ދެން އޮންނަ ރިޔާސީ އިންތިހާބަށް ޖޭޕީން ކެންޑިޑޭޓަކު ނެރޭނެ: ގާސިމް

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ދެން އޮންނަ ރިޔާސީ އިންތިހާބަކަށް ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީ އަށް މެމްބަރުންތަކެއް ގުޅުމަށް ކުނޫޒްގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ ތިން ވަނަ ނުވަތަ ދެ ވަނަ ޕާޓީގެ ގޮތުގައި ޖޭޕީ އަބަދު ނޯންނާނެ ކަމަށާއި، އެއް ވަނަ ޕާޓީ އަށް ޖޭޕީ ހަދާނެ ކަމަށެވެ. އެގޮތުން އެ ޕާޓީ ރިފޯމް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ޕާޓީ ވާނީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރަޓިކް ޕާޓީ އަށް ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޕަޓީ އަށް ގެންނަ ބަދަލުގެ ތެރޭގައި، ޕާޓީގެ ލީޑަރު އިންތިހާބު ކުރަން މިހާރު އޮންނަ ގޮތް ބަދަލުކުރަން ހުށަހެޅުމުގެ ވިސްނުން ވެސް ހުރި ކަމަށެވެ. އަދި ޕަޓީ ވަރުގަދަ ކުރުމަށް ވެސް ގިނަ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް ގާސިމް ވިދާޅުވި އެވެ.
ޖޭޕީ ވަރުގަދަ ކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ ޕާޓީގެ މެމްބަރުންގެ އަދަދު 30،000 އަށް އިތުރު ކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
މީގެ ކުރިން 2008 އަދި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވެސް ގާސިމް ވާދަކުރެއްވި އެވެ. އެކަމަކު އެ ދެ އިންތިހާބުން ވަނީ ނާކާމިޔާބުވެފަ އެވެ. ގާސިމް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް ނިންމާނީ ޕާޓީން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ