އީރާންގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބެލުމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ކަނޑައެޅި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު އީރާނަށް ވަޑައިގަތުމުގެ ހުއްދަ ނުދޭން އެ ގައުމުން ނިންމުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އަގު ވެއްޓި، އިސްލާމީ ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ނިކަމެތިވެގެންދާނެ ކަމެއް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
އީރާންގެ ކަންތައް ހުރި ގޮތް ބެލުމަށް ޝަހީދު އީރާނަށް ވަޑައިގަތުމުގެ ހުއްދަ ނުދޭން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމުމާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އީރާންގެ އެ ނިންމުމާ ގުޅިގެން ރާއްޖޭގެ "ފޮރިން ޕޮލިސީގައި ހަޑި ލައްގަނޑެއް ޖެހިއްޖެ" ކަމަށާއި "އެއީ ދިވެހިން ލަދުވެތިވާންޖެހޭ" ކަމެއް ކަމަށެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިއީ ތާރީހުގައި ވެސް އިސްލާމީ ގައުމަކަށް ހަމަޖެއްސި މި ކަހަލަ މިޝަނެއް އަނބުރާ ރައްދުކުރި ފުރަތަމަ ފަހަރު. މިއީ އިސްލާމީ ދުނިޔޭގެ ކުރިމަތީގައި އަޅުގަނޑުމެން ރާއްޖެ އިން ވަރަށް ބޮޑަށް ލަދުވެތިވާންޖެހޭ ކަމެއް،" އިމްރާން ވިދާޅުވި އެވެ. "ޑރ. ޝަހީދު އެފަދަ މަގާމަކަށް ވަޑައިގަތުމަކީ އީރާން ކަހަލަ ނިއުކްލިއާ ބާރަކާ ދިވެހި ގައުމާ ދޭތެރޭގައި އަދާވާތްތެރި ގޮތަކަށް ބަލަން ފަށާނެ ކަމުގެ ބިރުވެރި އިންޒާރެއް. އިސްލާމީ ގައުމެއްގެ މި ފަދަ ކަންތައްތަކެއްގެ ތެރެއަށް އަޅުގަނޑުމެން ފަދަ ކުޑަކުޑަ އިސްލާމީ ގައުމަކުން ވަންނައިރު އެތައް ފަހަރަކު ވިސްނަންޖެހޭނެ."
ޑރ. ޝަހީދު އީރާނަށް ނޭރުވުމަށް ނިންމި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ޑެޕިއުޓީ ޗެއާމަން މުހައްމަދު ކަރީމް އަބީދީއާ ހަވާލާދީ އީރާންގެ ގައުމީ ނިއުސް އެޖެންސީން ބުނެފައިވަނީ އދ. އިން ފުރަތަމަ ތަހުގީގުކުރަންޖެހޭނީ އެމެރިކާ އާއި އިޒްރޭލުގެ އިންސާނީ ހައްގުތަކުގެ މައްސަލަ ކަމަށެވެ.
ޝައިޚް އިމްރާން ވިދާޅުވީ ޑރ. ޝަހީދު އީރާނަށް ނޭރުވުމަށް އެ ގައުމުން ނިންމީ އެ މީހުންގެ ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި މަޖުބޫރުވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ފަދަ ނިންމުމެއް އީރާން ފަދަ ގައުމަކުން ނިންމާ އިރު ޑރ. ޝަހީދަކީ ކޮން ބޭފުޅެއްކަން ވަރަށް ރަނގަޅަށް ބަލާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑރ. ޝަހީދު އިޒްރޭލުގެ ޒަޔަނިސްޓް މޫވްމަންޓާއެކު ބާއްވަމުން ގެންދަވާ ގުޅުންތައް އީރާނުން ވެސް ބަލާނެ. އިޒްރޭލާއެކު ރާއްޖެ އިން ބާއްވާ ގުޅުމުގެ ހަގީގަތް އީރާނުން ބަލާނެ. ޑރ. ޝަހީދުގެ ބެކްގްރައުންޑް އެ ގައުމުން ބަލާނެ. މި ކަންކަމަށް ވިސްނާ ނުލައްވައި ޑރ. ޝަހީދު އެ ފަދަ މަގާމަކަށް ވަޑައިގަތުމަކީ ވަރަށް ހިތާމަކުރަންޖެހޭ ކަމެއް،" އިމްރާން ވިދާޅުވި އެވެ.
އީރާނުން ބުނެފައިވަނީ ޝަހީދަށް އިހްތިރާމްކުރާ ކަމަށާއި އޭނާ ޓޫރިސްޓެއްގެ ހައިސިއްޔަތުގައި އީރާނަށް ވަޑައިގަތުމަށް މަރުހަބާ ކިޔާނެ ކަމަށެވެ.
އީރާންގައި އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް އދ. އިން ބުނަމުންދާ އިރު އެ ގައުމުން ބުނަމުން ދަނީ އިންސާނީ ހައްގަކީ ހުރިހާ ތަނެއްގައި އެއް ހަމަޔަކަށް ބަލާ އެއްޗަކަށްވެގެން ނުވާނެ ކަމަށާއި ދީނާއި ސަގާފަތާއި އާދަކާދައިގެ މައްޗަށް އިންސާނީ ހައްގުތަކުގެ އުސޫލުތައް ބަދަލުވާނެ ކަމަށެވެ. އަދި އދ. އަށް އިސްލާމީ އުސޫލުތައް ރަނގަޅަށް ފަހުމުނުވާ ކަމަށް އީރާނުން ބުނެ އެވެ.
"ސްޕެޝަލް ރެޕަޓުއާ އޮން ސިޗުއޭޝަން އޮފް ހިއުމަން ރައިޓްސް އިން އީރާން" ގެ މަގާމަށް ޝަހީދު ހުކުރު ދުވަހު ހަމަޖައްސާފައިވާ އިރު އެ މަގާމަކީ އެމެރިކާގެ އިސްނެގުމުގެ މަތިން މާޗް 24 ވަނަ ދުވަހު ފާސްކުރި ގަރާރެއްގެ ދަށުން އުފައްދާފައިވާ މަގާމެކެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ޒިންމާގައި ހިމެނޭ ކަންތައް ފުރިހަމަކުރުމަށް އީރާނަށް ގޮސް ބޭނުންވާ މައުލޫމާތު ހޯދުމުގައި އީރާނުން ފުރިހަމަ އެއްބާރުލުން ދިނުމަށް ގަރާރުގެ ދަށުން އީރާނަށް ލާޒިމުކުރެ އެވެ.
އީރާންގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ހޯދުންތައް، ސެޕްޓެމްބަރު މަހު އޮންނަ އދ.ގެ އާންމު މަޖިލީހަށް ހުށަހެޅުމާއި ފުރިހަމަ ރިޕޯޓެއް އެކުލަވާލުމަށް ފަހު 2012 ވަނަ އަހަރުގެ މާޗް މަހު ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅުމުގެ މަސައްކަތް ވެސް ޝަހީދާ ވަނީ ހަވާލުކޮށްފަ އެވެ.
ޑރ. ޝަހީދު އީރާނަށް ނޭރުވުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އަގު ވެއްޓި، ނިކަމެތިވާނެ ކަމެއް: އަދާލަތު ޕާޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ