ދައުވާއަށް ޖަވާބުދާރީ ވުމަށާއި ވަކީލަކު އަންޔަން ކުރުމަށް ތިން ދުވަހުގެ މުހުލަތެއް ކްރިމިނަލް ކޯޓުން މަޚްލޫފަށް ދީފި

ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ދައުވާއަށް ޖަވާބުދާރީ ވުމަށާއި ވަކީލަކު އަންޔަން ކުރުމަށް ތިން ދުވަހުގެ މުހުލަތެއް ކްރިމިނަލް ކޯޓުން ދީފިއެވެ. .
މަހުލޫފުގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިއަ އަހަރުގެ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހު މަހުލޫފު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ތަކުރާރުކޮށް އެންގުމުން ވެސް ފުލުހުންގެ ޖިޕަށް ނާރާ ފިލަން ދުވި ކަމަށް ބުނާ މައްސަލާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅީ ކަމަށް ބުނެއެވެ.
އެ މައްސަލައާއި ގުޅިގެން މީގެ ކުރިން ކްރިމިނަލް ކޯޓުންވަނީ މަހުލޫފު ހާޒިރުކޮށް ޝަރިއަތް ކުރިއަށް ގެންދާނެ ގޮތާއި ބެހޭގޮތުން މައުލޫމާތު ދީފައެވެ. އެދުވަހު މަހުލޫފު ވިދާޅުވީ ވަކީލަކު ހަމަޖެއްސުމަކީ ބޮޑު ޙަރަދެއް ކަމަށާއި، ދައުލަތުގެ ޙަރަދުގައި ވަކީލަކު ހަމަޖައްސައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ޙަރަދުގައި ވަކީލުން ހަމަޖައްސައިދެނީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
މިއަދުގެ އަޑުއެހުމުގައި މަހުލޫފު ވިދާޅުވީ ކަންތައްތައް ވަމުންދާ ގޮތުން ވަކީލުން އެމައްސަލާގައި ވަކާލާތު ކުރުމަށް ބިރު ގަންނަ ކަމަށާއި ވަކީލަކު އައްޔަން ކުރުމަށް އިތުރު ފުރުސަތު ބޭނުންވާ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލަމުން އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އަލީ ވިދާޅުވީ ތިން ދުވަހަށް ފަހު އެމައްސަލަ ބާއްވާނެ ކަމަށާއި އެ ދުވަހު ވަކީލަކު ނުލިބުނު ނަމަވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.. އަދި މައްސަލައަކީ ވަރަށް ކުޑަ މައްސަލައަކަށްވާތީ ޝަރީއަތް ވަރަށް އަވަހަށް ގެންގޮސް ނިންމާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
އަޑުއެހުން ނިންމާލުމަށްފަހު، ޖަސްޓިސް ބިލްޑިން ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެންބަރު މަހުލޫފު ވިދާޅުވީ، މިއަދު ކޯޓު ރޫމަށް ވަނުމުން ބޮޑު ހިތްހަމަ ޖެހުމެއް ލިބިވަޑައިގެންނެވި ކަމަށާއި ކޯޓުތަކުގެ ތެރޭގައި ވެސް ރަނގަޅު ބައަކު އެބަ ތިބި ކަމަށެވެ.
މި ދައުވާ މަހުލޫފުގެ މައްޗަށް ސާބިތުވި ނަމަވެސް މަހުލޫފުގެ މަޖިލިސް ގޮނޑިއެއް ނުގެއްލޭނެއެވެ. ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ކުށަށް އެންމެ ބޮޑު އަދަބަކަށް ވެސް ދެވެނީ ހަ މަހުގެ ޖަލު އަދަބަކަށްވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ