އެޖެންޑާ 19 އަކީ ދޮގާއި އޮޅުވާލުމާއި މަކަރާއި ނާގާބިލްކަން ފޮރުވަން ދައްކާ ވާހަކައެއް: ޔާމީން

ސަރުކާރުގެ ތަރައްގީގެ އެެޖެންޑާ އޭގެ މައްޗަށް ބިނާވެފައިވާ އެޖެންޑާ 19 އަކީ ދޮގު ހެދުމާއި އޮޅުވާލުމާއި މަކަރު ހެދުމާއި ނާގާބިލްކަން ފުއްދަން ދައްކާ ވާހަކަތަކެއް ކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްހާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
"އަންނަނީ އަންނަނީ"ގެ ނަމުގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލީޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީ އަކީ ދޮގެއް އޮއްވައި ތެދެއް ހަދާނެ ޕާޓީއެއް ނޫން ކަމަށާއި، އެޕާޓީން މިހާރު ދައްކާ ވާހަކައަކީ ރިޔާސީ އިންތިހާބުގައި ދެއްކި ވާހަކަ ނޫން ކަމަށެވެ.
"މީ އެމްޑީޕީގެ ފަރާތުން އަޅުގަނޑުމެން އަބަދުވެސް ފާހަގަ ކުރަންޖެހޭކަމެއް، ދޮގެއް ހެދެން އޮތްތަނެއްގައި ތެދެއް ނުބުނާނެ، ތެދުވެރިކޮށް ބަހެއް ބުނަންއޮތް ތަނެއްގައި އޮޅުވާލުންނޫން ކަމެއް ނުކުރާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓުގައި އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ދީނާއި ހިލާފު ވާހަކަ ދައްކާފައިވާ މައްސަލައިގައި، ރައީސް ޔާމީން ވިދާޅުވީ އެ ފަރާތްތަކަށް މި ސަރުކާރުން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. އަދި އެއީ ރާވައިގެން ކުރިއަށް ގެންދާ ކަމެއް ކަމަށާއި އެޖެންޑާ 19 ގައި ހުރި ފަތްފުއްތައް އުކެމުންދިޔަ ވަރަކަށް ރާއްޖެއަށް އިތުރު ނުރައްކާތައް އަންނަމުންދާތަން ފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް ދޮގު ވާހަކަ ތައް ކިޔައިދީ އޮޅުވާލައިގެން ކަމަށެވެ.
"އެޖެންޑާ 19 ގައި ހުރި ފަތްފުއްތަށް އުކެމުން އުކެމުން ދިޔަ ވަރަކަށް އަޅުގަނޑު މެންނަށް މި ފެންނަނީ ކިހާ ވަރެއްގެ ފިޓް ކަމެއްތޯ މިމީހުންގެ އެޖެންޑާގައި މިހިރީ، ތަރައްގީގެ މަަސައްކަތްތަކަށް ބެއްޔަސް، ދީނާއި ގައުމީ ސިފަތަކަށް ބެއްޔަސް، ރައްޔިތުންގެ ހަމެޖެހުމާއި މަސްލަހަތަށް ބެއްޔަސް، އަޅުގަނޑުމެން އެންމެ ލޯބިވާ ތުއްތު ކުދިންގެ ތަރުބިއްޔަތާއި ތައުލީމަށް ބެއްޔަސް، އަޅުގަނޑުމެންނަށް ދަތި ވެފައިވާ ހުރިހާ މައްސަލަތައް، ނޫނީ އަޅުގަނޑުމެން ހައްލުކުރަން ބޭނުންވާ ހުރިހާ މައްސަލަތަކަށްވެސް މިމީހުންގެ އެޖެންޑާގައި ކޮންމެވެސް ވާހަކައެއް އޭރު ބުނަމުންދިޔަ، ތަފާތަކީ އޭރު ދެއްވި ވާހަކައެއްނޫން، މިހާރު މިދައްކަނީކީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ