މައުމޫން ވެރިކަމަށް ވަޑައެއް ނުގަންނަވާނެ: ރައީސް ނަޝީދު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެން ރާއްޖޭގެ ވެރިކަމަށް ވަޑައިނުގަންނަވާނެ ކަމަށާއި އެކަމާ އެމްޑީޕީގެ މެމްބަރުން ކަންބޮޑު ނުވުމަށް ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދެއްކެވި ބޭފުޅުން، މައުމޫން އާ ޕާޓީއެއް އުފައްދަވައި ވެރިކަމަށް ވަޑައިގެންފާނެތީ ކަންބޮޑުވެ ވާހަކަ ދެއްކެވި ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ "ކުރީގެ ރައީސެއް [ވެރިކަމަށް] ވަޑައެއް ނުގަންނަވާނެ" ކަމަށެވެ.
"އެއީކީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ކަންބޮޑުވާންވީ ކަމެއް ނޫން. އަޅުގަނޑުމެންނަށް އިނގޭ މި ރާއްޖޭގެ ތާރީހު ހިނގާފައި އޮތް ގޮތް. ނިމޭ ވެރިންނަށް ވާ ގޮތް. އަޅުގަނޑުމެންގެ ހިތްވަރާއި އަޅުގަނޑުމެންގެ ކެތްތެރިކަމާ އެކު އަޅުގަނޑުމެން މި ރާއްޖެ އިން ދެކެން ބޭނުންވަނީ އެހެން ހަގީގަތެއް، އެހެން މަންޒަރުތަކެއް ކަމަށް ވާތީ، އަޅުގަނޑުމެން އަބަދުވެސް ބުނަމުން މި އަންނަނީ ކާމިޔާބުގައި ހިތްތިރި ކުރާށޭ. ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން އެކަން ކުރާނީ އެ ގޮތަށް،" ރައީސް ވިދާޅުވި އެވެ. ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ: މައުމޫނަށް ވެރިކަމަށް ވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވި --ހަވީރުފޮޓޯ/ނަސްރުﷲ ސޯލިހު
އެމަނިކުފާނު ވިދާޅުވީ ކުރީގެ ރައީސަށް ލިބިދޭ ގަދަރާއި އިއްޒަތް މައުމޫނަށް "އަޅުގަނޑުމެން އަރުވަން ޖެހޭނެ" ކަމަށެވެ. އަދި އޭގެ ސަބަބުން މައުމޫނަށް ވެސް އަދި މައުމޫން ކުރައްވާ ސިޔާސީ މަސައްކަތްޕުޅުގެ ސަބަބުން އެމްޑީޕީ މެމްބަރުންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އެއީކީއެއް ދެން މި ރާއްޖޭގައި ހިނގާނެ ކަމެއް ނޫން. އަޅުގަނޑު ހަމަ ނިންމާލަމުން ދަންނަވާލަން ބޭނުން އަލިރަސްގެފާނަށް ވީ ގޮތް. މާފަންނާ ހިސާބަށް އެނބުރި ބައްލަވާލެއްވިއިރުގައި ތިއްބެވީ ދެ ބޭފުޅުން. އަލިރަސްގެފާނު ޒިޔާރަތް ވެފައި އެ ހުންނަނީ އެ ދެ ބޭފުޅުންނާ އެކު ނިމި ގޮސް. އަޅުގަނޑުމެންގެ ރާއްޖެއަކު އާ ކަމެއް ނުހިނގާނެ. މިއީ ވަރަށް ގަދީމީ ރަށެއް. އެއް ހާސް އެތައް އަހަރެއްގެ ތާރީހާ އެކީގައި އަޅުގަނޑުމެން އުޅެމުން މިދަނީ. އެއްގޮތަކަށް ވެސް ކަންބޮޑުވެ ނުލައްވާ،" ގިނަ ބޭފުޅުން ކަންބޮޑުވުން ފާޅުކޮށް މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ބައެއް ބޭފުޅުން މައުމޫން އުފައްދަވާ އާ ޕާޓީ އަށް އިޝާރާތް ކުރައްވައި ވިދާޅުވީ "އެއީ ތަރިކަ ޕާޓީ" ކަމަށެވެ. އަދި މައުމޫނަށް ރާއްޖޭގައި އަލުން ވެރިކަން ކުރެއްވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ތަކުރާރުކޮށް ބައެއް ބޭފުޅުން ވިދާޅުވި އެވެ.
"ޕީޕީއެމްގެ ހަގީގީ މުރާދަކީ އަޅުގަނޑުމެންގެ ކުރީގެ ޗެއާޕާސަން މާރިޔާ ވިދާޅުވެދެއްވި ފަދައިން ތަރިކައިގެ ޕާޓީއެއް. އެއީ ސީދާ މިލްކުވެރިކަން ސާބިތުކޮށް ތިމަންނަގެ ދަރިންނަށް ވާރުތަކޮށްދިނުމަށްޓަކައި ހިންގޭ ޖަރީމާއެއް. ރައްޔިތުންގެ ނަމުގައި ރައްޔިތުންގެ ބަޖެޓުން ފައިސާ ހޯދައިގެން އެ ހިންގަން އުޅޭ ހަރަކާތެއް ފެށުމަށް ގެންގުޅޭ ނޭއްގާނީ ވަސީލަތެއް،" މައުމޫން އުފައްދަވާ އާ ޕާޓީ އަށް އިޝާރާތް ކުރައްވައި އެމްޑީޕީގެ ނާއިބު ރައީސް ފޭދޫ ދާއިރާގެ އަލްހާން ފަހުމީ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގައި މައުމޫނާ އެންމެ އަރިސްކޮށް މަސައްކަތްކުރެއްވި އަލްހާން ވިދާޅުވީ މައުމޫނާއި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ފިކުރު އެއްގޮތް ކަމަށާއި "އެއީ އާއިލީ ވެރިކަން ކުރުމުގެ ފިކުރު" ކަމަށެވެ. އަދި އެއީ މައުމޫނާއި ތަސްމީނަށް ކުރިމަތިވެ ވަޑައިގެންނެވި ގޮންޖެހުން ކަމަށް އަލްހާން ވިދާޅުވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މައުމޫންގެ އާ ޕާޓީގެ ފިކުރަކީ "ޖަލުގެ ތޭރިތަކެ"ވެ.
"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ ތިޔަ ވެރިކަން މި ގައުމަށް އަޔަ ނުދިނުމަށްޓަކައި އަޅުގަނޑު ލޭ އޮހޮރުވައި ޖިހާދު ވެސް ކުރާނަމޭ. ލާހިކު ކުޅަދާނައެއް ނޫން ދެނެއް އެނބުރި މައުމޫންގެ ވެރިކަމެއް ސީދާ އަޅުގަނޑު ޖަލުގައި ބަހައްޓައިގެން ނޫން ގޮތަކަށް، މި ގައުމުގައި މައުމޫނަކަށް ޔާމީނަކަށް ލާހިކެއް ނޫން ވެރިކަން ކުރާކަށް. މި ނޫން ގޮތަކަށް ދެން ވެރިކަން ބަދަލުވެވޭކަށް ނެތް،" އަލްހާން އިންޒާރު ދެއްވި އެވެ.
އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވީ ކިތަންމެ ވަރަކަށް "ތަރިކަ ޕާޓީ" ހަދައިގެން އުޅުނަސް އަދި ހަގީގަތް އޮޅުވަން އުޅުނަސް ރައްޔިތުންނަށް ހަގީގަތް އޮޅުވައެއް ނުލެވޭނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ކިތަންމެ ވަރަކަށް ތަރިކަ ޕާޓީ ހެދިޔަސް އާހިރުގައި ނިމިގެންދާ ގޮތް މިއަދު ފެންނަމުން އެބަދެއޭ. އެއީ އެ ޕާޓީތަކަކީ ދަތް ނެތް ޕާޓީތަކަކަށް ވެގެންދާ ދިއުމާއި އާހިރުގައި އެ ޕާޓީތައް ދާ ދިއުންކަން. އެހެންވީމަ އެ އުފައްދާ ޕާޓީ ވެސް އާހިރުގައި ނިމިގެންދާއިރު ހަމަ ދަތް ނެތް ޕާޓީއަކަށް ވެގެން އެންމެ ފަހުން އަޅުގަނޑުމެންނާ އެކަންތައް ވެސް ހަވާލުވާ ހިސާބަށް ދާނެ. އިރާދަކުރެއްވިއްޔާ ދަތް ހުރީ ވެސް މި ޕާޓީގައި. ދަތް ޖެހޭނެ ގޮތް ވެސް އޮތީ މި ޕާޓީގައި،" މަޝްހޫރު ދަތުގެ ޑޮކްޓަރު ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކި ނަންނަމުގައި މައުމޫން ޕާޓީ ހެއްދެވިޔަސް އެކަމާ އެމްޑީޕީން ޖެހިލުން ނުވާނެ ކަމަށެވެ. ޑރ. ޑީޑީ ވިދާޅުވީ އޭނާ އެމްޑީޕީގެ ރައީސް ކަމަށް ވަޑައިގަތީ 2013 ގެ އިންތިހާބުގައި ރައީސް ނަޝީދަށް އޭ ރިޕޯޓެއް ހޯއްދަވައި ދެއްވަން ކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ