"ބޭނުންކަމެއް ނުވާ ކޮންމެ ފަހަރަކު މުއައްސަސާތަކުގެ އަގު ވައްޓާލުމަށް ފަތުރާ ވާހަކަތަކަކީ ޑިމޮކްރަސީއަށް އޮތް ބިރެއް"

ބޭނުންވާ ގޮތަކަށް ކަމެއް ނުވާ ކޮންމެ ފަހަރަކު މުއައްސަސާތަކުގެ އަގު ވައްޓާލުމަށް ފަތުރާ ވާހަކަތަކަކީ ޑިމޮކްރަސީއަށް އޮތް ބިރެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކުރަމް ވިދާޅުވެއްޖެއެވެ.
އަކުރަމް މިހެން ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ދާއިރާތަކަށް ގުރު ނެގުމުގައި އިލެކްޝަނުން މަކަރުހަދާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
"ބޭނުންވާ ގޮތަށް ކަމެއް ނުވާ ކޮންމެ ފަހަރަކު މުއައްސަސާތަކުގެ އަގު ވައްޓާލަން ބުހުތާނު ދޮގު ވާހަކަ ފެތުރުމަކީ ޑިމޮކްރަސީއަށް އޮތް އެންމެ ބޮޑު ބިރު،" އަކުރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބަށް ގުރުއަތުލުމުގެ ހުރިހާ ކަމެއް ކޮށްފަައިވަނީ ދެފުށް ފެންނަ ގޮތަށް، އިންސާފުންކަން އަކުރަމް ފާހަގަކުރެއްވިއެވެ. އެގޮތުން ގުރުއަތުލުމުގެ ކަންކަން ކުރިއަށް ދިޔައީ މީޑިއާގެ އިތުރުން ޕާޓީތަކުގެ ކުރިމަތީގައި ކަމަށް އަކުރަމް ވިދާޅުވިއެވެ.
2020ގެ ކައުންސިލް އިންތިހާބުގައި އަންހެނުންނަށް ހާއްސަކުރެވިފައިވާ ދާއިރާތައް ކަނޑައެޅުމުގައި އިލެކްޝަނުން މަކަރު ހަދާފައިވާ ކަމަށް ބުނެ ތުހުމަތުކޮށްފައިވަނީ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ނިންމާފައިވާ އަބްދުﷲ ވަސީމެވެ. އޭނާ އިލެކްޝަނަށް ތުހުމަތުކޮށްފައިވަނީ އޭނާ ކުރިމަތިލުމަށް ނިންމި ދާއިރާގެ ދެ ގޮނޑިވެސް އަންހެނުންނަށް ހާއްސަކުރެވިފައިވާ ދާއިރާގެ ގޮތުގައި ގުރުއަތުން ހޮވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ