ސުނާމީ އެރި ދުވަހު ދިވެހިން ދެއްކި އެއްބައިވަންތަކަމުން މިއަދު އިބްރަތް ލިބިގަންނަންޖެހޭ - މައުމޫން

ސުނާމީ ކާރިސާ ހިނގި ދުވަހު ދިވެހީން ދެއްކި އެއްބައިވަންތަކަމުން އިބްރަތް ލިބިގަންނަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދަކީ ސުނާމީ އެރިތާ 12 އަހަރު ފުރުން ފުރުނު ދުވަހެއެވެ. އަދި ދިވެހި ރާއްޖޭގެ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަސްވެސް މެއެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހު ދިވެހީން ދެއްކެވި އެއްބައިވަންތަކަމުން މިއަދު އިބްރަތް ލިބިގަންނަން ޖެހޭ ކަމަށެވެ.
މައުމޫން ވަނީ އެފަދަ ދުވަހެއް ފާހަގަ ކުރާއިރު ސުނާމީ ކާރިސާގައި ދިވެހީން ދެއްކެވި މަތިވެރި ގައުމީ ރޫހު ގެ ހަނދާން އާކޮށް، އެއިން ޢިބްރަތް ލިބިގަންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
"އާއިލާތައް ވިއްސި ވިހާލިވެގެން ގޮސް، މުޅި ގައުމަށް ވެރިވެފައި އޮތީ ބިރުވެރިކަމާއި ނާމާންކަމާއި ހިތްދަތި ކަމެވެ. އެދުވަހުގެ އެ ނާޒުކު ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްކެވީ ދުލާއި ޤަލަމުން ބަޔާން ނުކުރެވޭ ފަދަ އެއްބައިވަންތަކަމެކެވެ. "ދިވެހި ރާއްޖޭގެ ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަސް" ފާހަގަކުރަނީ އެ ދުވަހު މިދުނިޔެ އާއި ވަކިވެ ދިޔަ ދިވެހީންގެ ޒިކުރާ އާކުރުމުގެ ގޮތުންނާއި އެ ދުވަހު ދިވެހީން ދެއްކެވި އެއްބައިވަންތަ ކަމުން އިބްރަތް ލިބިގަތުމަށެވެ" ރައީސް މައުމޫން ނެރުއްވި ބަޔާނުގައިވެއެވެ.
އެ ދުވަހު ދިވެހި ރައްޔިތުން އިސްކޮށްފައިވަނީ ގައުމީ މަސްލަހަތާއި ގައުމީ އެއްބައިވަންތަކަން ކަމަށާއި ގައުމަށް ދިމާވާ އެފަދަ ކޮންމެ އުނދަގޫ ދަނޑިވަޅެއްގައި ގައުމީ މަސްލަހަތު އިސްކޮށް ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރުމީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"އެދުވަހު އެ ހިތާމަވެރި ކާރިސާ ގައި އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ އަހުންނާއި އުހުތުންގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި މާތް ﷲ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި އެޢާއިލާތަކަށް ތަޢުޒިޔާ ދަންނަވަމެވެ," އެބަޔާނުގައި ވެއެވެ.
އެ ބިރުވެރި އަދި އެހާމެ ހިތްދަތި ކާރިސާގައި 15,000 ދިވެހި ރައްޔިތުންގެ ގެދޮރު ގެއްލި ރާއްޖޭގެ އާބާދީގެ 62 އިންސައްތަ މީހުންނަށް އެކި ކަހަލަ ގެއްލުންތަކާއި ކުރިމަތިލާން ޖެހުނެވެ.
މީގެ 12 އަހަރު ކުރިން، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި، ރާއްޖޭގެ ބޮޑު ބަޔަކަށް އެރި ސުނާމީގެ ސަބަބުން 82 މީހަކު މަރުވެ، 24 މީހަކު ގެއްލިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ