ގާސިމް މަރާލި "ގާތިލު"ގެ ވަނަވަރު އާންމުވެއްޖެ

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފުވީ ޅ. ހިންވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދު ކަން ހާމަ ވެއްޖެ އެވެ. ހުޅުމާލޭގައި މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހިނގި އެ ގަތުލާ ގުޅިގެން ފުލުހުން އަދުހަމް ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާގެ ބަންދަށް މިދިޔަ ހުކުރު ދުވަހު ވަނީ 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައެވެ. އެ އަމުރު ވަނީ "ސަން"އަށް ވަނީ ލިބިފައެވެ. ކޯޓު އަމުރުގައި ބުނެފައި ވަނީ، މުއްދަތު މަޖިލީހުގައި ކުށަށް އިއުތިރާފުވެ، ކަން ހިނގި ގޮތް އަދުހަމް ކިޔައިދީފައިވާ ކަމަށެވެ. އަދި އޭނާ ގާސިމް މަރާލި ކަމަށް އިއުތިރާފުގެ ބަޔާން ލިޔެ ސޮއިވެސް ކޮށްފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ. އޭނާ ކުރި ކުށުގެ ބާވަތުން ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފާނެތީވެ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރާ ކަމަށް ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިން ނެރުއްވި އަމުރުގައި ބުނެފައިވެއެވެ. ހިންނަވަރުން ވާހަކަ ދެއްކި ބައެއް މީހުން "ސަން"އަށް ބުނި ގޮތުގައި އަދުހަމް އަކީ އައްޑޫ ސިޓީއަށް ނިސްބަވާ ޒުވާނެއް ކަމަށާއި ނަމަވެސް ފަހުން އޭނާގެ މަންމަ ހިންވަރު މީހަކާ އިނދެގެން އެރަށަށް ހިޖުރަ ކުރީ ކަމަށެވެ. އަދި ބޮޑުހިޔާގެއަކީ އަދުހަމްގެ ދޮން ބައްޕަގެ ގެ ކަމަށް އެ މީހުން ބުނެއެވެ. ކުޑަ އިރުއްސުރެ ވެސް އެކި އެކި ކުށްތަކުގައި ފުލުސް އޮފީހަށްވެސް އޭނާ ހާޒިރުކުރެއެވެ. ގްރޭޭޑް އަށަކަށްފަހު، އޭނާ ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށް އެރަށު މީހުން ބުނެއެވެ. ގާސިމްގެ ގާތިލުގެ ނަން ހާމަ ނުކޮށް، މިދިޔަ ހުކުރު ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބުރާސްފަތި ދުވަހު ހައްޔަރު ކުރީ ގާސިމްގެ ގާތިލު ކަމަށާއި އެކަމަށް އޭނާ އިއުތިރާފުވެ، އޭނާ ތަހުގީގަށް އެއްބާރުލުން ދޭން ފަށާފައިވާ ކަމަށެވެ. ގާސިމް ގަތުލު ކޮށްލި ވަގުތު އޭނާ ލައިގެން ހުރި ފޭރާން ވެސް ގާސިމް މަރާލި ސަރަހައްދުގެ ކައިރި ހިއްސާބެއްގައި ފޮރުވާފައި އޮއްވާ ފުލުހުން ހޯދާފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި މައްސަލައިގައި ފުލުހުންނަށް ހޯދިފައިވާ ހެކިތަކާއި ފޮރެންސިކް ތަހުލީލުތައް އިތުރަށް ދިރާސާ ކުރަމުން އަންނަ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ. އެ މަރުގެ ތަހުގީގުގެ އިތުރު ތަފްސީލް ހާމަކުރުމަށް މި ހަފްތާ ތެރޭ ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަނިޔާވެރި ގޮތަކަށް ގާސިމް މަރާލި ގާސިމް ފެނިފައިވަނީ ޒަހަމްތަކާއެކު، އޭނާގެ ކާރާ މާ ދުރު ނޫން ހިސާބެއްގައި މަގުމައްޗަށް ވެއްޓިފައި އޮއްވައެވެ. އޭރު ގާސިމްގެ ކަރާއި އަތުގައި ފުން ޒަހަމްތަކެއް ހުއްޓެވެ. އޭނާ މަރުވީ، ހޮސްޕިޓަލަށް ގެންދިޔުމަށް ފަހުގައި ކަމެއް ނުވަތަ އޭގެ ކުރިން ކަމެއް ކަށަވަރެއް ނޫންނެވެ. މަރު ކަށަވަރުކޮށްފައިވަނީ ހޮސްޕިޓަލަށް ގެންދެވުނުތާ 30 މިނުޓެއްހާ ފަހުން ކަމަށް އޭރު ހުޅުމާލޭ ހޮސްޕިޓަލުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ