަލުވުން ސިއްރުކޮށްފައި ވަނީ އެކަން އާންމު ރައްޔިތުންނަށް ފޮރުވަން ކަމަށެވެ. ސީޕީ މުހައްމަދު ހަމީދު ވިދާޅުވީ، ރިލްވާންގެ މަރުގެ ރިޕޯޓާ ގުޅިގެން އޭޖީ އިން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި ހުރި ކަންކަން ތަންފީޒު ކުރަން، ކުރަން ޖެހޭ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ތުހުމަތު ކުރެވޭ ދެ ފުލުހުން ވަޒީފާގެ ރަސްމީ މަސްއޫލިއްޔަތުން ވަނީ ދުރުކޮށްފަ އެވެ. އެދެ ފުލުހުން ހައްޔަރު ނުކުރާތީ ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާތީ، އެދެ ފުލުހުން ހައްޔަރު ކުރެވޭނެ ފަދަ ހުއްޖަތެއް ނެތް ކަމަށް ރިޔާސީ ކޮމިޝަނުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ